މި ސަރުކާރަށް އެންމެ ބޮޑު ގެއްލުމެއް ދިނީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ފިކުރެއްގެ ދިރުމަށް ނިސްބަތްވާ މަޖިލީސް މެންބަރުން ކަމަށް އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މަޖިލީސް މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސް މުހައްމަދު ނަޝީދަށް އަބަދުވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ޝަރީފް ވަނީ ރައީސް ނަޝީދާއި އެ މަނިކުފާނަށް ތާއިދުކުރާ މެންބަރުންގެ އިތުރުން މި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މި ގޮތުން ޝަރީފް ވިދާޅުވީ މި ސަރުކާރު ދަމަހައްޓަން އެންމެ ބޮޑު މަސައްކަތްތަކެއް ކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފަހަތްޕުޅުގައި ތިއްބެވި މަޖިލީސް މެންބަރުންނާއި އެމްޑީޕީގައި ތިބި ޕާޓީއަށް ވަފާތެރި މެންބަރުން ކަމަށެވެ. މި ސަރުކާރު ދަމަހައްޓަން އެއްވެސް އެހެން ސިޔާސީ ޕާޓީއަކުން މަސައްކަތް ކޮށްފައި ނުވާކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ މި ސަރުކާރު ދަމަހައްޓަން މާ ބޮޑު މަސައްކަތްތަކެއް ކުރިކަމަށް ކޯލިޝަނަށް ނިސްބަތްވާ ބައެއް ބޭފުޅުން ވިދާޅުވިނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށެވެ.
އިތުރަށް ޝަރީފް ވިދާޅުވީ ކޯލިޝަން މިހާ ހިސާބަށް ދެމެހެއްޓުނީވެސް ރައީސް ސޯލިހްގެ ހިކުމްތަތެރިކަމުން ކަމަށެވެ. އަދި 'ފިކުރެއްގެ ދިރުން' ހިންގަވާ [ރައީސް ނަޝީދު] އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރު ވައްޓާލުމަށް ކުރަމުންދާ މަސައްކަތްތައް ނާކާމިޔާބުވީ ވެސް ރައީސް ސޯލިހްގެ ސިޔާސަތުގެ ސަބަބުން ކަމަށް ޝަރީފް ވިދާޅުވިއެވެ،
ޖުމްހޫރީޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލީސް މެންބަރުން އެއްވެސް އިރެއްގައި ސަރުކާރަށް އެއްބާރުލުން ދެއްވަމުން ނުދާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ބ. ކެންދޫ ދާއިރާގެ ޖޭޕީ މެންބަރު އަލީ ހުސައިން އަބަދުވެސް މަޖިލީސް ތެރެއިން ސަރުކާރަށް ޖެއްސުން ކުރައްވަމުން ގެންދަވާ ކަމަށާ އެއްވެސް ކަމެއްގައި އެއްބާރުލުން ދެއްވާފައި ނުވާކަަމަށެވެ. އަދި ކޯލިޝަންތެރޭގައި ހިމެނޭ ސަރުކާރުގެ ބައިވެރިން އެއްބާރުލުން ދިން ވަރު މަޖިލީސް ޔައުމިއްޔާތަކުން ފެންނަން ހުންނާނެ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ފިކުރެއްގެ ދިރުން އާއި ޖޭޕީ އާއި ޕީޕީއެމްގެ މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ. އަދި ޕީޕީއެމް މެންބަރު އަހްމަދު ޝީޔާމް އާއި ފިކުރެއްގެ ދިރުން އަށް ތާއިދުކުރައްވާ އިމްތިޔާޒް ފަހުމީ އާއި އިބްރާހީމް ރަޝީދު (ބޮންޑޭ) އާއި އަލީ އާޒިމް އާއި ހަސަން ލަތީފްގެ އިތުރުން ޖޭޕީ މެންބަރު އަލީ ހުސައިން އަކީ ދާދި އެއްގޮތް ސިޔާސަތެއް ގެންގުޅޭ ބޭފުޅުން ކަމްށް ޝަރީފް ވިދާޅުވިއެވެ.
އެއީ މުޅިންވެސް ވެރިކަމާ ހެދި ތޮޅޭމީހުން ވެރިކަން ކުރަން ނުލިބިގެން އުޅޭ ބައެށް އަލީހުސޭނު މިހާރު ފައި ވިއްދާފާއެހުރީ ނާބު ރައީސްކަމަށް ފޫގަޅައިގެން