ގދ.ފަރެސްމާތޮޑާ އެއާޕޯޓަކީ ހަމައެކަނި 1200 މީޓަރުގެ ތާރުގަނޑެއް ނޫންކަމަށާ އެ އެއާޕޯޓާއެކު އިގްތިސޯދީ އެތައް ކަމަށް އެ އަތޮޅަށް އަންނާނެކަމަށް ފަރެސްމާތޮޑާ އެއާޕޯޓް ހިންގާ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރިޒްވީ ވިދާޅުވީ މި އެއާޕޯޓަކީ އެ ކުންފުނި އުފެއްދި ފަހުން ކުންފުނީގެ ބައިވެރިވުމާއެކު ތަރައްގީކުރި ފުރަތަމަ އެއާޕޯޓް ކަމަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓާއެކު އިގްތިސޯދީ ގިނަ ކުރިއެރުންތައް ލިބިގެންދާނެކަން ފާހަގަކޮށް ރިޒްވީ ވިދާޅުވީ އެ އެއާޕޯޓާއެކު 45 ވަޒީފާގެ ފުރުސަތު ހުޅުވިގެން ދިޔަކަމަށެވެ. އަދި މި ވަޒީފާއަށް 157 މީހުން ކުރިމަތިލާފައި ވާއިރު އަލަށް އުފެދިގެން ދިޔަ މި 45 ވަޒީފާގެ ސަބަބުން އަހަރެއްގެ މައްޗަށް އިގްތިސޯދީ ގޮތުން ސީދާ އެ ސަރަހައްދަށް 7 މިލިއަން ރުފިޔާ ވަންނާނެ ކަމަށް ރިޒްވީ ވިދާޅުވިއެވެ.

މީގެ އިތުރުން ރިޒްވީ ވިދާޅުވީ މި އެއާޕޯޓުގައި މަސައްކަތްކުރާ، އެހެން މުވައްސަސާތަކުގެ ވަޒީފާތަކާއެކު އަދިވެސް އިތުރު ވަޒީފާތައް އުފެދިގެން ދާނެކަމަށެވެ. އަދި މަސްވެރިކަމާ ދަނޑުވެރިކަމުގެ ބާވަތްތައް ތާޒާކަމާއެކު އެކި ސަރަހައްދު ތަކަށް ފޮނުވުމުގެ މަގުފަހިވެގެންދާނެކަން ފާހަގަކޮށް ރިޒްވީ ވިދާޅުވީ އެ ސަރަހައްދުގައި ގެސްޓް ހައުސް ތަރައްގީކުރުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުޅުވިގެން ދާނެކަމަށެވެ. އިތުރަށް ރިޒްވީ ވިދާޅުވީ ފަރެސްމާތޮޑާ އާއި ހުވަދޫ މިވަނީ އިގްތިސޯދު ލާމެހި ރަށު ބަންދު ވީއްލި ފައްކާވެފައި ކަމަށެވެ.

އިތުރަށް ރިޒްވީ ވިދާޅުވީ ރައީސް ރީޖަނަލް އެއާޕޯޓްސް ކުންފުނި އުފެއްދެވި އެންމެ ބޮޑު އެއް މަގްސަދަކީ ރައްކާތެރިކަން ކަށަވަރުވެފައި އޮތް ވައިގެ ދަތުރުފަތުގެ ނިޒާމަކުން ރާއްޖެ ގުޅުވާލުން ކަމަށެވެ. އަދި ފާއިތުވި ދެ އަހަރު ރައީސްގެ ވައުދު ފުއްދުމަށް ގިނަ މަސައްކަތް ތަކެއް ކުރެވިފައިވާކަމަށް ރިޒްވީ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރިޒްވީ ވިދާޅުވީ އެއާޕޯޓްތައް ގިނަ ވެ ރަންވޭތައް ދިގުވެ ޓާމިނަލް ތަކުގެ ޑިޒައިން ބަދަލުވާއިރު ދޭން ބޭނުންވާ ޔަގީންކަމަކީ ރައްކާތެރި އަމާން ލާމެހިފައިވާ ޖަޒީރާ ރާއްޖެއެއްގެ ޔަގީންކަަން ކަމަށެވެ.