ކުޅަދާނަ ބަތަލާ ޕަރިނީތީ ޗޯޕްޅާ ގެ ލޯބީގެ ވާހަކަތަކެއް މީޑިއާއަށް ތިލަވެއްޖެއެވެ.

ކައިވެންޏަށް ތައްޔާރުކަމަށް އެންމެ ފަހުން ދިން އިންޓަވިއުގައި ޕަރިނީތީ ބުނިއިރު ދާދިފަހުން އޭނާ ވަނީ އިންޑިއާގެ މަޖިލީސް މެންބަރަކާއި ބައްދަލުކޮށްފައެވެ. އިންޑިއާގެ މަޖިލީހުގެ އެންމެ ޒުވާން މެންބަރު ރާގަވް ޗައްޑާ 34، އާއެކު ރޭގަނޑުގެ ކެއުމަކަށް ގޮސް އުޅެނިކޮށް ޕަޕަރާޒީން ނަގާފައިވާ ފޮޓޯތަކެއް މިހާރު އާންމުވެފައިވާއިރު ގިނަ ބަޔަކު ގަބޫލުކުރަނީ އެއީ އޭނާގެ ލޯބިވެރިޔާ ކަމަށެވެ. މިހާތަނަށް އެއްވެސް އެކްޓަރަކާ އެކު ލޯބީގެ ގުޅުމެއް އޮތްކަމަށް އަޑުއަރާފައިނުވާ ޕަރިނީތީ އާއި ރާގަވް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއްވެއްޖެ ކަމަށް މީޑިއާތަކުން ރިޕޯޓްކުރެއެވެ. އަދި ދެމީހުން ކައިވެނިވެސް އަވަސް މުސްތަގްބަލުގައި އިއުލާންކުރާނެކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ދެބޭންގެ ދެދަރި ޕަރިނީތީ އާއި ރާގަވް އަކީ ވަރަށް ކުރީއްސުރެވެސް ގާތް ދެ އެކުވެރިންނެވެ. މިދެމީހުން ލަންޑަނުގައި އެއްކޮށް ކިޔަވަން އުޅުމުގެ ތެރޭގައި ދިމާވެ އެކުވެރިވިއެވެ. އަދި އެންމެފަހުން އެ ގުޅުން ލޯތްބަށް ބަދަލުވީއެވެ. ރާގަވް އަކީ އިންޑިއާގެ އާމް އާދްމީ ސިޔާސީ ޕާޓީގެ ފަރާތުން މަޖިލީހަށް ހޮވުނު މެންބަރެކެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ރާގަވް ވެސް ޕަރިނީތީ ވެސް މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައެއްނުވެއެވެ.

ދެހާސް އެގާރަ ވަނަ އަހަރު ފިލްމު "ލޭޑިސް ވާސަސް ރިކީ ބާލް" އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ ޕަރިނީތީ ވަނީ އާންމުން ބަލައިގަންނަ ފެންވަރުގެ މޮޅު ފިލްމުތަކެއް ކުޅެ އޭނާގެ ހުނަރު ދައްކާލާފައެވެ.