ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސްގެ ބޮލީވުޑް ކެރިއަރު ހަލާކުރީ ފިލްމުމޭކަރު ކަރަން ޖޯހަރު ކަމަށް ބަތަލާ ކަންގަނާ ރަނައުތު ބުނެފިއެވެ.
ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެއް ބަތަލާ ކަންގަނާ ވަނީ މީގެ ކުރިން ވެސް ވަރަށް ފާޅުގައި ބޮލީވުޑްގެ ބައެއް މީހުންގެ ބޮޑެތު ސިއްރުތައް ފަޅާއަރުވާލާފައެވެ. ކަންގަނާ ކުރި ޓްވީޓެއްގައި އޭނާ ބުނީ ޕްރިޔަންކާ އަކީ އަމިއްލަ މަސައްކަތުން ބޮލީވުޑްގައި ކުރިއަރަން މަސައްކަތް ކުރި މީހެއް ކަމަށާއި ނަމަވެސް ބޮލީވުޑްގެ ބޮޑެތިން އޭނާ ކުރިއެރުވިޔަ ނުދީ ހިފެހެއްޓީ ކަމަށެވެ. އެކި ގޮތްގޮތުން ޕްރިޔަންކާ އަށް ފިއްތުންތައް ކުރިމަތިކުރުވި ކަމަށާއި ޕްރިޔަންކާ ކުރިއަރަން އެންމެ ހުރަސް އެޅި މީހަކީ ކަރަން ޖޯހަރުކަން އެންމެންނަށްވެސް އެނގޭނެ ކަމަށެވެ. އެގޮތުން އެންމެ ފަހުން އިންޑިއާގައި ޕްރިޔަންކާ އަށް ނުހުރެވޭ ވަރުކޮށް އޭނާ ގައުމު ދޫކޮށް ދިޔަ ކަމަށްވެސް ކަންގަނާ ވަނީ ބުނެފައެވެ.
ދެހާސް އެގާރަ ވަނަ އަހަރު ޝާހްރުކްހާނާއި އެކު ފިލްމު "ޑޮން" ކުޅުނުއިރު ދެމީހުންގެ މެދުގައި އުފެދުނު ހާއްސަ ގުޅުމުގެ ސަބަބުން ކަރަން ޕްރިޔަންކާ ބޮއިކޮޓް ކޮށްލީ ކަމަށް ވެސް ކަންގަނާ ބުންޏެވެ. އެ ދުވަސްވަރު ވެގެން ދިޔައީ ބޮލީވުޑް ވަރަށް ގަދައަށް ކެކިގެން ދުވަސްވަރަކަށެވެ. ސަބަބަކީ ޝާހްރުކްގެ އަންހެނުން ގޯރީ ހާން ވަނީ ޝާހު އަށް ޕްރިޔަންކާ އާއެކީ ދެން ފިލްމު ނުކުޅުމަށް ބުނެ އިންޒާރު ވެސް ދީފައެެވެ.
މިވާހަކަ ކަންގަނާ ދެއްކީ ދާދިފަހުން "އާމްޗެއާ އެކްސްޕާޓް" ޕޮޑްކާސްޓްގައި ޕްރިޔަންކާ ބައިވެރިވެ އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކުމާއި ގުޅިގެންނެވެ. ޕޮޑްސްކާޓްގައި ވާހަކަދައްކަމުން ޕްރިޔަންކާ ބުނީ ބޮލީވުޑް ފިލްމުތަކުން ޖާގަ ހޯދަން ނޫޅެ ހޮލީވުޑް ފިލްމުތަކުން ޖާގަ ހޯދަން ފެށީ ބޮލީވުޑުން އޭނާ އާއި ދޭތެރޭ ނާއިންސާފުން ކަންތައްތައްކޮށް ބާކީކޮށްލާފައި ހުރުމާއެކުގައި ކަމަށެވެ. ޕްރިޔަންކާ ބުނީ ބޮލީވުޑްގެ ނުފޫޒު ގަދަ ބައެއްގެ ސަބަބުން އެއްވެސް މީހަކު އޭނާ ފިލްމުތަކުގައި ބައިވެރި ނުކުރަން ފެށީ ކަމަށާއި އެންމެ ފަހުން ބޮލީވުޑް ދޫކޮށް އުފަން ގައުމު ވެސް ދޫކޮށްލުމަށްފަހު އެމެރިކާ އަށް ދިރިއުޅުން ބަދަލުކޮށް ހޮލީވުޑްގައި މަސައްކަތް ކުރަން ފެށީ ކަމަށެވެ.