ބޮޑުކަންނެލި ކިރުވަން މަސްވެރިން ކިއުގައި ގިނަ ދުވަސް ހޭދަކުރަންޖެހޭތީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ޔޫނިއަނުން މިއަދު ބުނީ، ކަންނެލި ކިރުވުމަށް ކިއުގައި 5 ދުވަހު ތިބެން ޖެހުމީ ވަރަށް ދެރަ ކަމެއް ކަމަށާއި ކަންނެލި މަސްވެރިކަން ކުޑަކޮށްވެސް ރަނގަޅުވާއިރަށް މަސްވެރިން އުޅެންޖެހޭ ހާލަކީ މިއީ ކަމަށެވެ.

ދެންކިޔާނެ ކޮލިޓީ ދަށިއްޔޭ، ކަންނެލިބާނަން ހޭދަކުރާ ދުވަހަށްވުރެ ގިނަ ދުވަސް ކަންނެލި ކިއުގައި ތިބެންއެބަޖެހޭ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނު

ބޮޑު ކަންނެލީގެ މަސްވެރިން މިހާތަނަށް ޝަކުވާ އުފުލާފައިވާ ކަންކަމަށް އެދެވޭ ހައްލެއް ނުލިބޭތީ، އެކަންކަމަށް އެދެވޭ ހައްލެއް ހޯދައި ދިނުމަށް ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަން އިން ވަނީ މީގެ ކުރިން އެތައް ފަހަރު ގޮވާލާފައެވެ.

މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކަކާއި ޝަކުވާތައް ހިމެނޭ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅާފައި ވެއެވެ. ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް، ހުށަހެޅުއްވި މައްސަލައިގައި ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެފައިވާ މި ދުވަސްވަރު، މަސް ގަންނަ މިންވަރު ހިފަހައްޓައި، މަސްވެރިން ބާނާ މަސް ކިރުވަން އެތައް ދުވަހެއް ވަންދެން ކިޔޫގައި މަޑުކުރަން ޖެހި، ބާނާ މަހަށް ހަމަ އަގު ނުލިބޭކަމުގެ ވާހަކަ ފާހަގަ ކުރައްވާފައި ވެއެވެ.

މަސްވެރިންގެ ގާނޫނުގައިވާ ގޮތަށް ގޭދޮށު ފެކްޓްރީތަކާއި އައިސް ޕްލާންޓް ފަދަ ތަންތަން އަޅައި މަސްވެރިންނަށް ފަސޭހަކޮށްދިނުމުގެ ނިޔަތެއް ސަރުކާރުން ނުގެންގުޅޭ ކަމަށާއި، އެކަމުގެ ސަބަބުން މަސްވެރިން ތިބީ މާޔޫސްވެފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހަތަރު އަހަރު ފާއިތުވެގެން ދިޔަ އިރު ވެސް، މިފަދަ އެއްވެސް މައްސަލައަކަށް ހައްލެއް ލިބިފައި ނުވާ ކަމަށެވެ.