މިދި އަންގާރަ ދުވަހުން ފެށިގެން ޔަހޫދީން އަލް އަގްސޯ މިސްކިތަށް ވަދެ ނަމާދަށް ތިބޭ މީހުންގެ ގައިގާ ތަޅާ އަނިޔާ ކުރާ މައްސަލައިގައި އުރުދުން އިން އިޒްރޭލަށް އިންޒާރު ދީފިއެވެ.

އުރުރުންގެ ފޮރިން މިނިސްތްރީގެ ތަރުޖަމާން އެމްބެސެޑަރު ސިނާން އަލް މަޖާލީ ނެރުއްވި ބަޔާނެއްގައި ބުނީ މިސްކިތް (އަގްސޯ) ހުސް ކުރުމުގެ ބޭނުމުގައި އެ މިސްކިތުގައި ނަމާދަށް ތިބޭ މީހުންނަށް ޖެއްސުންކޮށް ދެން ހަދައިފި ނަމަ ނަތީޖާ ހިތިވާނެ ކަމަށާއި ޒިންމާ އުފުލަން ޖެހޭނީ އިޒްރޭލުން ކަމަށެވެ.

އަދި ޔަހޫދީންގެ އެ އަމަލުތަކުގެ ސަބަބުން މަގު ހުޅުވެނީ ހަމަނުޖެހުމަށް ކަމަށާއި އެފަދަ ހަމަނުޖެހުންތަކުގެ އަގު އެންމެން ދައްކަން ޖެހޭ ކަމަށެވެ.

"ޖަރޫސަލަމާއި ހިފާފައިވާ ބިންތަކުގައި އުފެއްދެމުން ދާ ހަމަނުޖެހުންތަކުގެ ޒިންމާވެސް އުފުލަން ޖެހޭނީ އިޒްރޭލުން، އަދި އަޅުކަމުގައި ތިއްބާ މިސްކިތަށް ވަދެ އެމީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާ ނުތަނަވަސްކަން ކުރިމަތި ކުރުމުން ހާލަތު ވާނީ ގޯސް"
އުރުދުންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން

އުރުދުން އިން މިފަދަ ބަޔާނެއް މި ނެރުނީ މިއަދު އިޒްރޭލުން ނެރުނު ބަޔާނެއް ނަފީކުރުމުގެ ގޮތުންނެވެ. މިއަދު އިޒްރޭލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އަގްސޯ މިސްކިތް ބޭނުން ކުރަނީ ހަމާސް އާއި އެހެން ޓެރަރިސްޓް އޯގަނައިޒޭޝަނަށް ނިސްބަތްވާ މީހުން ފިލާތިބެން ކަމަށާއި އެއީ ނުރައްކާތެރި ހައްދުފަހަނައަޅާފައި ތިބި ބައެއް ކަމަށެވެ. އަދި އިޒްރޭލުން ވަނީ، މިސްކިތުގައި ތިބި ހައްދުފަހަނައެޅި ޖަމާއަތްތަކުގެ މީހުން ބޭރުކުރުމަށް އުރުދުންގެ ވަގްފް ގާޑަށް ގޮވަލާފައެވެ.

ވަގްފް ގާޑަކީ، އަގްސޯ މިސްކިތުގެ ކޮމްޕައުންޑް ނުވަތަ ގޯތިތެރެ ބެލެހެއްޓުމަށް އުރުދުންގެ ސަރުކާރުން އައްޔަން ކޮށްފައި އޮންނަ ޖަމާއަތެވެ.

އިޒްރޭލުން ބުނާގޮތުން، އަގްސޯ މިސްކިތުގައި އަޅުކަމުގައި ތިބި މީހުން ދަނީ އިޒްރޭލާ ދެކޮޅަށް ހަމަނުޖެހުން އުފައްދަން ރާވަމުންނެވެ. އެކަމުގައި ބައިވެރި ވުމަށް ބުދަ ދުވަހުވެސް ގިނަ އަދަދެއްގެ ޒުވާނުން މިސްކިތަށް ވަދެ ދޮރޮތައް ތަޅުލި ކަމަށް ބުނެއެވެ.

ބަހަނާގެ މައްޗަށް ބަހަނާ އުފައްދާ ޔަހޫދީ އިޒްރޭލުން އަގްސޯ މިސްކިތަށް ވަންނަނީ މުސްލިމުން ނިކަމެތިކޮސް މުސްލިމުންގެ މުގައްދަސް އެއް މިސްކިތުގެ ހުރުމަތް ކަނޑާލުމަށެވެ. އަދި މިއީ ސިލްސިލާކޮށް ކޮންމެ އަހަރެއްގެ ރޯދަމަހު ޔަހޫދީން ހިންގާ ޖަރީމާއެއް ނަމަވެސް ހުޅަނގާއި އެމެރިކާއަށް މިތަންތަނެއް ނުފެނެއެވެ.