ކ. ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި ކ. މާފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރުމުގެ މަސައްކަތް ކޮށްފައި ވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

ގުޅީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، 10.15 ހެކްޓަރުގެ ބިން ހިއްކުމާއި، 940 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 362 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 88 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ދާ މި މަޝްރޫއަކީ 82.99 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މިއަހަރުގެ މާޗްމަހުގެ 20 ވަނަ ދުވަހު އެމްޓިސީސީ އާއި ހަވާލުކުރި މި މަސައްކަތަކީ 450 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މީގެ އިތުރުން ކ. މާފުށީ މާފުށީގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން، 63,711 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރު ބޭސިން ފުންކުރުމާއި، 28,836 ކިއުބިކް މީޓަރުގެ ސަރަހއްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 4,414 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 31 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 680 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 700 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 374 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. އަދި 19 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 1,869 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ 76.48 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ސަރުކާރުން މިމަސައްކަތް ފަށާއިރު މިއީ ގުރައިދޫ ދާއިރާގެ ހުސްވެފައިވާ މަޖިލީހުގެ ގޮނޑިއަށް މީހަކު އިންތިހާބު ކުރުމަށްޓަކައި ސަރުކާރު ޕާޓީ އާއި އިދިކޮޅުން ކެމްޕެއިން ކުރަމުން ދާ ވަގުތެކެވެ.