ވޭތުވެ ދިޔަ ސަރުކާރުތަކުން ކ. ގުޅި ބާކީކޮށްލާފައި އޮތް ކަން ފާހަގަ ކުރައްވާ އެ ރަށުގެ ކައުންސިލްގެ ރައީސް މޫސާ ސަފީލް އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

އޭނާ އެމްޑީޕީއާ ގުޅިވަޑައިގެންފައި މި ވަނީ ކ. ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނަށް ތައްޔާރުވަމުން އަންނަ ދުވަސްވަރާއި އަންނަ ރިޔާސީ އިންތިހާބާ ވެސް ދިމާކޮށް ގިނަ ބަޔަކު އެމްޑީޕިއާ ގުޅެމުން އަންނަ ދުވަސްވަރެއްގައެވެ.

މޫސާ ވިދާޅުވީ، މިއަދު އޭނާ އެމްޑީޕީއަށް ސޮއި ކުރެއްވީ ވޭތުވެ ދިޔަ ސަރުކާރުތަކުން އެރަށް ބާކީ ކޮށްލާފައި އޮތް އޮތުން ނިމުމަކަށް ގެންނެވުމަށް ކަމަށެވެ. އެ ރަށުގެ ތަރައްގީއަށް ބޭނުންވާ އެންމެހާ ކަންކަން މިސަރުކާރުން އެންމެ ފުރިހަމަ ގޮތުގައި ކޮށްދެމުން ގެންދާ ކަން ހިތުގެ އަޑިން ގަބޫލު ކުރައްވާ ކަމަށް މޫސާ ވިދާޅުވިއެވެ.

އަދި މިއަދު ސޮއިކުރެއްވީ، މިހާރު ކުރިޔަށްދާ ކަންކަމާ ކުރިއަށް ގެންދެވެން ހުރި އެންމެހާ ކަންކަން ކުރިއަށް ގެންދިއުމުގައި ސަރުކާރަށް އިތުބާރާއި ޔަގީންކަން ދިނުމުގެ ގޮތުން ކަމަށް ވެސް އެނާ ވިދާޅުވިއެވެ. އެކަންކަން ހާސިލް ކުރެވޭނީ މިއަދުގެ ސަރުކާރާއެކު އެންމެން ތިބެގެން ކަމަށާއި ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރެއްގެ ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް ހޮވައިގެން ކަމށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދު ގުޅީގައި ކުރިއަށް ގެންދިޔަ އެމްޑީޕީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަމުން ވެސް އެ ރަށުގެ ކައުންސިލްގެ ރައީސް އެމްޑީޕީއާ ގުޅިވަޑައިގަތުމަކީ އުފާވެރިކަމެއްގެ ގޮތުގައި ވަނީ ސިފަ ކުރައްވާފައެވެ.