ރޯދަ މަހުގެ ދުވަސްތައް ގުނަމުންދާ އިރު މި ބަރަކާތްތެރި ވެގެންވާ މަހަކީ ހަމައެކަނި އަޅުގަނޑުމެންގެ ނަފްސުގެ ތާހިރުކަން ހޯދަން މަސައްކަތް ކުރަންވީ މަހެއް ނޫނެވެ. ދުވާލު އެއްކޮށް އެއްވެސް އެއްޗެއް ނުކައި ނުބޮއި ހޭދަ ކުރާ މިދުވަސްތަކަކީ އާދައިގެ މަސްތަކުގައި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ގެންގުޅޭ ހަށިގަނޑަށް ނުރަނގަޅު އާދަތައް ދޫކޮށްލަން ލިބޭ ރަނުގެ ފުރުސަތެކެވެ. އަޅުގަނޑުމެންނަށް އާދަވެފައިވާ ކަންކަމުގެ ސަބަބުން މިހާރު ވެސް އަދި ފަހުން ވެސް ކުރިމަތިލާން ޖެހޭ ސިއްހީ މައްސަލަތައް މަދު ކުރެވިދާނެ ކަންކަން ރޯދަމަހު ހާސިލް ކުރެވޭނެއެވެ.

ރޯދަމަހަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން އެންމެ ރަނގަޅު މަސް

ސިނގިރޭޓު ބޯ ގިނަ މީހުން އެއާ ނުލާ ރޯދަ ހިފަން އާދަކޮށްފައިވާ އިރު ރޯދަ ވިއްލުމަށް ސިނގިރޭޓެއް ރޯކޮށްލާ މީހުން ވެސް މަދެއް ނޫނެވެ. ސިނގިރޭޓު ބޯ މީހުން އޭގެ ބޭނުން ކުރަނީ ދުންފަތުގެ އިސްތިއުމާލު ކޮށްގެން ލިބޭ ގެއްލުން ނޭނގޭތީއެއް ނޫނެވެ. އެއީ އާދައެކެވެ. އެކަން ދޫކޮށްލަން އުނދަގޫވަނީ ތިމާގެ ދުވަސް ދެމިގެންދާ އިރު އެކަން ކުރަން ވެސް ވަގުތު ހުސްކޮށްފައި ވާތީއެވެ.

ބޮއިފައި ހުރި ސިނގިރޭޓު ބުރިތަކެއް/ފޮޓޯ: ގޫގަލް

އެހެން ކަމުން، މި އާދަ ފިލުވާލަން އެންމެ ރަނގަޅު ދުވަސްތަކަކީ ރޯދަމަހުގެ ދުވަސްތައް ކަމަށް ސިއްހީ މާހިރުން އިއްތިފާގު ވެއެވެ. މިގޮތުން، ދުވާލު ސިނގިރޭޓު ބޭނުން ނުކޮށް ހުންނަން ޖެހުމުން އެކަމާ ނުލާ ވެސް ދުވަހުގެ ކަންކަމުގައި އުޅެވޭނެ ކަމުގެ ޔަގީންކަން ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ލިބޭނެ ކަމަށާއި ސިނގިރޭޓަށް ބަރޯސާވުން ހުއްޓުމަށް އާދަވާނެ ކަމަށް ވެސް މިކަމުގެ ދިރާސާތައް ހަދާފައިވާ ފަރާތްތަކުން ބުނެއެވެ.

އެތަށް ގެއްލުމެއް ލިބޭ އެނާޖީ ޑްރިންކްސްތަކުން ދުރުވުން

މިއީ ޒުވާނުންގެ ތެރޭގައި މިހާރު އުފެދިފައި އޮތް ބަލިމަޑުކަމެކެވެ. ހަކުރުގެ މައްދާތައް ގިނަ މިބުއިންތައް ބޭނުން ނުކުރާ ޒުވާނަކު މަދެވެ. ހެނދުނު ސަޔަށް ވެސް، މެންދުރު ކަރު ހިއްކުން ފިލުވާލަން ވެސް އަދި ކަސްރަތުގެ ކުރިން ވެސް ފަހުން ވެސް އެނާޖީ ޑްރިންކެކެވެ. މިއީ ސިއްހީ ގިނަ މައްސަލަތައް ތަހައްމަލު ކުރަން ޖެހޭ ނުރަނގަޅު އާދައެކެވެ. މީގެ ތެރޭގައި ގައިން ފެން މަދުވުން (ޑީ ހައިޑްރޭޝަން)، ހިތުގެ ވިންދު އަވަސްވުން، ލޭގެ ޕްރެޝަރު މަތިވުން މީގެ އިތުރުން ރޭގަނޑު ނިދަން އުނދަގޫވުން ހިމެނެއެވެ.

އެނާޖީ ޑްރިންކްތަކަކީ ސިއްހަތަށް ގިނަ ގެއްލުންތަކެއް ދޭ ބުއިންތަކެއް/ފޮޓޯ: ގޫގަލް

ރޯދަމަހުގެ ރޭގަނޑު އެނާޖީ ޑްރިންކްސް ބޯނަމަ މި ދެންނެވި ސިއްހީ މައްސަލަތަކާއެކު ދުވާލު ރޯދައަށް ހުންނަ ވަގުތު އެކަމުގެ އަސަރު ފެންނަނާނެއެވެ. ހަށިގަނޑުން ފެންމަދުވާނަމަ ނުވަތަ ލޭގެ ޕްރެޝަރު މަތިވާނަމަ ބޮލުގައި ރިއްސާ ގައިން ވަރުދޫވުން އެކަށީގެންވެއެވެ. އަދި ނިދަން އުނދަގޫވެ ނިދި ހަމަނުވާނަމަ ވަރުބަލިވެ ދުވާލު ގަޑީގައި ކަންކަން ކުރަން ފޫހިވާނެއެވެ. އެހެން ކަމުން، ރޯދަމަހަކީ މިފަދަ ހަށިގަނޑަށް ގެއްލުން ދެނިވި ބުއިންތައް މަޑުމަޑުން ހުއްޓާލުމަށް އަޒުމް ކަނޑައެޅިދާނެ މަހެކެވެ.

ކޮފީ އަދި ކެފެއިން އެކުލެވޭ ބުއިންތައް ރޭގަނޑު ބޭނުން ކުރުމުގެ ކުރިން ވިސްނާލާ

އާއްމުކޮށް ކޮފީ އާއި ކެފެއިން އެކުލެވޭ ބުއިންތައް މީހުން ބޮނީ ނިދިފިލުވާލައި ދުވާލު ކުރަން ހުރި ބުރަ މަސައްކަތްތަކަށް ސިކުނޑި ހޭލެއްވުމަށެވެ. ހެނދުނު ހޭލައިގެން ބޯ ކޮފީ ތައްޓާ ނުލާ ދުވަސް ފަށައިގަންނަން އުނދަގޫވާތަން ވެސް އާދެއެވެ. އެހެނަސް ރޯދަމަހުގެ ތެރޭގައި އެކޮފީ ތަށި ބޯން ޖެހޭނީ ފަތިސް ނަމާދަށް ގޮވުމުގެ ކުރިންނެވެ. އެވަގުތުން ފެށިގެން ދުވަސް ފަށައިގަންނަ ވަގުތާއި ދެމެދު 5 ގަޑި އިރު ވަރު އޮންނަ އިރު އެކޮފީ ތަށި ބޯ އާދަ ދޫކޮލުން ކިހިނެއްވާނެތޯއެވެ.

އާދައިގެ ވަރަކަށް ކޮފީ ބުއިމަކީ ސިއްހަތަށް ގެއްލުންވާ ކަމެއް ނޫނެނެވެ. އެހެން ނަމަވެސް ރޯދަމަހު މައްސަލަ އަކީ ކޮފީ ބޯ ވަގުތެވެ. ރޯދަ މަހު ކޮފީ ބޮވެން އޮންނާނީ އިރު އެރުމުގެ ކުރިން ނުވަތަ އިރު އޮއްސުމުގެ ފަހުންނެވެ. ރޯދަ ވިއްލައިގެން އެ ބޯ ކޮފީ ތަށީގައި ވާ ކެފެއިންގެ މާއްދާތައް ހަޖަމްކޮށް ބްރޭކް ޑައުންކުރަން ހަށިގަނޑުގެ ވަކިވަކި ސެލްތައް މުޅި ރޭ މަސައްކަތް ކުރާނެއެވެ. އެހެން ކަމުން، ރޭގަނޑު 10 ޖަހާ އިރު ނިދަން އޮށޯތަސް އެންމެ ފުރިހަމަ އަދި އެންމެ ފުން ނިންޖެއް ނިދަން އުނދަގޫ ވުމަކީ އެކަށީގެންވާ ކަމެކެވެ.

މިކަމަށްޓަކައި ކޮފީ ތައްޓަށް އަޅާ ކޮފީ ސަމްސަލުގެ އަދަދު މަދުކޮށް ރޭގަނޑު ބޯ ތަށީގެ ކޮފީ ރަހަ މަދުކޮށްލުން ރަނގަޅުވާނެއެވެ.