ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ބިޕާޝާ ބާސޫ 44، ގެ އަލަތު ދަރިފުޅުގެ މޫނު ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ބިޕާޝާ ވިހޭއިރު، އޭނާ އަށް ލިބުނީ އަންހެން ކުއްޖެކެވެ. ދޭވީ ބާސޫ ސިންހް ގްރޯވަރުގެ ނަމުން ނަންދީފައިވާ އު ކުއްޖާ ވިހެއުމާ ހަމައިން ފެށިގެން ގެންގުޅުނީ ޕަޕަރާޒީންގެ ލޯތަކަށް ވަރަށް ފޮރުވައިގެންނެވެ. ކުއްޖާ އަށް ފަސް މަސް ވީއިރުވެސް ކުއްޖާގެ ފޮޓޯ އާންމުކޮށްފައެއް ނުވެއެވެ. ނަމަވެސް އިއްޔެ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ ކުއްޖާގެ މޫނު ފެންނަހެން ނަގާފައިވާ ދެ ފޮޓޯއެއް ހިއްސާކޮށްފައެވެ. މިއީ ދޭވީ އާންމުންނަށް ދައްކާލި ފުރަތަމަ ފަހަރުވެސްމެއެވެ.

ދޭވީ ވައްތަރީ ބިޕާޝާގެ ފިރިމީހާ އެކްޓަރު ކަރަން ސިންހް ގްރޯވަރު އާ ކަމަށް ގިނަ ބަޔަކު ބުނެ ވަނީ އެ ފޮޓޯއަށް ކޮމެންޓްވެސް ކޮށްފައެވެ. މީގެ ކުރިން ބިޕާޝާ ބުނީ ދަރިފުޅު ލިބުމަކީ ވަރަށް ވެސް އެހެން ކަހަލަ އިހުސާސްތަކެއް ކުރުވާ ކަމެއް ކަމަށާއި އާއިލާ އާއެކު ގިނަ ވަގުތު ހޭދަކުރަން ބޭނުންވާކަމަށެވެ.

ކަރަން އާއި ބިޕާޝާ ކައިވެނިކުރީ 2016 ވަނަ އަހަރުގައެވެ. 2015 ވަނަ އަހަރު ނުކުތް ފިލްމު "އެލޯން"ގެ ސެޓުން ދެމީހުން ދިމާވެ ލޯބިވެ ކައިވެންޏާ ހަމައަށް ދިޔައެވެ. ކަރަން ވަނީ މީގެ ކުރިން ދެ ކައިވެންޏެއްކޮށްފައެވެ. އެއީ ޓީވީ ބަތަލާ ޖެނިފާ ވިންގެޓް އާއި ޝްރައްދާ ނިގާމް އާއެވެ. ޖެނިފާ އާއި ކަރަން 2012 ވަނަ އަހަރު ކައިވެނިކުރި އިރު އެ ކައިވެނި ރޫޅުނީ 2014 ވަނަ އަހަރުގައެވެ. ބަތަލާ ޝްރައްދާ އާއި ކަރަން ކައިވެނި ކުރީ 2008 ވަނަ އަހަރުގައެވެ. އެ ކައިވެނި ނިމުމަކަށް އައީ 2009 ވަނަ އަހަރުއެވެ. މީގެ ކުރިން ދެ ކައިވެންޏެއް ކުރި ނަމަވެސް އެއިން އެއްވެސް ކައިވެންޏަކަށް ދަރިން ލިބިފައެއް ނުވެއެވެ.