ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ ގޮތުން ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރު ހައިރަން ފެނާންޑޯ ދެއްކެވި ވާހަކަތަކަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ނުސީދާ ރައްދު ދެއްވައިފިއެވެ.

ޖަރުމަންގެ ވެރިރަށް ބާލިންގައި ކުރިއަށް ދިޔަ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ 'އައިޓީބީ ބާލިން 2023' ގައި ލަންކާގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ވާހަކަދައްކަމުން އެ ގައުމުގެ މިނިސްޓަރު ފެނާންޑޯ ވަނީ ރާއްޖެއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި ގޮތުން ފެނާންޑޯ ވިދާޅުވީ ރާއްޖޭގައި އޮންނަނީ ހަމައެކަނި ބީޗެއް ކަމަށެވެ.

ރާއްޖެއަށް ފާޑުވިދާޅުވަމުން ފެނާންޑޯ ވަނީ ރާއްޖޭގައި ކުރާނެ އިތުރު ކަމެއް ނޯންނަ ކަމަށާއި އެތަނުގައި ފަސް ދުވަހަށް މަޑުކޮށްލާއާއިރަށް ފަތުރުވެރިން ފޫހިވާނެކަމަށް ވިދާޅުވެފައެވެ. އަދި ސްރީލަންކާގައި އެހެން ނުވާނެކަން ފާހަގަކުރައްވައި ފެނާންޑޯ ވިދާޅުވީ އެ ގައުމުގައި ފަތުރުވެރިންނަށް މާ ގިނަ ކަންތައްތައް ތަޖުރިބާ ކުރެވޭނެކަމަށެވެ.

މިނިސްޓަރު ފެނާންޑޯގެ މި ވާހަކަތަކާ ގުޅިގެން ގިނަ ދިވެހިންގެ ފާޑުކިޔުން އޭނާއަށް އަމާޒުވެފައި ވާއިރު މިނިސްޓަރު މައުސޫމުވެސް ވަނީ ފެނާންޑޯ އަށް ނުސީދާ ރައްދެއް ދެއްވާފައެވެ.

މި ގޮތުން މައުސޫމު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ދިވެހިރާއްޖެއަށް 2020، 2021 އަދި 2022 ވަނަ އަހަރު ވޯލްޑް ޓްރެވެލް އެވޯޑްސް އިން ދޭ ދުނިޔޭގެ ލީޑިން ޓޫރިސްޓް ޑެސްޓިނޭޝަންގެ ލަގަބު ލިބިފައިވާ ކަމަށެވެ. އަދި ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ 'ބެންޗްމާކެއް' ކަމަށް މައުސޫމު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މައުސޫމު ވަނީ ރާއްޖެއަކީ އެންމެ ރަނގަޅު އަދި އެންމެ 'އެޑިކްޓިވް' ފަތުރުވެރި މަންޒިލަކަށް ހަދައިދިން ފަރާތްތަކާއި ހިދުމަތް ދޭ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. "ހަސަދަވެރިވެ ސުވާލު އުފެދޭނަމަ ލޯގަނޑާ ސުވާލުކުރައްވާ" މައުސޫމުގެ ޓްވިޓްގައި ފެނާންޑޯ އަށް ނުސީދާ ރައްދެއް ދައްވަމުން ވިދާޅުވިއެވެ.

ލަންކާގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ފެނާންޑޯ ދެއްކި ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ ހަގީގަތް ނޭނގި ރާއްޖޭގެ ވާހަކަ ނުދެއްކެވުމަށް ގޮވާލާފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކުރުމަށްވެސް ގިނަ ބަޔަކު ވަނީ ފެނާންޑޯ އަށް ގޮވާލާފައެވެ.