މިދިޔަ މަހު ލޮލު ރޯގާއާއި، ފާނަބަސަންދާއި، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ތަފްސީލް ދެމުން އެޗްޕީއޭ އިން ބުނީ، މިދިޔަ މަހު ލޮލު ރޯގާ އަދި ފާނަބަސަންދު އިތުރުވެފައި ވީ ނަމަވެސް ވައިރަލް ހުން އަދި ހޭންޑް ފުޑް އެންޑް މައުތު ޑިޒީސް ފަދަ ބަލިތައް އާންމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރުވެފައި ނުވާ ކަމަށެވެ. ަހަމއެއާއެކު އަރިދަުސް ރޯގާ އާއި ބޭރަށް ހިންގުން ވެސް އިތުރުވަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުގައި ވަނީ، ޑެންގީ ހުމާއި، އަރިދަފުސް ރޯގާއި، ބޭރަށް ހިންގުމުގެ ތަފާސް ހިސާބެވެ. އެ ގޮތުން މިދިޔަ ޖެނުއަރީ މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައި ވަނީ 198 މީހެކެވެ. އަދި ފެބްރުއަރީ މަހު ވަނީ 145 މީަހކު ރިޕޯޓް ކޮށްފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. މި އަދަދުތައް ދަށްވެފައި ވީ ނަމަވެސް މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދު ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެޗްޕީއޭއިން ބުނެއެވެ.

އަރިދަފުސް ރޯގާގެ ތަފާސްހިސާބަށް ބަލާއިރު، މިދިޔަ ޖެނުއަރީ މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައި ވަނީ 29.307 މީހެއް ކަމަށާއި އެ އަދަދު މިދިޔަ ފެބްރުއަރީ މަހު ވަނީ 30،628 އަށް އިތުރުވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަރިދަފުސް ރޯގާ ޖެހޭ މިންވަރު އިތުރުވަމުން އަންނާތީ އެ ބަލިން ރައްކާތެރިވުމަށް ފިޔަވަލު އެޅުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

ލޮލުރޯގާ ޖެހިފައި ހުރި މީހެއް ރަމްޒުކޮށްދޭ ފޮޓޯއެއް

މީގެ އިތުރުން ބޭރަށް ހިންގުން ޖެހިފައިވާ މިންވަރު ވެސް ވަނީ މިދިޔަ ޖެނުއަރީ މަހާ އަޅާބަލާ އިރު، ފެބްރުއަރީ މަހު އިތުރުވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. ޖެނުއަރީ މަހު 3502 މީހަކު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ އިރު، ފެބްރުއަރީ މަހު ވަނީ 4357 މީހަކު ބަލި ޖެހިގެން ރިޕޯޓް ކޮށްފައެވެ. އެހެންކަމުން ބޭރަށް ހިންގުމާއި ހޮޑުލުން ފަދަ ބަލިބަލިން ރައްކާތެރިވުމަށް އާންމު ސާފުތާހިރު ކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެގޮތުން ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި، ފާޙާނާ ކުރުމަށް ފަހު ނުވަތަ ނެޕީ ބަދަލު ކުރުމަށް ފަހު ސައިބޯނި ލައިގެން އަތް ދިވުމާއި، ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުން ކުރުމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި ރޯ ތަރުކާރީ އާއި މޭވާ ބޭނުންކުރާ އިރު ރަނގަޅަށް ދިވެގެން ބޭނުން ކުރުމާއި ކާބޯތަކެތި ރައްކާކުރާ ތަންތަނަކީ ސާފުތާހިރު ކޮށް ބެލެހެއްޓުމަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ލޮލު ރޯގާއާއި ފާނަ ބަސަނދު އިތުރުވެފައިވާ ކަމަށް ބުނެފައިވީ ނަމަވެސް އެ ބަލިތަކުގެ ތަފާސް ހިސާބެއް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ.