ގަވާއިދާ ހިލާފުވެ، ސާފުތާހިރު ކަމެއް ނެތި ކާބޯތަކެތީގެ ހިދުމަތް ދެމުންގެންދާ ތަންތަން ބަލާ އެ ތަންތަން އާންމުކޮށް އިއުލާން ކުރާނޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގައި ހުންނަންޖެހޭ ވަކި ގަވާއިދުތަކެއް އެކުލަވާލާފައިވާ ކަމަށެވެ. ނަމަވެސް އެ ގަވާއިދުތަކާ ހިލާފުވާ ފަރާތްތައް އިތުރުވަމުންދާ ކަމަށް އެ އެޖެންސީއިން ބުންޏެވެ.

އެހެން ކަމުން އެކަން ކަމަށް ހާއްސަ ސަމާލުކަމެއް ދީ ސާފުތާހިރުކަން އިތުރުކުރުމަށް ކާބޯތަކެތީގެ ހިދުމަތް ދޭ ފަރާތްތަކަށް ވަނީ އެޗްޕީއޭއިން ނަސޭހަތްތެރިވެފައެވެ. އަދި އެކުލަވާލާފައިވާ ގަވާއިދުތަކާ ހިލާފުވާ ނަމަ އެ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް އިއުލާން ކުރާނޭ ކަމަށް ވެސް އެ އެޖެންސީއިން ބުންޏެވެ.

ކާބޯތަކެތި ތައްޔާރު ކުރުމުގެ އިތުރުން އާންމު ކޮށް އުޅޭ އުޅުމުގައިވެސް ސާފުތާހިރުކަން ކުޑަ ވުމަކީ ގިނަ ބަލިތަކަކަށް ހުށަހެޅުމުގެ ފުރުސަތު އޮންނަ ކަމެކެވެ. އެގޮތުން ފާއިތުވި މަހު ލޮލު ރޯގާއާއި، ފާނަބަސަންދާއި، އަރިދަފުސް ރޯގާ ފަދަ ބަލިތައް އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ މީގެ ކުރިން ބުނެފައެވެ.

އަދި މި ކަންކަމުން ރައްކާތެރިވުމަށާއި އިތުރަށް ސަމާލުކަން ދޭންވީ ކަންކަން އެޗްޕީއޭ އިން ދަނީ ބުނެދެމުންނެވެ.