ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަދިތްޔާ ރޯއީ ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "ގުމްރާހް"ގެ ޓީޒާ ދައްކާލައިފިއެވެ.
އަންނަ މަހުގެ ހަތްވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރާ އެ ފިލްމުގައި ބަތަލާގެ ރޯލު ކުޅޭނީ މުރްނާލް ތާކޫރެވެ. އަލަށް ޑައިރެކްޝަނަށް ނުކުތް ވަރުދާން ކެތުކަރު ޑައިރެކްޓްކޮށް ބުޝަން ކުމާރު ޕްރޮޑިއުސްކުރާ މި ފިލްމުގައި އަދިތްޔާ އަކީ ކްރިމިނަލްއެކެވެ. އަދި މުރްނާލް އަކީ ފުލުސް އޮފިސަރެކެވެ. ފިލްމުގެ ޓީޒާ އިން ފެނިގެންދަނީ އަދިތްޔާ މީހެއް މެރުމަށްފަހު ފުލުހުންނަށް ފިލަން އުޅޭ މަންޒަރެވެ. އަދި މުރްނާލް ތަހުގީގުކުރަމުން އަންނަނީ އަދިތްޔާގެ ކޭސްއެވެ. މި ފިލްމަކީ 2019 ވަނަ އަހަރު ނުކުތް ކާމިޔާބު ތަމަޅަ ފިލްމު "ތަޅަމް" ގެ ހިންދީ ރިމޭކެވެ. މިއީ ކްރައިމް ތުރިލާ ޖޯންރާ އަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
އަދިތްޔާ އާއި މުރްނާލް ފިލްމުގައި ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު އެ މީހާ މަރާލީ އަދިތްޔާކަން އެނގުމުން ދެން ކަންތައް ވެގެންދާނެ ގޮތް ބަލަން ކެތްމަދުވެފައިވާ ކަމަށް ބެލުންތެރިން ބުނެއެވެ. "އާޝިގީ 2" އިން އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އަދިތްޔާ ބުނީ މި ފިލްމަކީ އޭނާ އަށް ވަރަށް ހާއްސަ ފިލްމެއް ކަމަށާއި އަބަދުވެސް ބޭނުންވަނީ ކްރިމިނަލް ޓައިޕް މީހެއްގެ ރޯލު ކުޅެން ކަމަށެވެ. އޭނާ ބުނީ މި ފިލްމުވެގެންދާނީ ބެލުންތެރިންނަށް ކަމުދާ ރީތި މޮޅު ފިލްމަކަށް ކަމަށެވެ.
ބޮލީވުޑްގެ އެކްޓަރު އަދިތްޔާ އެންމެ ފަހުން ފެނިގެންދިޔައީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދިން ވެބް ސީރީޒް "ދަ ނައިޓް މެނޭޖާ" އިންނެވެ. އޭނާ ކުޅުނު ބައެއް މަގްބޫލު ފިލްމުތަކުގެ ތެރޭގައި "ޔޭ ޖަވާނީ ހޭ ދިވާނީ"، "މަލަންގް"، "ލޫޑޯ" އަދި "ކަލަންކް" ހިމެނެއެވެ.