އައްޑޫ ސިޓީ ވެމްކޯ ކުނިކޮށީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ ކަމަށާއި އެހެންނަމަވެސް އަދިވެސް އެއްކޮށް ނިއްވާނުލެވޭ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ ކުނިކޮށީގައި ރޯވެގެން އެމްއެންޑީއެފްއަށް ރިޕޯޓް ކޮށްފައިވަނީ އީއްޔެ ހަވީރު 16:43 ހާއިރު ކަމަށެވެ. އެ ވަގުތުން ފެށިގެން އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި ސިފައިން އަދި އެފްކޯން، އާއި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ފަޔާރ ލޮރީވެސް ބޭނުންކޮށްފައި ވާއިރު މިވަގުތަށް އަލިފާންގަނޑު ވަނީ ފެތުރުން ކޮންޓްރޯލް ކުރެވިފައެވެ. މިހާރުވެސް އެ ސަރަހައްދުން ވަރަށް ގަދަޔަށް ދުން އަރަމުން އަންނައިރު އަދިވެސް އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައެއް ނުވެއެވެ.
އައްޑޫސިޓީ ކައުންސިލުން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދާއިރު މުހިންމު ބޭނުމެއްގައި ނޫން ގޮތަކަށް އައްޑޫ ލިންކްރޯޑް ބޭނުންކޮށް ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި ސައިކަލުން ދަތުރު ކުރާ ފަރާތްތަކުން މާސްކު އަޅައިގެން ދަތުރުކުރުމުގެ އިތުރުން ކުޑަކުދިން ގޮވައިގެން އެއްގޮތަކަށްވެސް ދަތުރު ނުކުރުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ.
އައްޑޫ އެންމެ ގިނަ މީހުން ބޭނުންކުރާ ލިންކުރޯޑުގެ އެއްފަޅި ބަންދުކޮށްފައި ވާއިރު ފުލުހުން އަންނަނީ އެ ސަރަހައްދުގެ ޓްރެފިކް ބަލަހައްޓަމުންނެވެ. މި ގޮތުން އަލިފާން ނިއްވުމަށް މަގު މެދުން ހޮޅި އަޅާފައި އޮތުމުން ވީހާވެސް މަދުން އެ ސަރަހައްދުން ދަތުރު ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.