ދިވެހިންގެ ތެރޭގައި ތިބި ހުނަވެރި އެތައް ފޮޓޯގުރާފަރުންނެއްގެ ތެރެއިން އައްޑޫއަށް އުފަން އަހުމަދު ސުހެއިލް ސައީދު(27އ.)އަކީ ފާހަގަ ކޮށްލެވޭ މޮޅު ފޮޓޯގުރާފަރެކެވެ. އޭނާގެ ފޮޓޯތައް ފެންނަ ކޮންމެ މީހަކު ވެސް އޭނާގެ ހުނަރާމެދު ޝައްކެއް ނުކުރާނެއެވެ.

އެންމެ ކުޑައިރުންސުރެ ފޮޓޯ ނެގުމަށް ޝައުގުވެރިކަން ހުންނަ ސުހެއިލް އަށް އޭނާގެ އަމިއްލަ ފޯނެއް ލިބުނީ އޭނާގެ އުމުރުން 14 އަހަރުގައެވެ. އެފޯނަކީ އޭނާގެ ހުނަރު ދައްކާލަން ލިބުނު ރަނުގެ ފުރުސަތަކަށް ވިއެވެ. އެއަށް ފަހު އޭނާއަށް ލިބުނީ ރަހުމަތްތެރިއަކު ދިން ކެމެރާއެކެވެ. އޭގެން އޭނާ ފުރަތަމަ ނަގަން ފެށީ ތަފާތު މަންޒަރުތަކެވެ. އެއަށްފަހު ރައްޓެހިން ފޮޓޯ، އަދި ކޮއްކޮމެންގެ ފޮޓޯ އޭނާ ނަގަން ފެށިއެވެ. ޕްރޮފެޝަނަލީ އޭނާ ފޮޓޯ ނަގަން ފެށީ 2014 ވަނަ އަހަރުއެވެ.

އެއީ އޭނާ ފޮޓޯގުރަފާއެއްގެ ގޮތުގައި ރިސޯޓެއްގައި މަސައްކަތްކުރަން ފެށި ހިސާބުންނެވެ. އެއީ އޭރު އޭނާ ނަގާފަ ހުރި ފޮޓޯތައް ޕޯޓްފޯލިއޯ ގޮތަށް ރިސޯޓަށް ފޮނުވައިގެން ލިބުނު އޮފާއެއް ކަމަށް ސުހެއިލް ބުންޏެވެ. އޭނާ ރިސޯޓަށް ފޮޓޯގުރަފާގެ ވަޒީފާގެ ގޮތުގައި ދިޔައީ ސްކޫލު ނިންމިތަނާ ހެންނެވެ.

ސުހައިލް ނަގާފައިވާ ފޮޓޯއެއް

ރިސޯޓުގައި 2 އަހަރު މަސައްކަތްކޮށްފައި އޭނާ ނިންމީ ފްރީލާންސްކޮށް އަމިއްލައަށް މި މަސައްކަތް ކުރާށެވެ. ރިސޯޓުން ކެނޑެން ނިންމި ދުވަހަކީ އޭނާ މިދާއިރާގައި ހޭދަވި ދުވަސްތަކުން ވެސް އެންމެ ފާހަގކޮށްލެވޭ ދުވަސް ކަމަށް ސުހެއިލް ބުންޏެވެ. " ދުވަހަކުވެސް ހިއެއް ނުކުރަން ފްރީލާންސްކޮށް މިކަން ކުރެވޭނެ، ވަރަށް ދުވަހުން އެ ޑީސިޝަން ނެގުނީ، އެއީ ވަރަށް ބޮޑު ސްޓެޕެއް ކެރިއާގައި ނެގުން" ސުހެއިލް ބުންޏެވެ.

ވަޒީފާއިން ކެނޑުނު ގޮތަށް ހުއްޓުމެއް ނެތި ދާއިރާއިން ކުރިއަށް:

ވަޒީފާއިން ކެނޑިގެން އޭނާ ފުރަތަމަ ވެސް ގަތީ އަމިއްލަ ކެމެރާއެކެވެ. އެކެމެރާ ލެންސުން އެތައް ފުރިތަމަ ފޮޓޯތަކެއް ނަގަމުންދިޔައިރު އޭނާ ދިޔައީ ފޮޓޯގުރަފީގެ ދާއިރާއިން ދުވަހަކަށް ވުރެ ދުވަހެއް ކުރިއަރަމުންނެވެ. އެތައް ބަޔަކަށް އޭނާގެ ފޮޓޯތައް ކަމުދެއެވެ.

ސުހައިލް ނަގާފައިވާ ފޮޓޯއެއް

މި މަސައްކަތުގައި ބައެއް ފަހަރު މުޅި ދުވަސް ހޭދަކުރަންޖެހޭއިރު ސުހެއިލް ބުނާގޮތުގައި މިއީ ވަޒީފާއެއްގެ ގޮތުގައި ކުރަން ވަރަށް ރަނގަޅު މަސައްކަތެކެވެ. 2019ގައި ވަޒީފާއިން ކެނޑުނު ގޮތަށް އަމިއްލަ މަސައްކަތުން މިހިސާބަށް އައިސްފައިވާއިރު އޭނާ ބުނީ ލިބޭ އާމްދަނީ އާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަމިއްލައަށް މަސައްކަތްކޮށްގެން އުޅެވޭ ވަރުވުމަކީ އޭނާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް އޭނާ ދެއެވެ.

ސުހެއިިލް ބުނާގޮތުގައި އޭނާއަށް ވަރަށް ހިތްހަމަޖެހޭ ކޮމެންޓު ލިބެއެވެ. އަދި އެންމެން ވެސް އޭނާ ނަގާ ފޮޓޯތައް ވަރަށް ރީއްޗޭ ބުނާ ކަމަށް އޭނާ ބުނެއެވެ. އަދި ރިސޯޓުތަކަށް ވެސް ވަކިން ހަޔާ ކޮށްގެން ގެންދާކަން އޭނާ ފާހަގަކުރިއެވެ.

ސުހައިލް ނަގާފައިވާ ފޮޓޯއެއް

ސުހެއިލް އެންމެ ނަގާ ހިތުން ނަގަނީ އޮކޭޝަނަލް ފޮޓޯ ގުރަފީއެވެ. އެނާ މިހާތަނަށް އެންމެ ގިނައިން ނަގާފައި ހުންނާނީ ފެޝަން ފޮޓޯ ކަމަށް ސުހެއިލް ބުންޏެވެ. މިގޮތުން ލޯކަލް ބްރޭޑުތަކަށް ވަރަށް ގިނައިން މަސައްކަތްކުރާ ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން ވެޑިން ފޮޓޯ ވެސް ކޮންމެސް ވަރަކަށް ނަގާ ކަމަށް ސުހެއިލް ވަނީ ބުނެފައެވެ.

ސުހެއިލްއަށް މިހާތަނަށް ނެގުނު އެންމެ ރީތި ފޮޓޯގެ ގޮތުގައި ނެގީ ރިސޯޓެއްގައި ބީޗުގައި ކަޕުލްއަކަށް ނެގި ފޮޓޯތަކެވެ. އެއީ 2019ގައި އެނާ ނެގި ފޮޓޯތަކެކެވެ. މި ފޮޓޯތަކާމެދު ކްލައިންޓުން ވެސް ވަރަށް ބޮޑަށް ހިތްހަމަ ޖެހުނު ކަމަށް އޭނާ ބުންޏެވެ.

ސުހައިލް ނަގާފައިވާ ފޮޓޯއެއް
ސުހައިލް ނަގާފައިވާ ފޮޓޯއެއް

ކޮންމެ ދާއިރާއަކީ ވެސް ގޮންޖެހުންތައް ހުންނާނެ ދާއިރާއެއް ކަން ޔަގީނެވެ. އެގޮތުން މިދާއިރާގައި ވެސް ގޮންޖެހުންތައް ހުރި ކަމަށް ސުހެއިލް ބުންޏެވެ. އެގޮތުން ބައެއް ފަހަރު ފޮޓޯ ނަގައިދޭ އަގު ބޮޑު ކަމަށް ބުނުމާއި، ރިސޯޓުތަކަށް އައުޓްސައިޑާ ފޮޓޯގުރާފަރުން ގެންދިއުމުގައި ދަތިތައް ހުރި ކަން އޭނާ ފާހަގަކުރިއެވެ.

މިދާއިރާއިން ކުރިއަރަން ބޭނުންވާ ކުދިންނަށް ސުހެއިލް ދޭން ބޭނުންވާ މެސެޖަކީ "މިކަމަށް ވަރަށް ފޯކަސްކޮށް، މިކަމަށް އެއްކޮށް ވަގުތު ދީގެން ހަމަ ކުރަންޏާ ވަރަށް ރަނގަޅު އާމްދަނީ ލިބޭ މަސައްކަތެއް މިއީ، ޕެޝަން ހުރެފަ ޓެލެންޓް ހުރިއްޔާ ހަމަ ކޮންމެ ކުއްޖަކަށް ވެސް ވާނެ"އެވެ.