ތ. ބުރުނީގައި މިހާރު ކުރިއަށް ގެންދާ މަޝްރޫއެއްގެ މަސައްކަތުގެ ތެރެއިން ރުކަކުން ޖެހި މަރުވި މީހާގެ ހަށިގަނޑާއި އިތުރު ތިން މީހުންވެސް މާލެ ގެންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ބުރުނީގައި ރުކެއް ވައްޓާލައި އެ ރުއް ފުރޮޅަން އުޅުމުގެ ތެރެއިން 4 މީހަކަށް އަނިޔާވެފައި ވާކަމުގެ މައުލޫމާތު މިއަދު 4:44 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެ ހާދިސާގައި އަނިޔާވި 4 މީހުންނަށް ބުރުނީ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު ދ. ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިލަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ފަރުވާދެމުންދާ ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ހާދިސާއާ ގުޅިގެން ފުލުހުން އިތުރަށް ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށެވެ.

އެ މީހުންނަކީ އެމްޓީސީސީއިން ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރުމަށް އެ ރަށަށް ގޮސްފައިވާ ބިދޭސީ މުވައްޒަފުންނެވެ.