ދުނިޔޭގެ ނަން މަޝްހޫރު މޭކަޕް ބްރޭންޑެއް ކަމަށްވާ "މޭބްލީން"ގެ އެމްބެސަޑަރަކަށް އެކްޓަރު ޝާހްރުކް ހާން ގެ އަންހެން ދަރިފުޅު ސުހާނާ ހާން ވެއްޖެއެވެ.

އުމުރުން އެންމެ 22 އަހަރުގެ ސުހާނާ އެ މޭކަޕް ބްރޭންޑުގެ އެމްބެސަޑަރު ކަން ލިބުމަކީ އޭނާ އަށް ލިބުނު ފުރަތަމަ އިންޓަނޭޝަނަލް އެންޑޯޒްމަންޓުވެސް މެއެވެ. ނިއުޔޯކްގައި ބޭއްވި ހަފްލާގައި އެކަން ހާމަކޮށްފައި ވާއިރު ރަސްމިއްޔާތުގައި ވާހަކަދައްކަމުން ސުހާނާ ބުނީ މޭބްލީން ކަހަލަ އައިކޮނިކް ބްރޭންޑަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ބްރޭންޑަކީ އޭނާގެ ހިތާ ވަރަށް ގާތް ބްރޭންޑެއް ކަމަށާއި ނިއުޔޯކްގައި ކިޔަވަން އުޅުނުއިރު ވެސް އަބަދުވެސް އެ ޕްރޮޑަކްޓް ތަކަށް ލޯބިކުރި ކަމަށެވެ.

ސުހާނާ އަށް ލިބުނު ބޮޑު ކާމިޔާބު ފާހަގަ ކުރަމުން އެކްޓަރު ޝާހްރުކް ހާން އިންސްޓަގްރާމުގައި ސުހާނާގެ ވީޑިއޯ އެއް ޕޯސްޓްކުރަމުން ބުނީ ދަރިފުޅަށް ފަށްފަށުން މަރުހަބާ ކިޔާކަމަށެވެ. ރަސްމިއްޔާތުގައި ސުހާނާ ދެއްކީ ރަނގަޅު ވާހަކަތަކެއް ކަމަށާއި އަމިއްލަ މީހާ ކްރެޑިޓް ނަގާނަމަ ބުނާނީ ސުހާނާ ރަނގަޅަށް ބޮޑުކުރެވިއްޖެ ކަމަށެވެ. އަދި ދަރިފުޅާ މެދު ފަހުރުވެރި ވާކަމަށެވެ. އެ ޕޯސްޓަށް ޖަވާބުދެމުން ސުހާނާ ބުނީ ބައްޕަ ދެކެ އިންތިހާއަށް ލޯބިވާ ކަމަށެވެ.

ބޮލީވުޑްގެ ރަސްގެފާނު ޝާހުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ސުހާނާ ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނައިރު އޭނާ އެންމެ ފުރަތަމަ ފެނިގެންދާނީ ޒޯޔާ އަޚްތަރު ނެޓްފްލިކްސްއާ ގުޅިގެން ހެދި "ދި އާޗީސް" އިންނެވެ. ފިލްމުގެ ޝޫޓިން މިހާރު އެއްކޮށް ނިމިފައި ވާއިރު މި ފިލްމަކީ މުޅިން އާ މޫނުތަކެއް ފެނިގެންދާނެ ފިލްމެކެވެ. އެގޮތުން ބަތަލާ ސްރީދޭވީގެ ހަގު އަންހެން ދަރިފުޅު ހުޝީ ކަޕޫރު އާއި އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްޓިއާ ނަންދާ ވެސް ބޮލީވުޑަށް ތައާރަފް ވާނީ މި ފިލްމުންނެވެ.