މާލޭގައި ބައިލައްކަ އަށް ވުރެ ގިނަ އާއިލާއިން ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިއްބާ، އެންމެ 4،000 ގޯތި ސަރުކާރުން ދޫކުރާތީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރަކު މާލެ ސިޓީ ކައުންސިލުން ދެ ފަހަރު ބާއްވާ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މާލެ އަށް އެންމެ ބޮޑަށް ދިމާވެފައިވާ އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި، މާލޭގެ ރައްޔިތުންނަށް ގެދޮރާއި ބިން އިންތިހާ އަށް ބޭނުންވެފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، މާލެ އަށް ދިމާވެފައިވާ ގެދޮރާއި ބިމުގެ މައްސަލަ އަށް އޮތް ހައްލަކީ ގުޅިފަޅާއި ފުށިދިއްގަރު ފަޅުގެ އިތުރުން ގިރާވަރު ފަޅުން ބިން ހިއްކުމެވެ. ހިސާބު ނަންބަރުތަކެއް އާންމުކުރައްވައި އޭނާ ވިދާޅުވާ ގޮތުގައި އެކަމަށް އޮތް ހައްލަކީ:

  • ގުޅިފަޅުން 280 ހެކްޓަރުގެ ބިން ހިއްކުން
  • ފުށިދިއްގަރު ފަޅުން 900 ހެކްޓަރުގެ ބިން ހިއްކުން
  • ގިރާވަރު ފަޅުން 200 ހެކްޓަރުގެ ބިން ހިއްކުން

މި ބިންތައް މިފަދައިން ހިއްކައި، މާލޭގައި ގެދޮރުގެ ދަތިކަން ދިމާވެފައިވާ މީހުންނަށް ގޯއްޗާއި ފްލެޓުތައް ދީ ހެދުމުން، ދިގު މުއްދަތަކަށް ގޯތީގެ މައްސަލަ ހައްލުވެގެން ދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެއާއެކު މުއިއްޒު ލަފާ ދެއްވީ ލުއި އަގުގައި ހައުސިން ލޯން ސްކީމްތައް މަރުކަޒީ ބޭންކު އެމްއެމްއޭ އިން ރެގިއުލޭޓުކޮށް، އެ ލޯނުތައް ބޭންކުތަކުން ލިބޭ ގޮތް ހަމަޖައްސައި، ހައުސިން ސަބްސިޑީ ސްކީމެއް ތައާރަފްކުރުމަށެވެ.

ނަމަވެސް މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގޯތީގެ މައްސަލަ އަށް ހައްލު ހޯދައިދިނުމަށް ކުރި މަސައްކަތަށް ސަރުކާރުން މިހާތަނަށް އެއްވެސް އިޖާބަ އެއް ދީފައިނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"[ކައުންސިލުން] ބޭނުން ވަނީ ކޮން އިޖާބައެއްތޯ؟ ހަމަ އެކަނި މާލޭގައި ގެދޮރުވެރިކަމަށް ޖެހިފައިވާ 50،000 އާއިލާ އަށް އެކަން ހައްލުކޮށްދިނުމުގައި ސަރުކާރުން ސިޓީ ކައުންސިލްގެ ބައިވެރިވުމާއި މަޝްވަރާއާ އެކު މަސައްކަތްކޮށްދެއްވުން،"
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން، "ގެދޮރުވެރިޔާ" ސްކީމްގެ ނަމުގައި ސަރުކާރުން ވަނީ 5،000 ގޯއްޗާއި 4،000 ފްލެޓު ދޫކުރަން ކުރިން ނިންމާފައެވެ.

މާލެ ސިޓީގެ ރައްޔިތުންގެ 50،000 އާއިލާއަށް ގެދޮރުވެރިކަން ދެވެން އޮއްވާ އެންމެ 4،000 ގޯތި ދޭން ނިންމަން ޖެހޭ ސަބަބެއް ނެތް،" ހައުސިން މިނިސްޓަރުކަން ކުރިން ކުރެއްވި މުއިއްޒު ވިދާޅުވިއެވެ.