ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާގެ ޖަނާޒާ މިއަދު ހެނދުނު މެލޭޝިޔާގައި ބާއްވައިފިއެވެ.

އެ ޖަނާޒާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގާއި ގުރައިދޫ ކައުންސިލުގެ ރައީސް ހުސައިން ޔާމީނާއި ޕީޕީއެމްގެ ސެނެޓު މެންބަރު ޒާހިދު ރަމީޒުވެސް ބައިވެރިވަޑައިގެންނެވިއެވެ.

ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ ބުދަ ދުވަހުގެ ރޭ ރިޒާ އަވަހާރަވެފައި ވާއިރު ރިޒާގެ މައްޗަށް ޣައިބަށް ކުރެވޭ ކަށު ނަމާދު މިއަދު ހުކުރު ނަމާދަށްފަހު މާލޭ މަސްޖިދު އަލް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު) ގައި ކުރުމަށް ވަނީ ނިންމާފައެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ތިން ވަނަ ފަހަރަށް ކާމިޔާބުކުރައްވި ރިޒާއަކީ މިހާރު ހިނގަމުންދާ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީގެ މެމްބަރުގެ އިތުރުން އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ބެލި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އާއި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި މަސައްކަތް ކުރެއްވި ބޭފުޅެއްވެސްމެއެވެ. އަދި ރިޒާ އަވަހާރަވިއިރުވެސް ގެންދެވީ އެފްއޭއެމްގެ އެޕީލްސް ކޮމިޝަންގެ ރައީސްކަން ކުރައްވަމުންނެވެ.

ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުންވެސް ރިޒާގެ މަސައްކަތް ފެނިގެން ގޮސްފައިވާިއރު މީގެ ކުރިން ރިޒާ ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު ކަމުގެ އިތުރުން ފަނޑިޔާރުންނާ ބެހޭ ޝަކުވާތައް ބަލައި ފަނޑިޔާރުންނާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އުފައްދާފައިވާ ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވާފައެވެ.

ޕީޕީއެމްއާ ގުޅުން ހުރި ވަރަށް ގިނަ މައްސަލަތަކުގައި އެ ޕާޓީގެ ދިފާއުގައި ކޯޓުތަކުގައި ވަކާލާތުވެސް ކުރައްވާފައިވާ ރިޒާ ވަނީ 2013 ގެ އިންތިހާބުގެ މައްސަލައެއްގައި ސްޕްރީމްކޯޓުގައި ވެސް ޕީޕީއެމްގެ ދިފާއުގައި ވަކާލާތު ކުރައްވާފައެވެ.

ރިޒާ އަވަހާރަވުމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ހަރަކާތްތައް ފަސްކޮށްފައި ވާއިރު އެ ކޯލިޝަނުން ބުނީ ރިޒާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ވަރަށް ދިގު މުއްދަތަކަށް ހުންނަވައިގެން އަދި ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށާއި އެ ޕާޓީ އުފެދުނީއްސުރެ ރިޒާއަކީ އެޕާޓީއަށް ވަރަށް އަގުހުރި ހިދުމަތްތަކެއް އެންމެ ފަހު ވަގުތާ ޖެހެން ދެން ވެސް ކުރައްވަމުން ގެންދެވި ބޭފުޅެއް ކަމަށެވެ.