ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެކްޓަރުންގެ ތެރޭގަައި ހިމެނޭ ސަލްމާން ހާނަށް އަނެއްކާވެސް މަރުގެ އިންޒާރު ލިބެން ފަށައިފިއެވެ.

ސަލްމާނަށް އެޑްރެސްކޮށް ފޮނުވާފައިވާ މެއިލެއްގައި އޭނާއަށް މަރުގެ އިންޒާރު ދިން އިރު އެ މައްސަލަ މުމްބާއި ފުލުހުންނާ ހަމައަށް ގެންދިޔުމުން ފުލުހުން ވަނީ ސަލްމާން ދިރިއުޅޭ ގޭގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައެވެ. މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ސަލްމާނަށް މަރުގެ އިންޒާރު ލިބުނެއެވެ. 1998 ވަނަ އަހަރު ޖޯދުޕޫރުގައި ޖަނަވާރުގެ ބާވަތެއް ކަމަށްވާ ޗިންކާރާ ތަކެއް މަރާލައި އެ ޖަނަވާރުތައް ކެއްކި ދެ މައްސަލައިގެ ޝަރީއަތް ނުނިމި ގިނަ ދުވަސްގަނޑަކަށް ފަހު ސަލްމާނުގެ މައްޗަށް ކުށްސާބިތު ނުވާކަމަށް ކޯޓުން ނިންމުމުން، އިންޑިއާގެ ގޭންގްސްޓާރުން ކަމަށްވާ ލޯރެންސް ބިޝްނޯއީ އާއި ގޯލްޑީ ބްރާރް އަދި ރޯހިތު ގަރްގް ސަލްމާނަށް އެކި ފަހަރު މަތިން އިންޒާރު ދީފައެވެ.

ނަމަވެސް އޭރު ސަލްމާނުގެ މައްޗަށް ކުށް ސާބިތުވެ އޭނާ ވަނީ ފަސް އަހަރު ދުވަސް ޖަލުގައި ހޭދަކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން އޭނާ ޖަލުން ސަލާމަތްވީ އިންޑިއާގެ ހައި ކޯޓުން މި މައްސަލައިގައި ސަލްމާންގެ ކުށެއް ނެތް ކަމަށް ނިންމުމާ ގުޅިގެންނެވެ. ރިޕޯޓްތައް ބުނާގޮތުގައި ސަލްމާނަށް މަރުގެ އިންޒާރު ލިބުމާއެކު ސަލްމާން ވަނީ ބޭރުގެ ހަރަކާތްތަކުގައި ބައިވެރިނުވާ ގޮތަށް މިދުވަސްކޮޅު ނިންމާފައި ކަމަށެވެ. އޭނާގެ ފިލްމުތަކުގެ ޝޫޓިން ކުޑަ ދުވަސްކޮޅަކަށް މަޑުޖައްސާލައިފައި ވާއިރު ބޭރުތެރޭން ސަލްމާން ދުވަސްކޮޅަކަށް ނުފެންނާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.