ދުނިޔޭގެ އެކި ހިސާބުތަކުގައި އަޖައިބުކުރުވަނިވި ކަންތައްތައް މީހުން ކޮށް އުޅެއެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ މީހާގެ ހިޔާލަށްވެސް ގެންނަން އުނދަގޫ ކަންކަމެވެ. އޭގެ ތެރެއިން އެކަކީ އުމުރުން 25 އަހަރުގެ ސޯފީ މައުރޭ އެވެ. އޭނާ ވަނީ އަމިއްލަ ނަފްސާ ކައިވެނިކޮށް މުޅި ދުނިޔެ ސިއްސުވާލާފައެވެ.

ސޯފީ މައުރޭ ބުނީ އޭނާ އަމިއްލަ ނަފްސު ދެކެ ވަރަށް ލޯބިވާ ކަމަށާއި އޭނާ އަށް ކަމުދާ އެއްވެސް މީހަކު ނުފެނުމުން އަމިއްލަ ނަފްސާ ކައިވެނިކުރަން ނިންމީ ކަމަށެވެ. އެގޮތުން ނިމިދިޔަ ފެބްރުއަރީ މަހު ސޯފީ ވަނީ ކައިވެނީގެ ހެދުމުގައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާއަށް އަޕްލޯޑުކޮށް ކައިވެނިކުރި ކަމަށް ބުނެފައެވެ. ސޯފީ ބުނީ އެހެން ހުރިހާ ކައިވެނިތަކެއް ހެން މި ކައިވެނި ކުރީ ގައުމުގެ ސަގާފަތާ އެއްގޮތަށް ކަމަށާއި ކައިވެނީގެ ދުވަހު އޭނާގެ އާއިލާ އަށް ކެއުމެއް ދީ އެންމެން ކޭކުވެސް ފެޅި ކަމަށެވެ. އަދި އެ ކޭކު އެޅީ އޭނާ އަމިއްލައަށް ވެސް ކަމަށް ސޯފީ ބުންޏެވެ.

ކައިވެނި ކުރުމަށް ފަހު ސޯޝަލް މީޑިއާގައި ސޯފީ ހިއްސާކުރި ޕޯސްޓުގައި ބުނީ ކައިވެނީގެ ދުވަހަކީ އޭނާ އަށް އެންމެ ހާއްސަ ދުވަސްކަމަށާއި ކައިވެނިކުރި ދުވަސް، ދުވަހަކަުވެސް ހަނދާނުން ނުފޮހެލެވޭނެ ކަމަށެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ އެކަކުވެސް ހީނުކުރާ ގޮތަށެވެ. ކައިވެނީގެ އަޕްޑޭޓް ދިނުމަށް އޭގެ އަނެއް ދުވަހު ސޯފީ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އަމިއްލަ ނަފްސު ދެކެ ކިތަންމެ ލޯބިވި ނަމަވެސް އަމިއްލަ ނަފްސާ ކައިވެނިކޮށްގެން ދެން އެންމެ ހިނދުކޮޅަކުވެސް ކެތެއް ނުވާނެ ކަމަށެވެ. ވިސްނުން ހުރީ ވަރިވާން ކަމަށާއި ވަރިވުމުގެ މަރުހަލާ އޮތް ގޮތް ބަލަމުންދާ ކަމަށެވެ.