ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ރާނީ މުކަރްޖީ ގެ ކުރިއަށް އޮތް ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ގެ ޓްރެއިލާ ދައްކާލުމާއެކު އާންމުންގެ ބޮޑު ތަރުހީބެއް ލިބެން ފަށައިފިއެވެ.
އާޝިމާ ޗިބާރް އިން ޑައިރެކްޓްކޮށް އުފައްދާފައިވާ މި ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ 17 ވަނަ ދުވަހު ސިނަމާގައެވެ. ނޯވޭ ގައި ދިރިއުޅެމުން އަންނަ އިންޑިއާގެ ދެމަފިރިންގެ ވާހަކަ ކިޔައިދޭ މި ފިލްމުން ދައްކުވައިދޭނީ ނޯވޭ ގެ ސަރުކާރުން އިންޑިއާ މަންމަ އަށް ލިބުނު ދެދަރިން ސަރުކާރުން ނަގައި، ދަރިންތައް ހޯދުމަށް މަންމަ ކުރާ ބުރަ މަސައްކަތެވެ. ދަރިންގެ ހައްގު ހޯދަން ރާނީ ކުރާ ހިއްވަރު ފިލްމުގެ ޓްރެއިލާ އިން ފެނިގެން ދާއިރު މި ފިލްމަކީ ހަގީގީ ހާދިސާ އެއްގެ މައްޗަށް ބިނާކޮށް ގެނެސްދީފައިވާ ފިލްމެކެވެ.
މި ފިލްމަކީ ސަގަރިކާ ޗަކްރަބޯތީގެ "ދަ ޖާނީ އޮފް އަ މަދާ" ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ޑްރާމާއެވެ. ދަރިންނަށް އަތުން ކާންދީ، މައިންބަފައިންނާ އެއް ކޮޓަރިއެއްގައި ދަރިން ނިންދަވާތީ މައްސަލަ ބޮޑުވެގެން ދަރިންތައް ނޯވޭގެ ވެލްފެއާއަށް ނެގުމާ ގުޅިގެން ސަގަރިކާ ވަނީ އޭނާގެ ދަރިން ހޯދަން އެކި މުއައްސަސާތަކަށް ގޮސް ސަލާންޖަހާފައެވެ. މި ހާދިސާ ހިނގީ 2011 ވަނަ އަހަރުއެވެ. އުމުރުން ދެ އަހަރުުގެ ކުއްޖަކާއި ހަތަރު މަހުގެ ކުއްޖާ ސަގަރިކާ އަތުން ނެގީ އޭނާއަކީ ސިކުނޑީގެ މައްސަލަ ހުންނަ މީހެއް ކަމަށް ބުނެއެވެ.
މި ހާދިސާއަށް ފިލްމެއް ހަދަން އުޅޭކަން ސަގަރިކާ އަށް އެނގުމުން އޭނާ ބުނީ މި ހާދިސާ އަކީ ހުރިހާ މައިންނަށްވެސް އެނގެން ޖެހޭ ވާހަކަ އެއް ކަމަށާއި އޭނާގެ ދިރިއުޅުމުގެ ޖާނީ މައިންނަށް ކިޔައިދެވޭނެ މަގު ތަނަވަސްވާތީ އެކަމާ އުފާކުރާ ކަމަށެވެ. މި ވާހަކަ އަކީ ހުރިހާ އެންމެންވެސް އިންސްޕަޔާ ވެގެން ދާނެ ވަރުގަދަ ވާހަކައެއް ކަމަށްވެސް އޭނާ ބުންޏެވެ.