ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން، ކުރީގެ ބަނދަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ ކުރީގެ ބަނދަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ އިތުރުން އެއްގަމުތޮށީގެ ވޭރިއޭޝަން މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ޝިޕްމަންޓް ވެސް މިހާރު ސައިޓަށް ގެންދެވިފައިވާ ކަަމަށެވެ.

ޑިޒައިން އެންޑް ބިލްޑިން އުސޫލުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 58 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. އަދި 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 478 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެއެވެ.

މީގެ އިތުރުން 630 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، 6858 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ޖެޓީއެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ދާނެއެވެ.

ހއ. ދިއްދޫ އަކީ އެ އަތޮޅުގެ ހުރިހާ ރަށަކުންވެސް ހިދުމަތްތައް ހޯދުމަށް ދަތުރުކުރާ އަަތޮޅުގެ މައި ރަށެވެ. ބަނދަރުގެ ދަތިކަން އިންތިހާއަށް ބޮޑު ދިއްދޫ، ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީ އާ ހަވާލުކުރީ 14 ފެބްރުއަރީ 2021 ވަނަ ދުވަހުއެވެ. މި މަޝްރޫއަކީ 70.59 މިލިއަން ރުފިޔާގެ މަޝްރުއެކެވެ.

ހއ، ދިއްދޫ ބަނދަރުގެ މަސައްކަތް ނިމުމުން އެރަށް ވެގެން ދާނީ ރާއްޖޭގެ އެންމެ ބޮޑު ބަނދަރެއް އޮތް އެއް ރަށަށެވެ.