ޗައިނާގެ ވެރިރަށް ބެއިޖިން އަށް "ފަނި ވާރޭ" ވެހިއްޖެއެވެ.

ބެއިޖިން އަށް ފަނީގެ ވާރޭ ވެހޭ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދާއިރު ޕާކުކޮށްފައި ހުރި ވެހިކަލުތަކުގައި ވެސް ފަނިދުވާ މަންޒަރު ހިމެނޭ ފޮޓޯތަކެއް ވަނީ އާންމުވެފައެވެ. ބެއިޖީންގެ ރައްޔިތުން ބުނީ މިއީ އެގައުމަށް މިފަދަ ކަމެއް ތަޖުރިބާ ކުރަން ޖެހުނު ފުރަތަމަ ފަހަރު ކަމަށާއި ފަނީގެ ވާރޭ އިން ރައްކާތެރިވުމަށް އެންމެންވެސް ގެއިން ނުކުންނާނީ ދެން ކުޑަ ހިފައިގެން ކަމަށެވެ.

އެކަމާ ގުޅޭގޮތުން ޗައިނާގެ ކަމާ ބެހޭ އިދާރާތަކުން ވާހަކަ ނުދެއްކި ނަމަވެސް ބައެއް ސައިންޓިސްޓުން ބުނާގޮތުގައި ފަނީގެ ތޫފާނެއް އައުމަށް ދިމާވި މައިގަނޑު އެއް ސަބަބަކީ އެހިސާބަށް އެރި ތޫފާނަކަށް ފަހު، ވަޔާއެކު ކޮންމެވެސް ތަނަކުން ފަނިތައް ބުރައިގެން ދިޔުމެވެ. ނަމަވެސް އެގައުމުގެ ރައްޔިތުން އެވާހަކައާ ދެކޮޅު ހަދައެވެ. އެމީހުން ބުނަނީ އެއީ ފަނީގެ ވާރޭ ކަމަށެވެ.

ދާދިފަހުން އޮސްޓްރޭލިއާގެ ޓައުނެއް ކަމަށްވާ ލަޖަމަނޫ އަށް ބޯކޮށް ވާރޭ ވެހި "މަހުގެ ވާރޭ" ވެސް ވަނީ ވެހިފައެވެ. މޫސުން ލަފާކުރާ ސައިންސްވެރިން ބުނާގޮތުގައި "މަހުގެ ވާރޭ" ވެހެން ދިމާވަނީ ޓޯނޭޑޯ ތަކުގެ ސަބަބުންނެވެ. ކަނޑު ހުރަސްކޮށް ތޫފާނެއް އަންނައިރު ތޫފާން، ބައެއް ފަހަރު ފެނުގެ ތޫފާނަކަށް ވެސް ބަދަލުވެގެންދާ ކަމަށާއި ފެނުގެ ތޫފާނަކަށް އެ ތޫފާން ބަދަލުވެއްޖެނަމަ ކަނޑުގައި ހުންނަ މަސްތަކުގެ އިތުރުން އެއްގަމާ ކައިރީގައި އުޅޭ މަސްތައް ޓޯނޭޑޯގެ ސަބަބުން ދަމައިގަންނަނީ ކަމަށެވެ.

މިއީ އެހާ އާންމު ހާދިސާ އެއް ނޫންނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަހަރެއް ނުވަތަ ދެއަހަރެއްގެ މައްޗަށް 40 ހާދިސާ ހިނގާ ކަމަށް ސައިންސްވެރިން ބުނެއެވެ. މިގޮތަށް ކަންތައް ވެގެންދަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަމަށްވެސް ސައިންސްވެރިން ވަނީ ބުނެފައެވެ.