އައްޑޫ ސިޓީގެ ކޮންމެ ސަރަހައްދެއްގައި އިޖްތިމާއި ކޮންމެ މަސައްކަތެއް ކުރިއަސް އެއީ ފެންނަ މޫނެކެވެ. އުމުރުން އެންމެ 12 އަހަރުގައި އިޖްތިމާއީ މަސައްކަތަށް އުފެދުނު ލޯތްބާއެކު އައްޑޫ ސިޓީގައި ކުރެވޭ ކޮންމެ އިޖްތިމާއީ މަސައްކަތެއްގައި ބައިވެރިވުމަކީ 'އޭނާގެ' އުފަލެކެވެ. އެއީ މުޅި ސިޓީގެ އެންމެންވެސް ދަންނަ، އެންމެންނާވެސް އެކުވެރި ހައްވާ ޒާހިރާ(ޒެޑް) ސ. ފޭދޫ މުބޭލީވިލާގެ އެވެ.
ޒެޑްއަކީ ތަފާތު މިޒާޖުގެ ގިނަ މީހުންނާ އެކު އިޖްތިމާއީ މަސައްކަތް ކުރަމުން ދާ ހީވާގި މުރާލި ކަނބަލެކެވެ. އެންމެ ފުރަތަމަ އުފެދުނު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި އިންތިހާބުވި ދުވަހުން ފެށިގެން ޒެޑްގެ އަޒުމަކަށް ވީ ރަށުގެ އިޖްތިމާއީ، އިގްތިސޯދީ އަދި ތަރައްގީގެ ކޮންމެ ކަމެއްގައި ހުރިހާ ފިކުރެއްގެ މީހުންނާ ގުޅިގެން މަސައްކަތް ކުރުމެވެ. ޒެޑްގެ އެ އަޒުމާ ހިތްވަރުގެ ނަތީޖާވެސް ފޮންޏެވެ. ޖެހިޖެހިގެން ޑަބްލިއުޑީސީގައި ތިން ދައުރު ފުރިހަމަ ކުރެވޭނީ ހަމަ ޔަގީނުންވެސް ގިނަ ބައެއްގެ ލޯތްބާ ސަޕޯޓާ އެއްކޮށްކަން ޔަގީނެވެ. މިހާރުވެސް އައްޑޫ ސިޓީ ފޭދޫ ޑަބްލިއުޑީސީ މެންބަރުކަން ކުރަމުން އަންނަ ޒެޑް ބުނީ އިޖްތިމާއީ މަސައްކަތަކީ ވަރަށް ކުރާ ހިތުން އެކަމަށް ވަގުތު ހުސްކޮށްގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.
"އިޖްތިމާއީ މަސައްކަތުގައި އުޅޭއިރު ވަރަށް އުފާވާ އަދި ދެރަވެ މާޔޫސްވާ ކަންތައްތަކާވެސް ކުރިމަތިވޭ. އެކަމަކު ގަބޫލުކުރަނީ ކޮންމެ ކަމެއްވެސް ކާމިޔާބުވަނީ ގޮންޖެހުންތަކާ އެކުވެސް ކުރެވޭ ބުރަ މަސައްކަތުންކަމަށް." ޒެޑް ބުންޏެވެ. އިޖްތިމާއީ މަސައްކަތުގައި މިހާތަނަށް އެންމެ އުފާވި ދުވަހުގެ ހަނދާންތައް އާކުރަމުން ޒެޑް ބުނީ ސިޔާސީ ގޮތުން ބައިބައިވުން އުފެދިފައިވާ ދުވަސްވަރެއްގައި، ހުރިހާ ފިކުރެއްގެ މީހުން ބައިވެރިކޮށްގެން ބޭއްވުނު އަޟްހާ އީދުގެ ހަރަކާތްތަކަކީ ދުވަހަކުވެސް ހަނދާނުން ފޮހެވިގެންދާނެ ހަރަކާތްތަކެއް ނޫންކަމަށެވެ.
އޭރު އައްޑޫގައި އެންމެ ފޯރިއާއި އެކު ކުޅުނު ބަށި އަދި ވޮލީވެސް ކުޅުނު ޒެޑް މިހާރު ފެންނަނީ ޓީމްތައް ގޮވައިގެން މުބާރާތްތަކަށް ނިކުންނަތަނެވެ. ވޮލީ ޓީމްގެ މެނޭޖަރެއްގެ ގޮތުގައި ޓީމަށް ގިނަ ކާމިޔާބީތައް ހޯދާދީފައިވާ ޒެޑްގެ އަޒުމަކީ ކުޅިވަރުގެ ދާއިރާއަށްވެސް އޭނާގެ ގާބިލުކަންހުރި މިންވަރުން އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އިޖްތިމާއީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި އުފާވާ ދުވަސްތައް އަންނަ ފަދައިން މާޔޫސްކަމާ ހިތްދަތިކަންވެސް ދިމާވާކަމަށް ޒެޑްވަނީ ބުނެފައެވެ. "މިހާރުވެސް އިޖްތިމާއީ މަސައްކަތުގައި އެންމެ ދެރަވި ދުވަހަކީ ޑަބްލިއުޑީސީ މެންބަރެއްގެ ގޮތުގައި ހުރެ ޑަބްލިއުޑީސީ ޓީމާ ދެކޮޅަށް ވޮލީ ޓީމެއް އުފައްދާ ގައުމީ މުބާރާތުގައި ބައިވެރިކުރެވުނު ދުވަސް. އެއީ އަސްލު ދިމާވި ވަރަށް ގިނަ ގޮންޖެހުންތަކާ އެކު ވަރަށް ގިނަ ބައެއްގެ އެދުމާއެކު ކުރަން ޖެހުނުކަމެއް. އެކަމަކުގެ ސަބަބުން އެ ފަހަރު ގައުމީ މުބާރާތުގެ ތަށި ފޭދޫއަށް ގެއްލިގެން ދިޔައީ" އިޖްތިމާއީ މަސައްކަތުގައި ދިމާވި އެންމެ ހިތްދަތި އެއް ދުވަސް މަތިން ހަނދާންކުރަމުން ޒެޑް ބުންޏެވެ.
ޒެޑް ގަބޫލުކުރާ ގޮތުގައި އެފަދަ ކޮންމެ ކަމަކީ ކުރިއަށް ދިއުމަށް ލިބޭ އިތުރު ފިލާވަޅެކެވެ. ހިތްވަރެކެވެ. އެ ހިތްވަރާއެކު އަދިވެސް ޒެޑް ހުރީ ސާބިތުކަން މަތީގައެވެ. މިހާރުވެސް އައްޑޫ ސިޓީގައި ކުރެވޭ ކޮންމެ އިޖްތިމާއީ ކަމެއްގެ އެންމެ ކުރީގައި ޒެޑް ހުންނާނެއެވެ. ކަންކަން ނިންމުމުގައި ޒެޑްގެ ބައިވެރިވުމާ ހިޔާލު ހުށަހަޅައެވެ. އަމަލީ ގޮތުން ކޮންމެ މަސައްކަތެއްގައި ވެސް ބައިވެރިވެއެވެ. އަންހެނުންގެ ހައްގުތައް ހޯދައިދިނުމަށް ސިޓީ ކައުންސިލާ އަދިވެސް އެފަދަ ގިނަ ފޯރަމްތަކުގައި ވަކާލާތު ކުރެއެވެ. "އަޅުގަނޑަށް މިހާ ދުވަސްވަންދެން މި މަސައްކަތް ކުރެވުނީ އާއިލާ އާއި ފޭދޫ ރައްޔިތުން އަދި ގާތް ރަހްމަތްތެރިންގެ އެހީތެރިކަމާ އެއްބާރުލުމާއެކު. ހާއްސަކޮށް އިޖްތިމާއީ މަސައްކަތުގެ އިތުރުން ކުރާ ކޮންމެ މަސައްކަތެއްގައި ވެސް ކުރިއަށް ދިއުމަށް އަބަދުވެސް އެންމެ ބޮޑު އެހީތެރިކަމާއި އެއްބާރުލުމެއް ދޭ އެއް ފަރާތަކީ އާމިނަތު ޖަމީލާ". އިތުރަށް ޒެޑް ބުނީ އިޖްތިމާއީ ކޮންމެ މަސައްކަތެއް ކުރުމުގައިވެސް ރަށުގެ ވިޔަފާރިވެރިންގެ ފަރާތުން ބޮޑު އެހީތެރިކަމަކާ އެއްބާރުލެއް ލިބޭކަމަށެވެ. "މި މަސައްކަތްކުރިއަށް ގެންދެވެނީ ރަށުގެ ވިޔަފާރިވެރިންގެވެސް ވަރަށް ބޮޑު އެހީތެރިކަމަކާއެކު. ކޮންމެ ކަމެއްގައިވެސް އެހީތެރިކަން ލިބޭކަން ފާހަގަކޮށް ޝުކުރު އަދާކުރަން" ޒެޑް ބުންޏެވެ.
ޒެޑްއަކީ އިޖްތިމާއީ މަސައްކަތުގެ އިތުރުންވެސް ދިރިއުޅުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރާ ހިވާގި ކަނބަލެކެވެ. އަބަދުވެސް އަމިއްލަ ވިޔަފާރިއެއް ފެށުމުގެ ހުވަފެން ދެކެމުން އަންނަ ޒެޑް ވިޔަފާރި ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ އޭނާގެ މަންމަކުރަމުން ދިޔަ މަސައްކަތަށް އެހީތެރިވުމުގެ ތެރެއިންނެވެ. "މަންމައަކީ ދިވެހި ބޭސްވެރިއެއް. އުގަންނާ ދީ ކޭކުގެ ވިޔަފާރިވެސްކުރި މީހެއް. މަންމައަށް އެހީތެރިވުމަށް ފެށި އެ މަސައްކަތުން ރަނގަޅު އާމްދަނީއެއް ލިބޭ. އެހެންކަމުން އެ މަސައްކަތް ކުރަން ފެށީ" ޒެޑް ބުންޏެވެ. އެހެންނަމަވެސް ކައިވެންޏެއްކޮށް، ދަރިން ލިބި ދިރިއުޅުން މާލެއަށް ބަދަލުކުރި ހިސާބުން ބައެއް ކަހަލަ މަސައްކަތްތައް ހުއްޓުނެވެ.
މާލޭގައި ދިރިއުޅެމުންވެސް ކޭކު އެޅުމުގެ މަސައްކަތް ހުއްޓާލާކަށް ޒެޑް ބޭނުމެއް ނުވިއެވެ.
އެހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެ ވިޔަފާރި ހުއްޓާލަންޖެހުނަސް ޒެޑްގެ އަޒުމެއް ނުގުޑިއެވެ. މިހާރު ޒެޑްކުރަމުން ދާ މަސައްކަތަކީ އައްޑޫގައި މުޅިން އަލަށް ތައާރަފްވި ކަވި މަސައްކަތެކެވެ. ކޮންމެ ހަފްލާއަކަށްވެސް ބޭނުންވާ ރީތި މާ ބޮޑި ހެދުމުގެ މަސައްކަތް ޒެޑްކުރަމުން ދަނީ ޝައުގުވެރިކަމާއެކުގައެވެ. މީގެ އިތުރުން ބުފޭ ފޮތި، އަދި އެކިއެކި ހަފްލާތަކަށް ސަގާފީ ހެދުންތައް ކުއްޔަށް ދޫކުރުމުގެ މަސައްކަތްވެސް ޒެޑް ކުރެއެވެ. "މި މަސައްކަތް ފުޅާކުރަން ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރި. އެކަމަކު މިހާރު އެންމެ ބޮޑު އަޒުމަކީ މި ވިޔަފާރިފުޅާކޮށް މުޅި އަތޮޅަށް ހުޅުވާލުން" ޒެޑް ބުންޏެވެ.
ޒެޑް ކޮންމެ ހަފްލާއަކުން ފެނުނުނަސް އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަންނަ އެއްކަމަކީ ހަފްލާތަކާ ގުޅޭ ގޮތަށް ހެދުން އަޅުމެވެ. އަބަދުވެސް އެ އިވެންޓަކާ ގުޅޭ ގޮތަށް ހެދުން އެޅުމަށް އިސްކަމެއް ދޭ ޒެޑް އަކީ މީގެ ކުރިން ދެ ޖިންސުގެ މީހުން ބޯކޮށައިދިނުމާ، އެ ޒަމާނުގައި ކުރަމުން ދިޔަ ފެންވަރަށް މޭކަޕްކޮށް ދިނުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިޔަ ނަމޫނާއެކެވެ. އޭރު އެކަމަށް އުފެދުނު ޝައުގުވެރިކަމާ އޭރު ލިބުނު ހުނަރާ ތަޖްރިބާ މިހާރު ވެސް ޒެޑްގެ ހެދުން އެޅުމުގެ ވައްޓަފާޅިން ފެނިގެންދެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓިގައިވެސް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ޒެޑް ބުނީ އެންމެ ފުރަތަމަ ސިޔާސީ މަސައްކަތް ފެށުނީ ރާއްޖޭގައި އޮންނަނެ 'ނިޒާމެއް' ކަނޑައެޅުމަށް ނެގުނު ވޯޓުގެ ތެރެއިން ކަމަށެވެ. މީގެ 17 ވަރަކަށް އަހަރު ކުރިން ފެށި ސިޔާސީ މަސައްކަތަށް މިހާރު މަޑުމަޑުން ޝައުގުވެރިކަން ކުޑަވަމުންދާކަން ފާހަގަކޮށް ޒެޑްބުނީ އެކަމުގައި ވަރަށް ގިނަ ސަބަބުތައް އެބަހުރިކަމަށެވެ.
ޒެޑް ގަބޫލުކުރާ ގޮތުގައި ކޮންމެ މަސައްކަތެއް ކުރި ނަމަވެސް އެކަމަށް އެކަށީގެންވަ ވަގުތު ދޭންޖެހެއެވެ. ޝައުގުވެރިކަން ހުންނަންޖެހެއެވެ. ކާމިޔާބީގެ ފަހަތުގައި ގަޑިއަށް ފަރުވަތެރިވުމާ، ކުރާ ހިތުން މަސައްކަތްކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމުގައި ޒެޑް ދެކެވެ. އަންހެނަކަށްވީތީ ދިމާވާ ގޮންޖެހުންތަކަށް ފަހަަތަށް ޖެހެން ނުޖެހޭކަމަށް ޒެޑް ގަބޫލުކުރެއެވެ. ކެރިގެން ކަންކަމާ ކުރިމަތިލައިފި ނަމަ ކޮންމެ ކަމެއްވެސް ކާމިޔާބުވާނެއެވެ. "ގޮންޖެހުންތަކާ ކުރިމަތިވުމަކީ މާ ބޮޑުކަމެއް ނޫން. ބޭނުންވަނީ އެކަންކަން ފަހަތަށް ދޫކޮށްލުމަށްފަހު ކުރިއަށްދާން" އަބަދުވެސް އިޖްތިމާއީ މަސައްކަތަށް ޒުވާން އާ މޫނުތައް ނެރެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރާ ޒެޑް ބުނީ އަބަދުވެސް ރަށުގެ ކުރިއެރުމަށް ކުރެވޭ ކޮންމެ ކަމެއްގައި ބައިވެރިވާނެކަމަށެވެ.