ނިދާ ކޮޓަރީގައި ބޭނުންކުރާ އެއްޗެހީގެ ތެރެއިން އެންމެ ބޮޑަށް ހަޑިވާނެ އެއްޗަކީ އެނދުގެ ބެޑްޝީޓާއި ބާލީސްއުރައެވެ. އޭގައި ގައިން ބޭރުވެފައި ހުންނަ ޑެޑް ސެލް އާއި ފަންގަލް އެލެމެންޓްސް ފަދަ ބައިވަރު ޖަރާސީމްތައް ބެޑްޝީޓުގައި ހަރުލާފައި ހުންނާނެއެވެ. މީގެ އިތުރުން ގައިން ނުކުންނަ ތެލާއި ދަލާއި މިލަ އާއި މޭކަޕް ވެސް އެންމެ ގިނައިން އުގުޅޭނީ ތަންމަތީގައެވެ. މި ހުރިހާ ހަޑިއެއް ކޮންމެ ދުވަހަކު ބެޑްޝީޓުގައި އުނގުޅޭނެއެވެ.

ނަމަވެސް ކޮންމެ މީހަކުވެސް ވަރުބަލިކަން އިހުސާސް ކޮށްލެވޭ އިރަށް އެންމެ ފުރަތަމަ ވެސް ހަނދާން ވާނީ އަރާމުކޮށްލުމަށް ޓަކައި އެނދުގައި ޖައްސާލާށެެވެ. ނިދަން އޮންނަ އިރު ވެސް މި ހުރިހާ މިލައެއް ގައިގައި އުނގުޅޭއިރު މިކަމުގެ ސަބަބުން ހަމުގެ ތަފާތު މައްސަލަތައް ޖެހެއެވެ.

ގިނަ ވަގުތު އެނދު ބޭނުން ކުރެވޭ ނަމަ ބެޑްޝީޓާއި ބާލީހުގެ ސާފުތާހިރުކޮށް ބަހައްޓަން ބޮޑަށް ސަމާލުވާން ޖެހެއެވެ. އަދި ވަކިން ހާއްސަކޮށް، އެކަކަށް ވުރެ ގިނަ މީހުން ބޭނުންކުރާ އެނދެއް ނަމަ ވަކިން ބޮޑަށް އެނދުގެ ސާފުތާހިރު ކަމަށް ފަރުވާތެރިވާން ޖެހޭނެއެވެ.

ބެޑްޝީޓު ބަދަލުކުރަނީ

ހަފްތާއަކު އެއްފަހަރު ބެޑްޝީޓް ދޮވުމަކީ މުހިންމު ކަމެއް!

ތަޖުރިބާކާރުން ބުނާ ގޮތުގައި ހަފްތާއަކު އެއްފަހަރު ބެޑްޝީޓް ދޮވުމާއި އެނދު ތަންމަތި ބަދަލްކުރުމަކީ މާ ބޮޑު ކަމެއް ކަމުގައި ހީވިޔަސް އެއީ ކުރުން މުހިންމު ކަމެކެވެ. އެއީ މަދު ދުވަސްކޮޅެއް ތެރޭގައިވެސް ބެޑްޝީޓުގައި ކިލާ، ތިބާގެ ހަންގަނޑުން ފައިބާ މަރުވެފައިވާ ސެލްތައް، ހަމުން އުފައްދާ ތެޔޮ، ދާ، ޑަސްޓް މައިޓްސް، އަދި އެފަދަ އެއްޗެތީގެ ނަޖިސް އެއްވާނެއެވެ. ބަލި މީހުންނާއި، ހުސް ގަޔާ ނިދާ މީހުންނާއި ފެން ނުވަރާ ނިދާ މީހުން ބެޑްޝީޓް ދޮންނަންޖެހޭލެއް އަދި މާ ގިނައެވެ.

މީގެ އިތުރުން ހަފުތާއަކު މަދުވެގެން ދެތިން ފަހަރު ބާލީސްއުރަ ބަދަލުކުރުމަށް ވެސް ތަޖުރިބާކާރުން ލަފާދެއެވެ.

ބެޑްޝީޓު ދޮންނަނީ

ބެޑްޝީޓު އަދި ބާލިސްއުރަ މެޝިނުން ދޮންނަ ނަމަ އެތަކެތީގައި ހަރުލާފައި ހުންނަ ހަޑި އެންމެ ފަސޭހައިން ފިލުވާލައި ޖަރާސީމް ނައްތައިލެވޭނީ ހޫނު ފެނުންނެވެ.

އަބަދުވެސް ދެތިން ބެޑްޝީޓް ސެޓް ގެންގުޅޭށެވެ. އޭރުން އެއް ސެޓް ދޮންނައިރު، އަނެއް ސެޓް ބޭނުން ކުރެވޭނެއެވެ. މީގެއިތުރުން ކޮންމެ ދުވަހަކުވެސް ތަންމަތި އަޅާ ސާފުކުރުމަކީވެސް ކުރުން މުހިންމު ކަމެކެވެ.