މި އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގައި 283272 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީއިން ބުނީ އެ އަދަދުގެ ތެރެއިން 162935 މީހުން ތިބީ ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީވެފައި ކަމަށެވެ.

އިލެކްޝަން ކޮމިޝަންގެ ޕާޓީތަކުގެ ދަޕްތަރަށް ބަލާއިރު ރާއްޖޭގައި 11 ޕާޓީއެއް ރަޖިސްޓްރީ ކޮށްފައި ވާއިރު އެންމެ ގިނަ މެންބަރުން ހިމެނޭ ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ނިޔަަލަށް 57،660 މީހުން އެ ޕާޓީގައި ރަޖިސްޓްރީގައި ތިބިއިރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި ތިބީ 38،704 މެންބަރުންނެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައި 22،607 މެންބަރުން ތިބިއިރު ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އަދި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގައި 3000 މެންބަރުން ހަމަ ނުވާ ކަމަށް އެ ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ.

އެއަށްފަހު އެމްއާރްއެމްއަށް 3000 މެންބަރުން ހަމަކޮށްފައިވާ ކަމަށް އެ ޕާޓީއިން ވަނީ ހާމަކޮށްފައެވެ.

މިހާތަނަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމް/ ޕީއެންސީ ގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަޝީރުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ. އަދި ރައީސް ސޯލިހާއެކު އަދާލަތު ޕާޓީ އަދި އެމްޑީއޭއިން ވަނީ ކޯލިޝަން ހަދާފައެވެ.