ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މާލެ ސަރަހައްދުގައި ދެމުން ގެންދާ ކުނި މެނޭޖްކުރުމުގެ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ސްޓެލްކޯގެ ބިލުގައި ހިމަނައިގެން ނެގުމުގެ ހުއްދަ ވެމްކޯއަށް ދީފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީ އިން ބުނެފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީއިން ބުނީ އަންނަ މަހުން ފެށިގެން ވެމްކޯއިން ނަގާ ފީ ސްޓެލްކޯގެ ބިލުގައި ހިމެނިކަމުގައިވީ ނަމަވެސް މި ބަދަލާ ގުޅިގެން ވެމްކޯއިން މާލޭގައި ދެމުންގެންދާ ހިދުމަތްތަކުން ނަގާފީއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި މިގޮތަށް ފީ ނަގަން ފެށުމުން ވެމްކޯގެ ހިދުމަތަށް ރަޖިސްޓްރީ ނުކުރެއްވި ކަމުގައިވިއަސް މާލޭސަރަހައްދުގެ ހުރިހާ ގޭބިސީތަކުން ވެމްކޯއިން ގަވާއިދުން ކުނި ނަގަމުންގެންދާނެ ކަމަށެވެ.

މި ގޮތަށް ފީ ނަގަން ހަމަޖައްސާފައިވަނީ މިވަގުތު ވެމްކޯއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާ ފޯރުކޮށްދޭ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ހިދުމަތް ލިބިގަންނަ ބައެއް ފަރާތްތަކުން ވެމްކޯއަށް ގަވާއިދުން ނުދައްކާ މައްސަލައަށް ހައްލު ހޯދުމަށެވެ. އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ހަރަދު ބެލެހެއްޓުމަށްޓަކައި ހިދުމަތް ހޯއްދަވާ ހުރިހާ ފަރާތަކެއްގެ އަތުން ފަސޭހަ އަދި ހަރަދުކުޑަ ގޮތެއްގައި އާންމު ބޭނުންތަކުގެ އެހެން ހިދުމަތެއްގެ ބިލުގައި ހިމަނާއިގެން ފީ ކަލެކްޓްކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ވަނީ ނިންމާފައެވެ.

ފީ ނުދެއްކުމުގެ ސަބަބުން ވެމްކޯގެ ކޭޝްފްލޯ ދަތިވެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދާ ބައެއް އާލާތްތައް (ކުނި އުފުލާ އުޅަނދުތަކާއި ކުނި ޕްރޮސެސްކުރުމަށް ބޭނުންކުރާ އިކުއިޕްމަންޓްތައް) މަރާމާތު ނުކުރެވި، ބޭނުން ނުކުރެވޭ ހާލަތަށް އައުމުގެ ސަބަބުން އެކަން ހައްލުކުރަން ކުރަންޖެހޭ ހަރަދު އިތުރުވާކަން ވެމްކޯއިން ފާހަގަކޮށްފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގައި ފީދައްކަން ޖެހޭ ޖުމްލަ 53,690 ގެބިސީ ހުރި ނަމަވެސް ވެމްކޯގެ ހިދުމަތަށް ރަޖިސްޓްރީކުރައްވައިގެން ބަރާބަރަށް ފީ ދައްކަމުން އަންނަނީ ގާތްގަނޑަކަށް 20,000 ގެބިސީއިންނެވެ. ވެމްކޯގެ ހިދުމަތްތަކަށް ނަގާ ފީ ނުދައްކުމުގެ ސަބަބުން ގަވާއިދުން ކުނި ކަލެކްޓްކޮށް މެނޭޖްކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުން އަންނައިރު އެ ގޮންޖެހުންތައް ނައްތާލެވޭނީ ވެމްކޯގެ ހިދުމަތްތަކަށް ކަނޑައެޅިފައިވާ ފީ ބަރާބަރަށް ވެމްކޯއަށް ލިބިގެންނެވެ.

މި ބަދަލަކީ މާލެ ސަރަހައްދުގައި ކުނި މެނޭޖްކުރުމަށް ދިމާވެފައިވާ މައްސަލަ އަށް ހައްލު ހޯދުމަށްޓަކައި އެންވަޔަރަމެންޓް މިނިސްޓްރީއާ ވެމްކޯ ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގެނެވުނު ބަދަލެކެވެ.