މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ މަޝްވަރާތަކަށް ކުރައްވަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ބައްދަލު ކުރައްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ ބޭފުޅުން ބައްދަލުކުރެއްވީ ގާސިމްގެ ސަން އައިލޭންޑްގެ ރިސޯޓްގައެވެ. ނަމަވެސް ބައްލުވުމާ ބެހޭ އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެއެވެ.
ގާސިމާއި ފާރިސް ބައްދަލު ކުރަށްވާފައި ވާއިރު ދާދި ފަހުން ގާސިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދާލަތަ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާ ވެސް ބައްދަލުކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަތަކުގެ ތަފްސީލު ދެއްވުމަށް ގާސިމް ވަނީ ދެކޮޅު ހައްދަވާފައެވެ.
ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ރިޔާސީ ކެނޑިޑޭޓުކަމުގެ އިތުރުން ކޯލިޝަން ހެދުމުގެ ބާރު ގާސިމްއަށް ދިނުމަށް އެދި ޕާޓީގެ ކައުންސިލް މެންބަރު މުހައްމަދު ނާޒިލް ހުށަހެޅުއްވި ގަރާރު ވަނީ ފާސްކޮށްފައެވެ.
ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ކެނޑިޑޭޓަކު ނުކުތުމާމެދު ނުވަތަ އެހެން ރިޔާސީ ކެނޑިޑޭޓަކާއެކު ކޯލިޝަން ހެދުމާމެދު ގޮތް ނިންމާފައެެއް ނުވެއެވެ.
"ދަ ޕްރެސް" އިން ހެދި ޕޯލްއިން ދައްކާގޮތުގައި ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ފައިދާ ބޮޑީ ގާސިމް އިބްރާހިމް ވަކިން ވާދަކުރައްވައި ގެންނެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބާއްވަން ނިންމާފައި ވާއިރު މިހާތަނަށް އެ އިންތިހާބުގައި ވާދަކުރައްވަން ނިންމާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމް/ ޕީއެންސީ ގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަޝީރުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ.
ރައީސް ސޯލިހާއެކު އަދާލަތު ޕާޓީ އަދި އެމްޑީއޭއިން ވަނީ ކޯލިޝަން ހަދާފައެވެ.