ދިވެހިންގެ ތެރޭގައި ވެސް މަގުބޫލު އަދި އިންޑިއާގެ ފިލްމް އިންޑަސްތްރީގައި ލެޖެންޑުންގެ ގޮތުގައި ބަލައި ދަރުމެންދަރަ އާއި އަމީތާބް ބައްޗަންގެ ގެ ގޮއްވާލާނެ ކަމަށް ބުނެ މީހަކު އިންޒާރު ދިނުމާ ގުޅިގެން ސެކިއުރިޓީ ވަގުދަގަ ކޮށްފިއެވެ.

އެ ފަންނާނުންގެ ގެ ގޮއްވާލާނެ ކަމަށް މީހަކު ބުނީ އިންޑިއާގެ ނާގްޕޫރް ޕޮލިސް ސްޓޭޝަނަށް ގުޅާފައި ކަމަށް ހަބަރުތައް ބުނެއެވެ.

ބޮލީވްޑްގައި އެންމެ އިހުތިރާމް ލިބޭ އެއް އެކްޓަރު އަމީތާބުގެ 5 ގެއެއް ބޮމްބޭގައި ހުރެއެވެ. ޖަލްސާ، ޖަނަކް، ވަޓްސާ އަދި ޕްރަތީކްސާގެ ނަމުން ނަން ދީފައި ހުންނަ ލަގްޒާރީ ގެތަކުގެ ތެރެއިން އަމީތާބާއި އާއިލާ މިހާރު ދިރިއުޅެނީ ޖަލްސާގައެވެ. ޕްރަތީކްޝާ އަކީ އަމީތާބުގެ މައިންބަފައިން ދިރިއުޅުނު ގެއެވެ.

ދަރުމަނެްދްރާ ބޮމްބޭގައި ދިރިއުޅެނީ ލަގްޒަރީ ބަންގަލޯއެއްގައެވެ.

މި ތަރިންގެ އިތުރުން ބިލިއަނަރު މުކޭޝް އަމްބާނީގެ ގެވެސް ގޮއްވާލާނެ ކަމުގެ އިންޒާރާއެކު ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ.

މި މައްސަލަ ބޮމްބޭ ފުލުހުން ބަލަން ފަށާފައި ވާ އިރު، އެ ކޯލް ޓްރޭސް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެ ތަރިން ދިރިއުޅޭ ގޭގެ ސަަރައްހަދުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ އިތުރުން އިންޑިއާ ސިފައިންގެ ޒެޑް ފޯސް އެ މީހުންނާއެކު 24 ގަޑިއިރު ދަނީ ހަރާކާތްތެރިވަމުންނެވެ.