މީގެ 200 އަހަރު ކުރިން ފަތުރުވެރިން ޗުއްޓީ ހޭދަކުރަން ގޮސް އުޅުނު ޝްމިލްކާ އަދިވެސް އޮތީ އެ ޒަމާނުގައި އޮތް ގޮތަށެވެ.

ޝްމިލްކާ އޮންނަނީ ޗެކްރިޕަބްލިކާއި ޖަރުމަނު ގުޅޭ ބޯޑަރުގައެވެ. މި އަވަށަކީ 1582 ވަނަ އަހަރުގެ ތެރޭގައި ގަސް ކަނޑައިގެން ލަކުޑި ނަގަން އުޅުނު ޗެކް ބަޔަކަށް ފެނުނު އަވަށެކެވެ. މި އަވަށުގެ ނަންވެސް އައިސްފައި ވަނީ "ލަކުޑި ނަގާތަން" މާނަވާ ސްލޭވިކް ބަހަކުންނެވެ.

އެ ދުވަސްވަރު މި އަވަށުން ލަކުޑީގެ ގޮތުގައި ގަސް ކަނޑައިގެން ދޯނިފަހަރު ބަނުންފަދަ ކަންކަންވެސް ކޮށްފައި ވެއެވެ. 1665 ގެ އަހަރުތަކުގައި މި އަވަށުގެ މަގުބޫލުކަން ބޮޑުވެ ގިނަބަޔަކު ދިރިއުޅެން ފެށި ނަމަވެސް ޒަމާން ތަރައްގީވެ ކުރިއަރަމުން ދިޔުމާއި ޓެކްނޮލޮޖީގެ އާ ވަސީލަތްތަކާއެކު ދިރިއުޅެން ބޭނުންވި މީހުން 1800 ގެ އަހަރުތަކުގައި ޝްމިލްކާ ދޫކޮށް ވަނީ ގޮސްފައެވެ.

މި އަވަށަކީ ސެކްސޮނީގެ އެންމެ ދެމެހެއްޓެނިވި އަދި އޯގަނިކް މުޖުތަމައުތަކުގެ ތެރޭގައި ހިމެނޭ، އަދި ޖަރުމަނުގެ އެންމެ ރީތި އަވަށަތަކުގެ ތެރޭގައި ހިމެނޭ އަވަށެކެވެ.

ޝްމިލްކާގެ ރެސްޓޯރަންޓްތަކުގައި ހުންނަ ކާނާއާއި، ބުއިންތަކާއި ޕާނުން ފެށިގެން، ހޮޓާތަކާއި ގެސްޓްހައުސްތަކުގައި ހުންނަ ފަރުނީޗަރަށް ދާންދެން ހަދާފައި ހުންނަނީ އަމިއްލަ މަސައްކަތުން، އުފައްދާ ތަކެތީންނެވެ. ތަކެތި ފުނޑަން އަދިވެސް މިކްސަރު ކަހަލަ އެއްޗެހި ބޭނުމެއް ނުކުރެއެވެ. ފެނާއި ދާ ބޭނުން ކޮށްގެން، އެ މަސައްކަތް ކުރަމުން އަންނަނީ އަތުންނެވެ. ކޮފީ އަދި ސައި ވެސް ހަދަމުން އަންނަނީ އެންމެ ކުރިން ހަދަމުން އައި ގޮތަށެވެ. އެތަނުގެ އިމާރާތްތައް ވެސް އަދިވެސް ހުރީ ކުރީ ޒަމާނުގައި ގަލާއި ލަކުޑި ބޭނުންކޮށްގެން އަޅާފައި ހުރި ގޮތަށެވެ.

އަވަށަކީ ސިޓީތަކާ ދުރުގައި އޮންނަ ކުޑަ އަވަށެއް ކަމުން، އެތަނުގައި މީހުން މިހާރު ވަރަށް މަދެވެ. ޝްމިލްކާގެ ގުދުރަތީ ރީތިކަމުން، އެތަނަކީ ފަރުބަދަތަކަށް އެރުމާއި ހައިކިންއަށް ލޯބިކުރާ މީހުންނަށް ވަރަށް ކަމުދާތަނަކަށް މިހާރު ވަނީ ވެފައެވެ.

ޝްމިލްކާގެ ރަށްވެހިން ދިރިއުޅުމުގެ މި ވައްޓަފާޅިއަށް ނުހަނު ލޯބިކުރެއެވެ. ނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ޝްމިލްކާ އަށް މިއަދު ލިބިފައިވާ ކާމިޔާބީގެ ހުރިހާ ޝުކުރެއް ހައްގުވަނީ އެންމެ ފިރިހެނަކަށް ކަމެވެ.

ވިޔަފާރިވެރިޔާ ސްވެން-އެރިކް ހިޓްޒަ، ޝްމިލްކާ އަވަށަށް ހިތް ޖެހުނީ އިރުމަތީ ޖަރުމަންގެ ވެރިކަމުގައި ރޮކް ކްލައިމްބް ކުރަން އުޅުނު އިރުއެވެ. "ޖަންގަލި ވަރަށް ރީތި. ވަރަށް ހިތްގައިމު. 90ގެ އަހަރުތަކުގެ ތެރޭގައި އަހަރެން އާއިލާއާއެކު ޝްމިލްކާއަށް ދިރިއުޅުން ބަދަލުކުރީ. މިތަނުގައި ދެން ދިރިއުޅުމަށް ގެއެއް ގަތީ. އަނެއްކާ އެހެން ގައެއް. އެހެން ގޮސް ވަރަށް ތަންތަން ގަނެވިއްޖެ." ސްވެން ބުންޏެވެ.

ޝްމިލްކާގެ ކޯރުގެ ރީތި އައްސޭރިއެއް

އިގްތިސާދީ ހީނަރުކަމަށް ފަހު، އިރުމަތީ ޖަރުމަނުގެ ގިނަ އަވަށްތަކެކޭ އެއްފަދައިން ޝްމިލްކާވެސް ދިޔައީ ހަލާކުގެ ތެރެއަށް ވެއްޓެމުންނެވެ. އަވަށް ދޫކޮށް، ގިނަ ބަޔަކު އެހެން ތަންތަނަށް ދިރިއުޅުން ބަދަލުކުރިއެވެ. "އޭރު ބަލާލީމަވެސް އިނގޭ މި ވަރަށް ފަޅު އަވަށެއްކަން." އޭނާ އިތުރަށް ބުންޏެވެ.

އެންމެ ފުރަތަމަ ސްވެންގެ ވިސްނުން ހުރީ ހަމައެކަނި އެ އަވަށް ހިމާޔަތް ކުރާށެވެ. ނަމަވެސް އަންހެނުން ނަސޭހަތް ދިނީ ފަތުރުވެރިންގެ ސަމާލުކަން ޝްމިލްކާ އަށް ލިބޭނެ ގޮތަކަށް އަވަށް ތަރައްގީ ކޮށްލުމަށެވެ. މަދު ގެތަކެއްގެ އިތުރުން މުޅި ރަށް ސަލާމަތް ކުރުމުގެ ޕްލޭނެއް އެކުލަވާލައި އެ މަސައްކަތް ފެށިއެވެ.

ގެއެއް ހުސްވުމުން ސްވެން އެ ގެ ގަނެގެން އެތަން މަރާމާތު ކުރަނީއެވެ. ތަންތަން މަރާމާތު ކޮށްގެން ގެސްޓްހައުސްތަކާއި ކެފޭ، ރެސްޓޯރަންޓް ތަކަށް ބަދަލުކުރީއެވެ.

ޝްމިލްކާއަކީ ގުދުރަތީ ގިނަ ސިފަތަކެއް ހުރި އަވަށެއް ކަމުން، ގުދުރަތީ ގޮތުން ދިމާވާ ކަންތައްތަކުގެ އަސަރުވެސް ވަރަށް ބޮޑަށް ކުރެއެވެ.

"ޝްމިލްކާއަށް ޖެހުނު ވަރަށް ބޮޑެތި ކަންތައްތަކާ ކުރިމަތިލާން. ފެންބޮޑުވުން، ބިންގަނޑު ކަނޑައިގެން ދިޔުން، ކޮވިޑް. މިދިޔަ އަހަރުގެ އޮގަސްޓް މަހު ޕާކުގައި އަލިފާނުގެ ހާދިސާއެއް ވެސް ހިނގި."
ސްވެން

ސްވެން ވަނީ އޭނާގެ ހިޔާލުތައް ޒަމާނާއެކު ބަދަލަވަމުން ދިޔަކަމަށް ބުނެފައެވެ. ޝްމިލްކާ އަކީ ފަތުރުވެރިންގެ ސަމާލުކަން ލިބޭ އަވަށަކަށް ހެދުމަށް މަސައްކަތް ކުރަމުން ދިޔައިރުވެސް، އޯގަނިކް ކާނާއަކީ ވިޔަފާރިއެއް ކަމަކަށް އޭނައެއް ނުދެކެއެވެ. ލައިފް އިންޝުއަރެންސް އަށް އެދުމަށް ބޭނުންވާ ފިޒިކަލް ޓެސްޓެއް ހެދުމުން އޭނާއަށް އެނގުނީ، ކަމުން އައި އޯގަނިކް ކާނާތަކުގެ ސަބަބުން މީހާގެ ހަށިގަނޑު ވަރަށް ވަރުގަދަ ކަމެވެ. އޯގަނިކް ކާނާއަކީ އޭނާގެ ދުޅަހެޔޮކަމަށް ރަނގަޅު އެއްޗަކަށް ވުމުން، އެހެން މީހުންނަށްވެސް އެކަން ފަހިކޮށްދިނުމަށް އޭނާ ވިސްނިއެވެ.

"އަހަރެން އޭގެ ފަހުން ނިންމީ ކައި އުޅޭނީ ވިހަ މާއްދާތަކުން އެއްކިބާވާ ކާނާއޭ" އޭނާ ބުންޏެވެ.

"ސިއްހަތަށް ފައިދާހުރި ކާނާއަކީ ތިމާވެއްޓަށްވެސް ފައިދާހުރި ކާނާތަކެއްކަން އަހަންނަށް އެނގުނީ ފަހުން." ސްވެން އިތުރަށް ބުންޏެވެ.

ޝްމިލްކާގެ ކެފޭއަކުން ބަޔަކު ހިދުމަތް ހޯދަނީ

ޝްމިލްކާ އަކީ ފަހަތަށްޖެހިފައިވާ ފަލްސަފާއަކާއެކު ނަމަވެސް، ކުރިއަރާދާން ވިސްނާ އަވަށެއް ކަމަށް އެތަނަށް ޒިޔާރަތްކުރާ ފަތުރުވެރިން ބުނެއެވެ. "އަހަރެމެން ސަސްޓެއިނަބިލިޓީ އޭ މިކިޔަނީ މީގެ 200 އަހަރު ކުރީގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް." ޝްމިލްކާގެ ތާރިހު ދިރާސާކުރާ މީހަކު ބުންޏެވެ.

"ތަރުކާރީ ހައްދަނީ އަހަރެމެން އަމިއްލައަށް. ރިސައިކަލް ކޮށްގެން އެތަކެތި އަނެއްކާ ބޭނުން ކުރަނީ އެހެން ކަންކަމަށް. އަހަރެމެންގެ އަންނައުނު ދޮންނަން ބޭނުންކުރާ އޯމޯއަކީ ވެސް އޯގެނިކް އެއްޗެހި." އެހެން މީހަކު ބުންޏެވެ.

2007 ވަނަ އަހަރު އުފެދުނު ސްވެންގެ ހިޓްޒަ ކުންފުނިން މިހާރު ޝްމިލްކާ ހިންގަނީ ވިޔަފާރިއެއްގެ ގޮތުގައެވެ. މީގެ އެތައް ސަތޭކަ އަހަރެއްގެ ކުރިން ޝްމިލްކާއަށް މީހުންގެ ސަމާލުކަން ލިބުނު ކަންތައްތައް ކަމަށްވާ ޖަންގަލިތަކާއި ހަމަހިމޭންކަން މިހާރުވެސް އަންނަނީ މީހުންގެ ސަމާލުކަން ހޯދަމުންނެވެ.