ވ. ތިނަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް މިއަދު އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ، ޒީނިޔާ ހަމީދެވެ.

މި މަޝްރޫޢުގެ ދަށުން، 12،800 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރު ބޭސިން ފުންކުރުމާއި، 860 ކިއުބިކްމީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 77 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. އަދި 482 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 66.249 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، މޫރިންގް ބޯއީސް ހަރުކުރުމާއި، 10 މީޓަރުދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.

މީގެ އިތުރުން 16 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 1،874.11 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި، 291 މީޓަރުގެ ސަރަޙައްދެއްގައި ކަބް ހަރުކުރުމުގެ މަސައްކަތްކުރިއަށް ދާނެެއެވެ.

މި މަޝްރޫއަކީ 57.40 މިލިއަން ރުފިޔާއަށް 360 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އެމްޓީސީސީން ބުނީ ވ. ތިނަދޫއަށް ޖާގަ ތަނަވަސް ޒަމާނީ ރީތި ބަނދަރެއް ލިބިގެން ދިޔުމަކީ ރައްޔިތުންނަށް އެތައް ލުއިފަސޭހައަކާއި، ވަރަށް ބޮޑު އުފަލެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި ބާރުބޮޑުވެފައިވާ ރަށުގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބި، ކޮޅުވެއްޓި ފަދަ އުޅަނދުތައްވެސް ކައިރިކުރެވޭނެ ފަދަ ރޭމްޕެއް ބަނދަރަށް އިތުރުވުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ އުޅަނދުފަހަރަށް ފަސޭހައިން ގާތްކޮށް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް ބަނދަރުގެ މަސައްކަތް ނިމުމުން ލިބިގެންދާނެ ކަމަށެވެ.