މާފަންނު ފެރީ ޓާމިނަލް ހުންނަ ފަޅުތެރޭގައި ގަވައިދާ ހިލާފަށް އަޅާފައި ހުރި ކަނޑު އުޅަނދުފަހަރު 10 ދުވަހުގެތެރޭ ނެގުމަށް އެމްޓީސީސީން އަންގައިފިއެވެ.

މިއަދު ނެރުނު ބަޔާނެއްގައި އެމްޓީސީސީން ބުނީ، މާފަންނު ފެރީ ޓާމިނަލް ނުވަތަ ހުޅަނގުފަރާތު ވިލިމާލެ ޓާމިނަލް ހުންނަ ސަރަހައްދުގެ ފަޅުތެރެއަކީ އެމްޓީސީސީގެ ފެރީތައް ބޭނުންކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާއްސަ ހުއްދައެއް ދީފައިވާ ސަރަހައްދެއް ކަމަށެވެ.

އެމްޓީސީސީން ބުނި ގޮތުގައި، އެ ސަރަހައްދުގެ ފަޅުތެރޭގައި އެހެނިހެން ކަނޑު އުޅަނދުފަހަރު އަޅާފައި ހުރުމުގެ ސަބަބުން އެ ކުންފުނީގެ ފެރީތައް ގަޑިއަށް ފުރުމާއި ލެފުމަށް ދަތިވެ، އެކްސިޑެންޓުތައް ހިނގުމަށް ވެސް މެދުވެރިވެފައިވެއެވެ.

އެމްޓީސީސީގެ ފެރީތަކަށް ދޫކޮށްފައިވާ ސަރަހައްދު ފެހިކުލައިން މާކްކޮށްފައި / ފޮޓޯ: އެމްޓީސީސީ

އެހެންކަމުން، 10 ދުވަހުގެތެރޭ އުޅަނދުފަހަރުގެ ވެރިފަރާތްތަކުން އެ އުޅަނދުފަހަރު ނެގުމަށް އަންގައި، ނުނަގައިފިނަމަ ފުލުހުން މެދުވެރިކޮށް އުޅަނދުފަހަރު ފަޅުތެރެއިން ނެރޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.