ހދ. ހަނިމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިފައިވަކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ އަގަކީ 15.65 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއުގެ ދަށުން، 19،870 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 6،525 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމުގެ މަސައްކަތްވަނީ ކޮށްފައެވެ. އަދި 704 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 140 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މީގެއިތުރުން 90 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި 2،583 އަކަ މީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުމާއި، ޖެޓީއެއް ހެދުމާއި، ބްރިޖެއް ހެދުމާއި، ރޭމްޕެއްހެދުމުގެ އިތުރުން ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

އެމްޓީސީސީ އިން ބުނީ 2003 މީހުން ދިރިއުޅޭ ހދ. ހަނިމާދޫ އަކީ އުތުރުގެ އަތޮޅުތަކުގެ ބޮޑު އާބާދީއެއް ވައިގެ ދަތުރުފަތުރު ކުރުމަށް މިހާރުވެސް ބަރޯސާވަމުން އަންނަ ރަށެއްކަމަށާއި ހަނިމާދޫ އެއަރޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ އެންމެ ބޮޑު އެއް ސަބަބަކީވެސް އެއީ ކަމަށެވެ. މިއީ އުތުރުގެ ތަރައްގީއާއި ވެސް ގުޅިފައިވާ މުހިންމު ނާރެހެއްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ އުތުރުގެ ރަށްރަށުން އެކިއެކި ބޭނުމަށް ހަނިމާދޫ އަށް ކޮންމެ ދުވަހަކުހެން ދަތުރުފަތުރުކުރާ ކަމަށެވެ.

އެހެންކަމުން ޖާގަ ތަނަވަސް ޒަމާނީ ބަނދަރަކަށް ކުރީގެ ކުޑަ ބަނދަރު ބަދަލުވެގެން ދިޔުމަކީ މިއަދު ރައްޔިތުންނަށް އެތައް ލުއިފަސޭހައަކާއި، ވަރަށް ބޮޑު އުފަލެއް ލިބިގެންދާނެކަމެއްކަން އެމްޓީސީސީންވަނީ ބުނެފައެވެ. އިތުރަށް އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ބަނދަރު ތަރައްގީކޮށް ނިމުމުން ބާރުބޮޑުވެފައިވާ ރަށުގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބި، އިތުރުވަމުންދާ އުޅަނދުފަހަރަށް ފަސޭހައިން ގާތްކޮށް ލަފާފުރުމުގައި ގިނަފަސޭހަތަކެއް މިހާރު ހަނިމާދޫ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ލިބިގެންދާނެކަމަށެވެ.

އިތުރަށް އެމްޓީސީސީން ބުނީ ބަނދަރު ތަރައްގީކުރެވި ފުރިހަމަވެގެންދިޔުމަކީ އިގްތިސާދީ ގޮތުން ބެލިކަމުގައި ވިޔަސް މިކަމުގެ ފައިދާ ހިނިމާދޫއަށާއި އަދި އެ ރަށް ކައިރީގައިވާ އެހެނިހެން ރަށްތަކުގެ ރައްޔިތުންނަށް ލިބިގެންދާނެ މުހިއްމު މަޝްރޫއެއްކަމަށެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ. 1980ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.