މާލޭގެ އަމީނި މަގުގެ ތާރު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ އިރު މިހާރު ބިލަބޮންގް ސްކޫލް ސަރަހައްދުގައި ތާރުއެޅުމަށްޓަކައި ތައްޔާރުވުމަށް ވަނީ މަސައްކަތް ފަށާފައެވެ. އެ މަސައްކަތުގެ ތެރެއިން އެ ސަރަހައްދުގެ މަގުގެ ދެފަރާތުގައި ހައްދާފައިވާ ބިޔަ ގަސްތައް ކަނޑަމުން ދާތީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

މުއިއްޒު ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ގަސް އިންދުމާއި މާލެ ފެހި ކުރުމުގެ މަސައްކަތް ކުރަމުންދާ އިރު ސަރުކާރުގެ ކިބައިން ފެންނަނީ ގަސްތައް ކަނޑާ ހުސްކުރަމުން ދާ މަންޒަރު ކަމަށެވެ. އަމީނީ މަގު ގެ ގަސްތައް އެއްކޮށް ނަގަމުން ދަނީ މާލެ ސިޓީ ކައުންސިލް އިން އެކަމާ ދެކޮޅު ހަދަމުން ދަނިކޮށް ކަމަށް މޭޔަރު ވިދާޅުވިއެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ އިރު، އެ މަސައްކަތަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ އެއް ބޭފުޅަކީ މުއިއްޒެވެ. އެގޮތުން އޭނާ ވަނީ، އަމީނީމަގުގެ މަސައްކަތް ދާގޮތުގެ ސަބަބުން ރައްޔިތުން ވަރަށް ބޮޑު ތަކްލީފެއް އުފުލަމުން އަންނަ ކަމަށް ވެސް ވިދާޅުވެފައެވެ.

ނަފްސާނީ ގޮތުންނާއި އިޖްތިމާއީ އެތައް ގެއްލުމެއް ލިބެމުން އަންނަ ކަމަށާއި ރައްޔިތުން ދަނީ ކައުންސިލާއި މިކަންކަން ހިއްސާ ކުރަމުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެންމެ ފަހަރަކު ނަމަވެސް ސަރުކާރުން ކައުންސިލްގެ އަޑު އެހުމަށް އެދިވަޑައިގަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ވާހަކައާ ދެކޮޅަށް އާންމުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުން އަންނަ އިރު، ބައެއް މީހުން ބުނާ ގޮތުގައި، މަގެއްގައި ތާރު އަޅާނަަމަ ގަސްތައް ކަނޑައި މަގު ހުސްކުރަން ޖެހޭނެ ކަން މޭޔަރަށް އެނވަޑައިނުގަންނަވަނީ ތޯ ސުވާލުކޮށްފައި ވެއެވެ. ހަމައެއާއެކު ސަރުކާރާއި ކައުންސިލާ އެއްގަލަށް ނާރާ ކޯޅޭ ކޯޅުމުގައި ރައްޔިތުންނަށް ލިބޭ ގެއްލުންތަކާ މެދު މޭޔަރު ނުވިސްނަވާ ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ.

މީގެ ކުރިން ވެސް އަމީނީ މަގުގެ ފުރަތަމަ ފިޔަވަހީގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އިރު ވެސް، މަގުގެ ޑިޒައިނާ މެދުވެސް މުއިއްޒު ވަނީ ހިތްހަމަޖެހިވަޑައި ނުގަނަންވާ ކަން ފާޅު ކުރައްވާފައެވެ. އަދި ރޯދަ މަސް ފެށެން ވާއިރަށް އަމީނީ މަގު ހުޅުވާލި އިރު، ތާރު ނާޅާ އޮތް ސަރަހައްދުގައި ވަގުތީ ގޮތުން ގާ އެތުރުމުން، އެކަމަށް ވެސް މުއިއްޒު ވަނީ ފާޑުވިދާޅުވެފައެވެ.