ދިވެހިރާއްޖެ އަކީ ކުޑަ ގައުމެއް ނަމަވެސް މި ފަސްގަނޑުގައިވެސް ހުނަރުން ފުރިގެންވާ ދިވެހިން އުޅޭކަމީ ފާހަގަ ނުކޮށް ދޫކޮށްލާ ވަރުގެ ކަމެއް ނޫނެވެ. ބައެއް ދިވެހިން، އެއް ރޮނގަކުން ހުނަރުވެރިކަން ދައްކަމުން ދާއިރު އަނެއްބައި ދިވެހިންނަކީ އެކި ރޮނގުތަކުން ހުނަރު ދައްކަމުންދާ ބައެކެވެ. ލިބިގެންވާ ހުނަރުތަކާ އެކުވެސް ދިވެހިންނަކީ އަމިއްލަވަންތަކަން ނަގާލާނެ ބައެއް ނޫނެވެ.
ޒަމާނީ އާދަކާދަތައް އެކުލެވޭ ދިވެހިވަންތަ އެތައް ކަމެއް ދައްކުވާ ދިނުމަށް ދިވެހި ޒުވާނުން ނުކުމެ ތިބީ އަތުކުރި އޮޅާލައިގެންނެވެ. އެގޮތުން މި ލިޔުންވެސް ހާއްސަ ކޮށްފައި މިވަނީ އެފަދަ ޒުވާނަކަށެެވެ. އުމުރުން 25 އަހަރުގެ އަހްމަދު ޝާޒިން މުހައްމަދުގެ ހުނަރުވެރިކަން ފެންނަމުންދަނީ ދިވެހިންގެ އާދަކާދަތަކާ ގުޅިފައިވާ އެތަކެއް ކަންތަކެއްގެ މައްޗަށެވެ.
ލިބޭ ކޮންމެ ހިޔާލެއްވެސް އަމިއްލަ ވަންތަކަމާ އެކު ދިވެހިވަންތަކަން އެ އުފެއްދުމަކުން ދައްކުވާ ދިނުމަށް ޝާޒިން ކުރާ ބުރަ މަސައްކަތް "ދަ ޕްރެސް" އާ ހިއްސާ ކުރަމުން ބުނީ، ހޭންޑީ ކްރާފްޓް ގެ މަސައްކަތުގެ ތެރެއަށް ބޮޑަށް ވަދެވުނީ އާޓްގެ ދާއިރާއަށް ހުންނަ ޝައުގުވެރިކަމުގެ ސަބަބުން ކަމަށެވެ. 2016 ވަނަ އަހަރު މި ދާއިރާއަށް ނިކުތް ޝާޒިން އަކީ އެންމެ ތުއްތު އިރުން ފެށިގެންވެސް ކުރެހުމަށް ލޯބި ކުރާ ޒުވާނެކެވެ. މުޅި އާއިލާއަކީ ވެސް އާޓިސްޓުން ގިނަ އާއިލާއެއްކަން ފާހަގަ ކުރަމުން ޝާޒިން ބުނީ އެ ކަމަށް ޝައުގުވެރިކަން އުފެދުނީ ބައްޕަގެ ސަބަބުން ކަމަށެވެ.
"މާލްދިޕޮލީ"ގެ ބާނީ
ހޭންޑީ ކްރާފްޓްގެ ކަންކަން ކުރުމަށް ޝައުގުވެރިކަން ހުރި ނަމަވެސް ޝާޒިން އެންމެ ކުރާހިތުން އަދިވެސް ކުރަނީ ކުރެހުމުގެ މަސައްކަތެެވެ. ދިވެހިންގެ ތެރޭގައިވެސް މަޝްހޫރު މޮނޮފޯލީގެ ދިވެހި ވަންތަ ވާޝަންއެއް ކަމަށްވާ "މާލްދިޕޮލީގެ" ބާނީ، ޝާޒިން އެ އުފެއްދުން ފުރަތަމަ ތައްޔާރު ކުރީ ކޮވިޑް-19 ގެ ދުވަސްވަރު ފޫހި ފިލުވުމަށް ކޮއްކޮއާ އެކު ކުޅުމަށެވެ. އެކަމުން ވިޔަފާރިއެއް ފެށުމުގެ އެއްވެސް ވިސްނުމެއްނެތި އުފެއްދި އުފެއްދުމުން މިހާ ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަކަށް ޝާޒިން އުންމީދެއް ނުކުރެއެވެ. ނަމަވެސް ޕޭޖްގައި ޕޯސްޓް ކުރުމުން ދިވެހިންގެ ޝައުގުވެރިކަން ހުރި މިންވަރު ފެނި އޯޑަރަށް ގޭމް ބޯޑު ހަދަން ޝާޒިން ނިންމިއެވެ. މީގެ އިތުރުންވެސް ޝާޒިން ވަނީ ދާދި ފަހުން ސްނޭކް އެންޑް ލެޑާސްގެ އަމިއްލަ ވަންތަ އަދި ދިވެހިންނާ ގުޅޭ ގޭމެއް "ހިރިކޯލަ" ނަމުގައި ތައާރަފު ކޮށްފައެވެ. ގޭމު ތައްޔާރު ކުރުމުގައި ޝާޒިން އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖެ އަކީ ނާޒުކު ތިމާވެއްޓެއް އޮންނަ ގައުމެއް ކަމުން އެކަންކަމަަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް ދިވެހިވަންތަކަމެއް އޭގައި ހިމެނުމަށެވެ.
އެކި ކަހަލަ ގޭމްތަކުގެ އިިތުރުންވެސް ޝާޒިން އަންނަނީ ހޭންޑީ ކްރާފްޓްގެ އެކި މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ކައިވެނީގެ ރަނާއި، އެވޯޑާއި، ހަނދާނީ ފިލާ، އެކި ހަފްލާ ތަކުގެ ވެލްކަމް ބޯޑާއި، އެކި އެކި ވޯލް ހޭންގާސްގެ އިތުރުންވެސް ބޭނުންވާ ހޭންޑީ ކްރާފްޓް އެއްޗެއް ކަސްޓަމައިޒް ކޮށްދޭ ކަމަށް ޝާޒިން ބުންޏެވެ. މި ހުރިހާ ކަމެއް ކުރުމުގައިވެސް ބައްޕަގެ އެއްބާރުލުން ކެނޑިނޭޅި ލިބޭ ކަމަށް ފާހަގަ ކުރަމުން ޝާޒިން ބުނީ ވަޑާމުގެ ހުރިހާ މަސައްކަތެއް ކޮށްދެމުން އަންނަނީ ބައްޕަ ކަމަށެވެ.
ނ.ވެލިދޫއަށް އުފަން ހުނަރުން ފުރިގެންވާ ޝާޒިން އަކީ މި ދާއިރާއަށް ކުދިން ނެރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ޒުވާނެކެވެ. އެގޮތުން އެކި އެކި އާޓް ކްލާސް މީގެ ކުރިން ހިންގާފައިވާ ކަމަށާއި އަދި އެ ފަދަ ރިކުއެސްޓްތައް މިހާރުވެސް ނަގަމުންދާ ކަމަށް ބުންޏެވެ.
ރާއްޖެއަށް ހާއްސަކޮށް ކުރިއަށް ގެންދާ އާޓް ކެމްޕެއިން
ކުރިން ވަޒީފާ އަދާ ކުރި ނަމަވެސް މިހާރު ހުރިހާ ވަގުތެއް ޝާޒިން ހޭދަ ކުރަނީ އަމިއްލަ ވިޔަފާރީގައި ކުރިއަށްދާށެވެ. މިހާރުވެސް ގިނަ ޕްރޮޖެކްޓް ތަކެއް ކުރިއަށް ހުރިކަން ފާހަގަ ކުރަމުން ޝާޒިން ބުނީ، މިހާރު ތައްޔާރު ވަމުންދަނީ މުޅި ރާއްޖޭއަށް ހާއްސަ ކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އާޓް ކެމްޕެއިން ފެށުމަށެވެ. 140 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކެމްޕެއިންގައި ކޮންމެ އަތޮޅަކުންވެސް 1 ރަށުގައި ޝާޒިންގެ ހުނަރުން ފުރިގެންވާ "ވޯލް މިއުރަލް" އެއް ކުރަހާނެއެވެ. ވޯލް މިއުރަލް ކުރެހުމުގައި އިސްކަންދޭނީ އެ ސަރަހައްދަކަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަ އަށް އަލި އަޅުވާލައިގެން ކަމަށް ޝާޒިން ބުންޏެވެ. އަމިއްލަ އިސްނެގުމުގެ މަތިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓް ރޯދަ މަސް ނިންމުމަށްފަހު ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ޝާޒިން ދަނީ ވަމުންނެވެ.
ދާއިރާގައި ގިނަ ގޮންޖެހުންތައް ހުރިކަން ފާހަގަ ކުރަމުން ޝާޒިން ބުނީ، ސްކޫލް ތަކުގައި ވެސް މާ ބޮޑު އަހައްމިއްޔަތު ކަމެއް އާޓް އަށް ނުދޭ ކަމަށާއި އޭގެ ސަބަބުން މި ހުނަރު ހުންނަ ކުދިންވެސް މި ދާއިރާއަށް ނިކުންނަން ފަސް ޖެހޭ ކަމަށެވެ. އާމްދަނީ ހޯދުމަށް ކުރަން ރަނގަޅު މަސައްކަތެއް ކަމަށާއި މިއީ ކަވި މަސައްކަތެއް ނަމަވެސް ކުރާހިތުން ކުރާ މަސައްކަތެއް ކަމަށް ޝާޒިން ފާހަގަ ކުރިއެވެ. ޝާޒިން އަށް މި ދާއިރާގައި އެންމެ ފާހަގަ ކޮށްލެވޭ ދުވަހަކީ ސަންސިޔާމް އިރުފުޝީ ރިސޯޓުގައި ކުރެހުމުގެ ފުރުސަތު ލިބުނު ދުވަހެވެ. "އެ ރިސޯޓުގައި ކުރެހުނު ކުރެހުންތަކާ މެދު ވަރަށް ހިތް ހަމަޖެހޭ" ޝާޒިން ބުންޏެވެ.
ކުޑައިރުން ފެށިގެން ހުންނަ މި ހުނަރުގެ ތަރައްގީ ކުރުމަށާއި އިތުރަށް ފުޅާ ކުރުމަށް މަސައްކަތް ކޮށްދިން އެންމެނަށް ޝުކުރު އަދާ ކުރި ނަމަވެސް ހާއްސަ ޝުކުރެއް އާއިލާ އަދި ބައިވެރިޔާ އަށް ޝާޒިން އަދާ ކުރިއެވެ. ޝާޒިން އެންމެ ދެކެން ބޭނުންވާ ދުވަހަކީ މި ދާއިރާއަށް ގިނަ ދިވެހިންތަކެއް ނެރެ މިއީ ރާއްޖޭގައި ވެސް މީހުން ބަލައިގަންނަ ފަދަ ދާއިރާ އަކަށް ހެދުމެވެ.