"ނޯ... ޔޫއާ ނޮޓް ހެޕީ... އައިނޯ ވައި... ޒޫނާ ދައްތަ ނެތީމަ މަންމަ ތިހުރީ ސޭޑް ވެފައެއްނު... ވެއާ އިޒް ޒޫނާ ދައްތަ؟"
މައިގެ ޖުމްލަތައް ތީރުތަކެއް ހެން އައިސް ހެރުނީ ސީދާ ނޫރާގެ ހިތަށެވެ. ކިތަންމެ ކުޑަ ކުއްޖަކަށް ވިޔަސް އެ ކުއްޖާއަށް އޭނާގެ އިހްސާސްތައް ދެނެގަންނަން އެނގުނީމަ ހައިރާންކަމެއް ލިބުނެވެ. ލިބުނު ހައިރާންކަމާއެކު ނޫރާ އޭނާގެ މަންމަގެ މޫނަށް ބަލާލީ އަނެއްކާ މަންމަ އެ ކުއްޖާއަށް އިވޭ ތަނެއްގައި އެއްޗެއް ބޫނީ ކަމަށް ހީކޮށެވެ. އޭރު ޒުލޭހާގެ މޫނުމަތިން ވެސް ފާޅުވެގެން ދިޔައީ ހައިރާން ކަމެކެވެ.
*** *** *** *** *** ***
ދިހަ ބުރީގެ އިމާރާތެއްގެ މަތިން ތިރިއަށް ބަލަން ހުރި ޒޫނާގެ މޫނުމަތިން ފާޅުވަމުން ދިޔައީ މާޔޫސް ކަމެވެ. އިރުއޮއްސެމުން ދިޔަ ވަގުތު އުޑުމަތިން ފާލުވަމުން ދިޔަ ރަތް ވިލާތަކުގެ ކުރެހުންތަކަށް ބަލަން ހުރި އިރު އޭނާގެ ބަދުނަސީބު ކަމާ މެދު ވިސްނާ ފިކުރު ކުރަމުން ދިޔައެވެ. އޭނާގެ ދިރިއުޅުން މިއަދު ވަނީ ހުއްޓިފައެވެ. ކުރިއަށް ދާންވީ މިސްރާބެއް އޭނާއަކަށް ނުފެނެއެވެ. ނަމަވެސް ދިރިއުޅުން މަތިން ފޫހިވެ މާޔޫސް ކަމެއްގެ ތެރޭގައި ހަލާކުވެގެން ދާކަށް އޭނާ ބޭނުމެއް ނޫނެވެ.
ބެލްކަނީގެ ރޭލިން ދަގަނޑު ގަނޑުގައި ހިފަހައްޓައިގެން ހުރެ ތިރިއަށް ޒޫނާ ބަލާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އެ ހިތަށް ހަމަޖެހުމެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. މާޒީގެ ހިޔާލުތަކުން މިންޖުވާން މަސައްކަތް ކުރަމުން ދިރިއުޅުމުގައި ކުރިއަށް ދިއުމަށް އޭނާއަށް ކުރެވޭނެ ކަމަކާ މެދު ވިސްނާލަން ހުއްޓާ އޭނާގެ ކަންފަތުގައި ޖެހުނީ ޒޫނާ އޭ ކިޔާ އަޑުހަރުކޮށް މީހަކު ގޮވާލި އަޑެވެ.
ގޭތެރެއަށް ވަދެގެން އައި ޒުލޭހާ އަޑުގެ ނެތްތަނަށް ޒޫނާގެ ނަމުން ގޮވާލި އަޑަށް ސިހިފައި އޭނާއަށް ބެލްކަނިން ދުރަށް ޖެހިލެވުނެވެ. އެ އަޑުގައި ހުރީ ހަރުކަށި ކަމެވެ. މަންމަ އެ އައީ ނޫރާމެން ގެއިން ކަން އޭނާއަށް އެނގުނެވެ. އެހެންކަމުން އޭނާ އަވަަހަށް މަންމަ ކައިރިއަށް ދާން އަވަސްވެގަތެވެ.
ކޭކާއި ކާއެއްޗިހި ހިފައިގެން އައިސް ގޭތެރެއަށް ވަން ޒުލޭހާއަށް އެހީވާން ޒޫނާ އަވަސްވެގަތެވެ. މަންމަ ގެނައި ކޮތަޅުތަކުގައި ހުރި އެއްޗިހި ނަގައި ކާމޭޒުމަތީ ހުރި ތަށިތަކަށް އެ އެއްޗިހި އަޅައި މޭޒުމަތީ ތަށިތައް އަތުރާލިއެވެ.
"ކީއްވެތަ އަޅެ އެގެއަށް ނުދިޔައީ... ނޫރާ ހުރީ ނުލާހިކު ދެރަވެފަ... އާން... ނުރާ ދިން އެއްޗެއް ވެސް އެބަ އޮތް...." ޒުލޭހާ ވާހަކަ ދައްކަމުން އޭނާގެ އަތްދަބަސް ތެރެއިން ނެގި ސިޓީ އުރައެއް ޒޫނާ އަތަށް ދިއްކޮށްލިއެވެ. އެއީ ކޮން އެއްޗެއްބާއޭ ހިތާ ހުރެ، ޒޫނާ އެ ސިޓީއުރައިގައި ހިފިއެވެ. އަދި އޭގެތެރޭގައި އޮތް ކަރުދާސްކޮޅެއް ނަގާ ބަލާލި އިރު ޒޫނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
ހައިރާން ކަމުން ފުރިގެންވާ ބެލުމަކުން ޒޫނާ ބަލަން ހުރީ ކޮން އެއްޗަކަށްތޯ ބަލަން ޒުލޭހާ ވެސް ބޭނުންވިއެވެ. އެހެންވެ ޒޫނާ ކައިރިއަށް ލެފިގަތުމަށް ފަހު އެ ކަރުދާސްކޮޅަށް ޒުލޭހާ ބަލާލިއެވެ. "50 ހާސް ރުފިޔާއޭ..." ނޫރާ ދީފައިވާ ޗެކަށް ބަލަހައްޓައިގެން ހުރެ ޒުލޭހާ ދެލޯ ބޮޑު ކޮށްލިއެވެ. އެއާއެކު ޒޫނާ އެ ޗެކް ހިފައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
ވިސްނުމެއްގައި އެނދުމަތީ އޮތް ޒޫނާއަށް އޭނާގެ ފޯން ރިންގް ވާން ފެށުމުން ބަލާލިއެވެ. އެ ގުޅަނީ އޭނާގެ ކޮއްކޮ ނޫރާއެވެ. މިއަދު އޭނާގެ ކޮއްކޮ ހުއްޓުމެއް ނެތި މެސެޖު ކުރުމުން ވެސް އެއިން މެސެޖެއް ބަލާކަށް ޒޫނާ ބޭނުމެއް ނުވިއެވެ. އެކަމަކު އެހާ ބޮޑު އަދަދެއްގެ ޗެކެއް ދިނުމުން އެއީ ކީއްކުރަން ދިން އެއްޗެއްތޯ އަހަން ޒޫނާ ބޭނުންވެފައި ހުރުމުން ނޫރާގެ ކޯލް ނުކެނޑެނީސް ނަގައި ފޯނު ކަންފަތުގައި ޖަހާލިއެވެ.
ފޯނު ނެގުމާއެކު އޭނާގެ ކޮއްކޮ އެންމެ ފުރަތަމަ ވެސް އުފަން ދުވަހުގެ ތަހުނިޔާ އަދާ ކުރިއެވެ. "އެނގެއެއްނު އައި ޑޯންޓް ސެލެބްރޭޓް ބާތް ޑޭސް.." ޒޫނާ ރުންކުރު ގޮތަކަށް ޖަވާބު ދިނުމުން ނޫރާ ގުޅި ސަބަބު ހާމަ ކުރިއެވެ.
"ގިފްޓް ލިބިއްޖެތަ؟ އެއީ މަށާ މުނާޒްގެ ފަރާތުން ދިން ހަދިޔާއެއް..." އުފަންދުވަހުގެ ހަދީޔާއެއް ކަން އެނގުމުން އެ ޗެކް އަނބުރާ ދޭން ޒޫނާ ނިންމިއެވެ. އެހާ ބޮޑު ޗެކެއް އޭނާ ބޭނުމެއް ނޫނެވެ. ޒޫނާއަށް ބަހެއް ނުބުނެވެނީސް އަނެއްކާވެސް ވާހަަކަ ދެއްކީ ނޫރާއެވެ.
"ނޫނެކޭ ނުބުނާތި؟ ޝަކުވާ ވެސް ނުކުތާރި؟ އެއީ ޒޫނާ ބޭނުން ކަހަލަ މަސައްކަތެއް ފަށަން ދިން ހަދިޔާއެއް... އައި ހޯޕް ޔޫ ވިލް ޑޫ ސަމްތިން ދިސް ޓައިމް...." ނޫރާ ބޭނުންވާ ގޮތް ހާމަ ކުރުމުން ޒޫނާއަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ.
"މަޑުކޮށްލައްޗޭ... މައި ބޭނުމޯ ވިޝް ކުރަން... ދޮންތިއަށް ވިޝް ނުކޮށް ނުނިދާނަމޯ ކިޔައިގެން މި ގުޅީވެސް...."
ޗެކާ ބެހޭ ގޮތުން ދެއްކި ވާހަކައާ ދެކޮޅަށް ޒޫނާއަށް އެއްޗެކޭ ބުނުމުގެ ފުރުސަތު ނުދީ ނޫރާ އޭނާގެ ދަރިފުޅު އަތަށް އަވަަހަށް ފޯނު ދިނެވެ. އެހިސާބުން ޒޫނާ އާއި ނޫރާގެ އުފަން ދުވަސް ފާހަގަ ކުރަން ބޭއްވި ޕާޓީއަށް ދޮންތި ނައުމުން މައިގެ ޝަކުވާތައް ބަންޑުން ކޮށްލިއެވެ. އެ މަންޖެއާ ވާހަކަ ދައްކަމުން ކޮންމެ ވެސް އުޒުރެއް ދައްކައިގެން މާދަމާ މައި ކައިރިއަށް ދާނަން ކަމަށް ޒޫނާ ވައުދުވުމުން ނޫނީ، ފޯނު ބާއްވާކަށް މައި އެއްބަހެއް ނުވިއެވެ. އެހެންކަމުން ޒޫނާއަށް ޖެހުނީ މާދަމާ އެގެއަށް ދާން އެއްބަސް ވާށެވެ.
މައި ފޯން ބޭއްވުމުން ޒޫނާ ދެއަތަށް ބޯ ހޫރާލަމުން އަނެއްކާ ވެސް އޭނާގެ ކޮއްކޮ ދިން ޗެކަށް ބަލާލިއެވެ. އަދި ކޮއްކޮ އެދުނު ފަދައިން ކޮންމެ ވެސް މަސައްކަތެއް ފަށަން ވީއޭ ހިތާ ކުރާނެ މަސައްކަތަކާ ދޭތެރޭ އޭނާ ވިސްނާލިއެވެ.
އެތައް އިރަކު ވިސްނަން އޮތުމަށް ފަހު އެ ވާހަކަ މަންމަ އާ ހިއްސާ ކުރަން ޒޫނާ ބޭނުންވިއެވެ. އެހެންކަމުން ކޮޓަރިން ބޭރަށް ނިކުމެ މަން ހުރި ތަނެއް ބަލާލިއެވެ. އޭރު މަންމަ ހުރީ ބެލްކަނީގައެވެ. ފޯނެއްގައި ކޮންމެ ވެސް މީހަކާ ވާހަކަ ދައްކާށެވެ. ބެލްކަންޏާ ކައިރިއަށް މަޑު ފިޔަވަޅުތަކެއްގައި ޒޫނާ ދިޔައިރު، ފޯނުގައި ހުރެ އޭނާގެ މަންމަ ދައްކަމުން ދިޔަ ވާހަކަ ވަރަށް ސާފުކޮށް އިވުނެވެ. މަންމަ ދައްކަމުން ދިޔަ ވާހަކަ އިވުމުން ޒޫނާ ކުރިއަށް އެޅި ފިޔަވަޅު މަޑުޖެހުނެވެ. މީހާ ހުރި ތަނަށް ގަނޑުވިއެވެ.
"ނޫރާ.... އަޅެ ކީއްކުރާކަށްތަ އެހާ ބޮޑު ޗެކެއް ތި ދިނީ... އެއްމާބަނޑު ދެބޭން ވީމަ އެކަކު އަނެއްކަށް އެހީވެސް ވާންވާނެ. މިހާ ދުވަސްވީ އިރު އަމިއްލަ އަށް މަސައްކަތެއް ނުކޮށް އެ ހުންނަނީ.. ތިހެން ފައިސާ ދިނީމަ... އަނެއްކާ... އެހެން ނުބައި ކަމެއް ކޮށްފާނެ. ކުރިން ވެސް ވަކި ރަނގަޅަށް އުޅުނު މީހެއް ނޫން އެއީކީ... ނޫރާ ތިހެން ފައިސާ ދެންޏާ ހައްތަހާ ހަލާކު ވާނީ...."
ދުރުގައި ހުރެ މަންމަ ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ހުރި ޒޫނާގެ ދެލޯ ކަރުނުން ފުރުނެވެ. އޭނާގެ މަންމަ ކިޔަމުން ދިޔަ އެއްޗިހި އަޑު އިވުމުން އެ ފައިސާއިން އޭނާ ފަށާނެ މަސައްކަތަކާ ގުޅިގެން މަންމައާ ހިއްސާ ކުރަން އުޅުނު ވާހަކަތައް ހިއްސާ ކުރާނެ ހާ ހިތްވަރެއް ވެސް ނުލިބުނެވެ. އެހެންކަމުން މަޑުމަޑުން ފަހަތަށް ފިޔަވަޅު އަޅަމުން ގޮސް ޒޫނާ ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕާ ތަޅުލިއެވެ.
އެނދުގައ އޮށޯވެގެން އޮތް އިރު، ޒޫނާގެ ސިކުނޑީގައި އެކި ހިޔާލުތައް ދިޔައީ ފުނި ޖެހެމުންނެވެ. އެ ހިޔާލުތަކުގެ ތެރެއިން ތަކުރާރުވަމުން ދިޔައީ މަންމަގެ ދުލުން ދާދި ދެންމެއަކި ބޭރުވި ބަސްތަކެވެ. "އަނެއްކާ... އެހެން ނުބައި ކަމެއް ކޮށްފާނެ. ކުރިން ވެސް ވަކި ރަނގަޅަށް އުޅުނު މީހެއް ނޫން އެއީކީ.. ރަނގަޅަކަށް އުޅުނު މީހެއް ނޫން އެއީކީ..."
މިއާއެކު ޒޫނާގެ ހަނދާނަށް އައީ މީގެ ހަތް އަހަރު ކުރިން ހިނގި ހާދިސާއެވެ.
- ނުނިމޭ -