ބޮލީވުޑްގެ އެކްޓަރު ނަވާޒުއްދީން ސިއްދީގާ ދެކޮޅަށް އޭނާގެ އަނބިމީހާ، އާލިއާ ސިއްދީގު ރޭޕްގެ ތުހުމަތު ކޮށްފިއެވެ.

ނަވާޒުއްދީނާ ވަކިން ދިރިއުޅެމުން އަންނަ އާލިއާ އޭނާގެ މައްޗަށް ރޭޕުގެ މައްސަލައެއް ހުށައަޅާފައި ވާއިރު އާލިއާ ބުނީ އޭނާ އާއި ނަވާޒުއްދީނަށް ލިބުނު ދެ ދަރިންނަކީ ނަހަލާލު ދަރިންކަމަށް މައިދައިތަ ބުނެފައިވާ ކަމަށެވެ. އަދި ކުދިންނާ މެދު ކަންތައްތައް ކުރަނީ މީހަކު މާމަ ދަރިންނާ މެދު ކަންތައް ކުރާނެ ގޮތަށް ނޫން ކަމަށާއި އެކުއެކީ އެއްގެއެއްގައި އުޅުނުއިރު ވެސް މައިދައިތަގެ ދުއްތުރާ ތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

އާލިއާ ބުނީ ވާސޮވާ ޕޮލިސް ސްޓޭޝަނަށް ނަވާޒުއްދީން އާ ދެކޮޅަށް ރޭޕުގެ މައްސަލަ ހުށައަޅާފައި ވާނީ ހެއްކާ އެކުގައި ކަމަށެވެ. މައްސަލަ ކޮންމެ ގޮތަކަށް ނިމުނަސް އޭނާ ފަދަ ނުބައި މީހެއްގެ އަތްދަށަށް ދަރިން ދޫކޮށް ނުލާނެ ކަމަށްވެސް އާލިއާ ވަނީ ބުނެފައެވެ. އޭނާ ބުނީ ނަވާޒުއްދީނަކީ މީހުންގެ ތެރޭގައި ވަރަށް ރަނގަޅު ކަމަށް ހެދިގެން އުޅޭ މީހެއް ކަމަށާއި އެކްޓިން ދާއިރާގައި ވެސް މީހުންނަށް ވަރަށް އެހީތެރިވާ މީހެއްކަމަށް ހެދިގެން އުޅޭ މީހެއް ކަމަށެވެ. ނަމަވެސް ހަގީގަތް އެނގޭނީ ހުދު އޭނާ އަށް ކަމަށާއި ނަވާޒުއްދީނަކީ ވަރަށް ނުބައި އަދި އަހުލާގީ ފެންވަރުވެސް ވަރަށް ދަށް މީހެއް ކަމަށެވެ.

,ނަވާޒުއްދީނާ ދެކޮޅަށް މީގެ ކުރިން ވެސް އާއިލާގެ އެކި މީހުން ވަނީ ފުލުސް އޮފީހަށް މައްސަލަ ހުށަހަޅާފައެވެ. 2016 ވަނަ އަހަރު އާލިއާގެ ދައްތަ ފުލުހަށް ހުށައެޅި މައްސަލައަކީ އާލިއާ ބަނޑުބޮޑުއިރު އޭނާގެ ބަނޑުގައި ނަވާޒުއްދީން ފައިން ޖެހި މައްސަލައެކެވެ.

2009 ވަނަ އަހަރު އާލިއާ އާ ކައިވެނިކުރިއިރު އެ ކައިވެންޏަށް ދެކުދިން ވަނީ ލިބިފައެވެ. 2020 ވަނަ އަހަރުން ފެށިގެން ދެމީހުންގެ ދެމެދުގައި ހައްލު ނުކުރެވޭ ވަރުގެ މައްސަލަތައް ޖެހެން ފެށުމުން އާލިއާ ވަނީ ގެއިން ނުކުމެ ނަވާޒުއްދީނާ ވަކިން ދިރިއުޅެން ފަށައިފައެވެ. އަދި 2021 ވަނަ އަހަރު ވަނީ ވަރިވާން ކޯޓަށް މައްސަލަ ހުށައަޅާފައެވެ.