މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެހެން އެއްވެސް ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއިދުނުކުރާނެކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެއެވެ.

އަބްދުރަހީމް މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމްއަށް ތާއިދުކުރުމަށް، ޕީޕީއެމް/ޕީއެންސީ އަށް ގާސިމް އިބްރާހީމް ސޮއިކުރައްވާ ފޮނުއްވި ސިޓީ އާއި ގުޅިގެން ކުރެއްވި ޓުވިޓެއްގައެވެ.

މި ގޮތުން އަބްދުއް ރަހީމް ވިދާޅުވީ ޕީ.ޕީ.އެމް/ޕީ.އެން.ސީ ކޯލިޝަނަކުން އެހެން އެއްވެސް ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނެކަމަށެވެ. އަދި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީންކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އަބްދުއްރަހީމް ވަނީ ގައުމަށް ހެޔޮ އެދޭ ހުރިހާ ފަރާތްތަކުންވެސް އެކޯލިޝަނާ ގުޅިވަޑައިގަތުމަށް ދައުވަތު ދީފައެވެ.އަދި އެއީ ގައުމާ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތްކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުއް ރަހީމް ވިދާޅުވީ ޕީޕީއެމްއަކީ އެންމެ ބޮޑު ޕާޓީކަމަށްވުމުން އެހެން ޕާޓީތަކުން އަރަންޖެހޭނީ ޕީޕީއެމްގެ ފަހަަތަށް ކަމަށެވެ. އަދި އެހެން ޕާޓީތަކުން ބޭނުންނަމަ ޕީޕީއެމް އާއި އެކު ކޯލިޝަން ހެދުމުގެ ފުރުސަތުވެސް އެބައޮތްކަމަށާ އެހެންނަމަވެސް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީންކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފޯރިގަދަވެފައިވާއިރު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ. މި ގޮތުން މި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ދެ ޕާޓީންވެސް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު މި ސަރުކާރުގެ މަގާމުތަކުގައި، ޖޭޕީގެ ސްލޮޓްގައި ތިއްބެވި ގިނަ ބޭފުޅުން ވަނީ އެ ޕާޓީން ވަކިވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ތާއިދުކުރަން ނިންމާފައެވެ.

މީގެ އިތުރުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންވެސް މި އިންތިހާބުގައި ރައީސް ޔާމީންއަށް ވާދަކުރެއްވޭނެކަމުގެ ޔަގީންކަން ދެމުން އަންނައިރު މިހާރު އެމަނިކުފާނު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ އިންތިހާބުގައި ވާދަކުރުމުގެ ދޮރު އަދި ވަނީ ބަންދުވެފައެވެ. އެހެންނަމަވެސް ރިޔާސީ އިންތިހާބުގެ ކުރިން އެ މަނިކުފާނު މިނިވަންވާނެކަމުގެ ޔަގީންކަން ޕާޓީގެ ލީޑާޝިޕާއި އެ މަނިކުފާނުގެ ވަކީލުން ދެއްވަމުން އަންނައިރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް އެއްވެސް ބަދަލެއް ނައަންނާނެކަމަށްވެސް އިދިކޮޅު ކޯލިޝަނުންވަނީ ބުނެފައެވެ،