ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު އަކީ އަބަދުވެސް އޭނާގެ ފިލްމުތައް ޕްރޮމޯޓްކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން ދާ ތަރިއެކެވެ. ބޮލީވުޑްގައި ހޭދަވި ދިގު މުއްދަތުގެ ތެރޭގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ އަކްޝޭ އަށް މިވަނީ އޭނާގެ އެންމެ ފަހުގެ ފިލްމު 'ސެލްފީ'ގެ ޕްރޮމޯޝަން އިވެންޓް ތެރެއިން އޭނާއަށް މިވަނީ އަނެއްކާވެސް ބޮޑު ޝަރަފެއް ލިބިފައެވެ.
'ސެލްފީ' ގެ ޕްރޮމޯޝަން އިވެންޓްގައި ތިން މިނެޓް ތެރޭ އެންމެ ގިނަ ސެލްފީ ނަގައިގެން ގިނިސް ވޯލްޑް ރިކޯޑްސް ފޮތުން ޖާގަ ހޯދާފައެވެ. މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުން 'ސެލްފީ'ގެ ޕްރޮމޯޝަން އިވެންޓްގައި އަކްޝޭގެ ފޭނުންނަށް ވަނީ އޭނާ އާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ލިބިފައެވެ. އަދި މި ފުރުސަތުގައި އޭނާއަށް ތާއިދުކުރާ ގިނަ ބަޔަކާއެކު އަކްޝޭވަނީ 184 ސެލްފީ ނަގާފައެވެ.
2015 ވަނަ އަހަރު، ހޮލީވުޑްގެ އެކްޓަރު ޑްވޭން ޖޯންސަންގެ ސެލްފީގެ ރިކޯޑް މުގުރާލާ 'ގިނިސް ވޯލްޑް ރިކޯޑްސް ފޮތުން ޖާގަ ހޯދުމަށްފަހު މީޑިއާ އާއި ވާހަކަދައްކަމުން އަކްޝޭ ބުނީ މިއީ ފޭނުންނަށް ދޭ ޓްރިބިއުޓެއް ކަމަށެވެ. މީގެ އިތުރުން އަކްޝޭ ބުނީ މިހާތަނަަށް އޭނާއަށް ލިބިފައިވާ ހުރިހާ ކާމިޔާބީއެއް އަދި އޭނާ އެ ހުރި ހިސާބަށް ވާސިލްވުމުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ބަޔަކީ އޭނާގެ ސަޕޯޓަރުންކަމަށެވެ. އަދި އޭނާއަށް ލިބެމުންދާ ކާމިޔާބީ އަކީ މެދުކެނޑުމެއް ނެތި ސަޕޯޓަރުންގެ ފަރާތުން ލިބެމުންދާ ލޯތްބާއި އަޅާލުންކަމަށް އަކްޝޭވަނީ ބުނެފައެވެ.
އަކްޝޭ ކުމާރު އާއި އިމްރާން ހާޝްމީ ފެނިގެންދާ ފިލްމު ސެލްފީ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 24 ވަނަ ދުވަހުއެވެ. މި ފިލްމަކީ މަޝްހޫރު ފިލްމީ ތަރިއަކާއި އޭނާގެ ސަޕޯޓަރެއްގެ މެދުގައި ހިނގާ ކަންތައްތަކެއް ފެނިގެންދާ ފިލްމެކެވެ.