ބޮލީވުޑްގެ ކުޅަދާނަ ދެތަރިން ކަމަށްވާ ރަންބީރު ކަޕޫރު އަދި ޝްރައްދާ ކަޕޫރު އެކުގައި ސްކްރީނުން ފެނިގެންދިޔަ ފުރަތަމަ ފިލްމަށް ބޮޑު ކާމިޔާބީ އެއް ލިބިއްޖެއެވެ.

ލަވް ރަންޖަންގެ ފިލްމު "ތޫ ޖޫތީ މޭ މައްކާރު" އަށް ތަރިން ހޯދިއިރު ރަންޖަން ބޭނުންވީ އެ ފިލްމު ޝްރައްދާ އާއި ރަންބީރު ލައްވައި ކުޅުވުމަށެވެ. މި ފިލްމުގެ ކާސްޓު އިއުލާން ކުރުމާއެކު ކްރިޓީކުންނާއި ބެލުންތެރިން ތިބީ މި ފިލްމު ބެލުމަށް ކެތްމަދުވެފައެވެ. ސަބަބަކީ މި ފިލްމަކީ ރަންބީރު އާއި ޝްރައްދާ އެކުގައި ކުޅޭ ފުރަތަމަ ފިލްމު ކަމަށް ވުމުންނެވެ. އެންމެން ވެސް ތިބީ ދެތަރިންގެ ކެމިސްޓްރީ ބަލަން ކެތްމަދުވެފައެވެ. މިހާރުވެސް ސްކްރީނުގައި ދައްކަމުން އަންނަ މި ފިލްމަށް މިހާތަނަށް 100 ކުރޯޑަށް ވުރެ ގިނަ އާމްދަނީ ލިބިފައި ވެއެވެ. ޖުމްލަ 157.44 ކުރޯޑުގެ އާމްދަނީ މި ފިލްމަށް މިހާތަނަށް ލިބުނު އިރު މި ފިލްމަކީ 175 ކުރޯޑުގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ.

ހަމައެކަނި އިންޑިއާގެ އެކި ހިސާބުތަކުގައި ދެއްކި ޝޯ ތަކުން މިވަރުގެ އާމްދަނީއެއް މި ފިލްމަށް ލިބުނުއިރު އެނަލިސްޓުން ބުނާގޮތުގައި ބޭރު ގައުމުތަކުގެ މާކެޓުން މިއަށް ވުރެ މަތީ އަދަދެއް މި ފިލްމަށް ޖުމްލަކޮށް ލިބިގެން ދާނެއެވެ.

ޝްރައްދާ އާއި ރަންބީރުގެ އިތުރުން މި ފިލްމުން ފެނިގެންދިޔަ ބައެއް ތަރިންނަކީ ބަތަލާ ޑިމްޕަލް ކަޕާޑިއާ އަދި ޕްރޮޑިއުސަރު ބޮނީ ކަޕޫރެވެ. ލޯބީގެ މަޖާ ހާދިސާތައް ދައްކުވައިދޭ މި ފިލްމަކީ އަހަރުގެ މިހާތަނަށް ނެރުނު ފިލްމުތަކުގެ ތެރެއިން ބޮޑު އާމްދަނީއެއް ހޯދަމުން އަންނަ ފިލްމެކެވެ. މިއަހަރު ނެރުނު ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ ޝާހްރުކް ހާން، ދީޕިކާ ޕަޑުކޯން އަދި ޖޯން އަބްރަހަމް ލީޑު ރޯލުން ފެނިގެންދިޔަ "ޕަތާން" އަށެވެ. 240 ކުރޯޑުގެ އާމްދަނީ އިން އުފެއްދި މި ފިލްމަށް ވަނީ 1048.30 ކުރޯޑުގެ އާމްދަނީ އެއް ލިބިފައެވެ.