ދެހާސް އަށާރަވަނަ އަހަރު ނުކުތް ފިލްމު "ދަޅަކް" އިން ބޮލީވުޑަށް ތައާރަފްވި ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތަރަށް ހޮލީވުޑުން ފުރުސަތު ލިބިއްޖެއެވެ.

އިޝާން ފެނިގެންދާ ހޮލީވުޑް ޕްރޮޖެކްޓަކީ ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ހަމަ ޖެހިފައިވާ ސީރީޒް "ދަ ފާފެކްޓް ކަޕްލް" އެވެ. މި ސީރީޒްވެގެންދާނީ އިޝާންގެ ފުރަތަމަ ހޮލީވުޑްގެ ޕްރޮޖެކްޓަށެވެ. ހޮލީވުޑްގެ މަސައްކަތަށް ސޮއިކުރުމަށްފަހު އިޝާން ބުނީ ކެރިއަރުގައި މި ފެށެނީ އާ ބާބެއް ކަމަށާއި ހޮލީވުޑުން ފުރުސަތެއް ލިބުމަކީ އަބަދުވެސް އުންމީދު ކުރި ކަމެއްކަމަށެވެ. އެކަން މިއަދު ހާސިލްވެއްޖެ ކަމަށާއި ބެލުންތެރިން ބަލައިގަންނަ ފަދަ ޕްރޮޖެކްޓަކަށް މި ސީރީޒް ހެދުމަށް މަސައްކަތްކުރާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މި ސީރީޒްގައި އިޝާން އާއެކު ހަރަކާތްތެރިވާނީ މަޝްހޫރު ބަތަލާ ނިކޯލް ކިޑްމަން އާއި ލިއެބް ޝްރެއިބާ އެވެ. ސީރީޒްގައި އިޝާން ކުޅޭނީ ސީރީޒްގައި ކައިވެނިކުރަން އުޅޭ ފިރިހެން މީހާގެ އެންމެ ގާތް އެކުވެރިޔާގެ ރޯލެވެ. އަދި މި ރޯލަކީ ސީރީޒުގައި ވަރަށް ކްރޫޝަލް ރޯލަށް ކަމަށާއި އެ ރޯލު ބިނާވެފައިވާނީ ސީރީޒްގެ ޕްލޮޓް ޓްވިސްޓަށެވެ.

މި ތަރިންގެ އިތުރުން ސީރީޒްއިން ފެނިގެންދާނެ ބައެއް ތަރިންނަކީ ޑަކޯޓާ ފޭނިން، އީވް ހިއުސަން، ބިލީ ހޯލީ، މޭގަން ފަހީ، ސޭމް ނިވޯލާ، ޖެކް ރޭނާ، މިއާ އިސާކް އަދި ޑޯނާ ލީން ޗެމްޕްލިން އެވެ.

ބޮލީވުޑްގައި ކުރިއަރަމުން އަންނަ އެކްޓަރު އިޝާން އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ކެޓްރީނާ ކައިފް އާއި ސިދާންތު ޗަކުރަވޭދީ އާއެކު ކުޅުނު ފިލްމު "ފޯން ބޫތު" އިންނެވެ. އެ ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ޕިއްޕާ" އިންނެވެ. މި ފިލްމަކީ އިންޑިއާ-ޕާކިސްތާނުގެ ހަނގުރާމައިގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.