ތަފާތު އުކުޅުތައް ބޭނުންކޮށްގެން ބޮޑެތި ސްކޭމްތައް ހިންގަމުން އަންނައިރު މުޅި އުމުރު މަސައްކަތް ކޮށްގެން ހޯދައިފައި ހުންނަ ފައިސާކޮޅު އެކީ ހުސްކޮށްލައެވެ. ހާސްހާހުން ފެށިގެން ލައްކައިން ދެ ލައްކައިން މީހުންގެ އެކައުންޓްގައި ހުންނަ ފައިސާ ހިނދުކޮޅެއްގެ ތެރޭގައި ހުސްކޮށްލާއިރު އެކަމުގައި ބީއެމްއެލްއާއި ފުލުހުންގެ އިހުމާލު އޮންނަ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. މި މަހުގެ ތެރޭގައި ހިނގި ބޮޑު ސްކޭމެއްގައި ރ. އިންނަމާދޫގެ ވިޔަފާރިވެރިޔާ، އުމުރުން 72 އަހަރުގެ މުހައްމަދު ނަސީރު (ނަސީރުބެ) ގެ އެކައުންޓުން 203،999.94 ރުފިޔާ ވަގަށް ނަގައިފައި ވާއިރު ނަސީރުބެއާއި އާއިލާއިންވެސް ތުހުމަތުކުރަނީ ބީއެމްއެލްއާއި ފުލުހުންގެ އިހުމާލު އޮތް ކަމަށެވެ.

މީގެ 10 އަހަރު ކުރިން "ތިންނިރު ސްޓޯރު" ގެ ނަމުގައި ނަސީރުބެ ވިޔަފާރި ކުރަން ފެށީ ފިޒީ ޑްރިންސްއިން ކަމަށް ވިޔަސް މިއަދު އެ ވިޔަފާރިއަކީ އެ ރަށުގައި ހުރި އެންމެ ބޮޑު ވިޔަފާރިއޭ ބުނުމަކުންވެސް ދޮގަކަށް ނުވާނެއެވެ. މިއަދު އެ ފިހާރައިން ކާޑުގެ ބާވަތްތަކުން ފެށިގެން ގޮސް ކާބޯތަކެއްޗާއި މޭވާއާއި ތަރުކާރީގެ އިތުރުން އެ ފިހާރަ ދެބަޔަކަށް ބަހާލައިގެން ހާޑްވެއާގެ މުދާ ވެސް ދަނީ ވިއްކަމުންނެވެ. މާލެ އައިސްވެސް މީގެ ކުރިން ނަސީރުބެ މުދާ ގެންގޮސްފައި ވާއިރު މިހާރު މުޅިންވެސް މުދާ ރަށަށް ގެންގޮސް ހަދަނީ ފިހާރަތަކަށް ޓްރާންސްފާ ކޮށްގެން ބޯޓުތަކަށް ޑެލިވަރީ ކޮށްގެންނެވެ. އެ މުދާ ގަތުމަށްޓަކައި ފިހާރަތަކަށް ނަސީރުބެގެ ފޯނުން ޓްރާންސްފާ ކުރަނީ އޭނާގެ ދަރިފުޅު، ސަމާހާއާއި ފިރިމީހާ، ހާޝިމެވެ.

އެ ސްކޭމްއާ ގުޅޭގޮތުން "ދަ ޕްރެސް" އާ ވާހަކަ ދައްކަވަމުން ނަސީރުބޭގެ ދަރިފުޅު، އަދި އިންނަމާދޫ ކައުންސިލް މެމްބަރު އައިމިނަތު ސަމާހާ ވިދާޅުވީ އެކަން ފުރަތަމަ ދިމާވީ ކޭޝް ކާޑު ޕީއޯއެސް މެޝިންގެ ސޮފްޓްވެއާ އަޕްޑޭޓް ކޮށްގެން ރަށަށް ގެންދިޔަ ފަހުން ކަމަށެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހު ބީއެމްއެލް އުނގޫފާރު ބްރާންޗް މެދުވެރިކޮށް މާލެއަށް ކާޑު މެޝިން ފޮނުވުމަށް ފަހު މި މަހުގެ 9 ވަނަ ދުވަހު އެ މެޝިން އަނބުރާ ރަށަށް ގެންގޮސްފައިވާ ކަމަށް ސަމާހާ ވިދާޅުވިއެވެ.

ރަސްމީ ގަޑީގައި އޮފީހުގައި އުޅުއްވާފައި ގެއަށް ވަޑައިގެން ޓްރާންސްފާތައް ކުރައްވާފައިވާނެ ކަމަށާއި އެހެންކަމުން މާ ބޮޑަށް އެކައުންޓުގައި ހުންނަ ވަރު އެހެން ބެއްލެވިފައި ނުވާ ކަމަށް ސަމާހާ ފާހަގަ ކުރެެެއްވިއެވެ. މި މަހުގެ 11 ވަނަ ދުވަހު މެންދުރުފަހު 3 ގެ ފަހުން ނަސީރުބެ ބުނެގެން ތަނަކަށް ޓްރާންސްފާ ކުރި އިރުވެސް ޝައްކެއް އުފެދުނު ކަމަށާއި އެހެންނަމަވެސް 12 ވަނަ ދުވަހު ހެނދުނު 10 ޖެހިފަހުން ޓްރާންސްފާ ކުރަން ބެލިއިރު ހުރީ 6000 ރުފިޔާ ކަމަށް ސަމާހާ ވިދާޅުވިއެވެ. އެ ދުވަހު ހީވެފައި އޮތީ އެހާ ފައިސާ މަދުވެފައި ވަނީ ސިނގިރޭޓް ކަހަލަ އެއްޗެހި ތަކަކަށް ސަމާހާގެ ފިރިމީހާ ހާޝިމް ލައްވާ އޭނާގެ ބައްޕަ ޓްރާންސްފާއެއް ކުރީމައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަމާހާ ވިދާޅުވީ އެ ޓްރާންސްފާ ކޮށްދިނުމަށް ފަހު ސްކޫލު ދޮށަށް ވަޑައިގެން ހުއްނަވަނިކޮށް އޭނާގެ ބައްޕަ ގުޅާ ބީއެމްއެލްއިން ގުޅި ކަމަށް ބުނި ކަމަށެވެ.

ނަސީރުބެ "ދަ ޕްރެސް" އާ ވާހަކަދައްކަމުން ބުނީ ބީއެމްއެލް ކާޑު ސެންޓަރުން ގުޅާ، މި ވެނި ވަރަކަށް ކާޑުން ވިޔަފާރި ކުރަންތޯ އެހި ކަމަށާއި ނުކުރާ ކަމަށް ބުނި ކަމަށެވެ.

ސަމާހާ ވިދާޅުވީ އެކައުންޓުގައި ހުރި 6000 ރުފިޔާއިން 700 ރުފިޔާ އޭނާގެ ބައްޕަ ބުނި ތަނަކަށް ޓްރާންސްފާ ކުރެއްވި ކަމަށާއި ބާކީ ހުރީ އެ ފައިސާ އެކަނި ކަމަށެވެ. އަދި އެ އެކައުންޓުން ޖުމްލަ 43 ޓްރާންސެކްޝަނެއް ހަދާފައިވާ ކަމަށާއި ކާޑު މެޝިނަށް ވަކިން ހަދާފައިވާ އެކައުންޓުން ނަސީރުބެ ދެން ހަދާފައިވާ އެކައުންޓަށް 32،000 ރުފިޔާއަކާއި 80،000 ރުފިޔާ ޓްރާންސްފާ ކޮށްގެން ވިޔަފާރި ކޮށްފައިވާކަން އެނގިފައި ވާ ކަމަށެވެ.

ވިޔަފާރިކޮށްފައި ޓްރާންސެކްޝަން ތަކަށް ބަލާއިރު ކްލިކް ކޮމްޕިއުޓާސް، ލިޓަސް، އޯލް ޓެކް ފަދަ ތަންތަނަށް ވަނީ ބޮޑެތި އަދަދު ތަކުން ފައިސާ ދައްކާފައެވެ.

އެކަން އެހެން ހިނގީ ރަށު ބޯޓު މާލެ ގޮސް މުދާ އަރުވަން ބައިވަރު ބިލްތަކަށް ފައިސާ ދައްކަން ވެފައި ހުއްޓާ ކަމަށާއި ޓްރާންސްފާގެ އެއްވެސް ކަމަކީ ސަމާހާގެ ފިރިމީހާ، ހާޝިމް އާއި އޭނާ ފިޔަވާ އެއްވެސް މީހަކު ކުރާ ކަމެއް ނޫން ކަމަށް ސަމާހާ ވިދާޅުވިއެވެ.

އެ ވިޔަފާރިތައް ކުރަމުން ގޮސްފައި ވަނީ ބީއެމްއެލް އެޕް އަޅައިގެން ޔޫސާއާއި ޕާސްވޯޑް ޖަހައިގެން ކިއުއާރް ކޯޑް ބޭނުން ކޮށްގެން ކަން ފާހަގަ ކުރައްވާ ސަމާހާ ވިދާޅުވީ އެ ވިޔަފާރި ކުރަމުން ދިޔަ ވަރަކަށް ނަސީރުބެ ގެ ފޯނަށް މެސެޖު ލިބެމުން ދިޔަ ނަމަވެސް އެ މެސެޖުތައް ނުބަލާލެވި ހުރި ކަމަށާއި އެ މެސެޖުތައް ބެލި ނަމަ އެނގުނީސް ކަމަށެވެ.

އެ ދުވަހު ފަހުން ބޭންކަށް ގުޅި ނަމަވެސް ފޯނު ނުނަގައިގެން ނަސީރުބެމެން ދިޔައީ ބީއެމްއެލް އުނގޫފާރު ބްރާންޗަށެވެ. އަދި ފުލުހަށް މައްސަލަ ރިޕޯޓުކޮށް އެކައުންޓް ފްރީޒްކޮށްފައި ވާއިރު ފުލުހުން ބުނަމުން ދަނީ އެކަން ހިނގާފައި ވަނީ މެއިލްއަށް ވަދެގެން ކަމަށާއި އެ މައްސަލާގައި ބީއެމްއެލްއަށް އިނގިލި ދިއްކުރެވެން ނެތް ކަމަށެވެ. ސަމާހާ ވިދާޅުވީ މެއިލްއަށް ވަދެގެން އެކަން ކޮށްފައި ވާނަމަ އޭނާގެ އެކަންޓުގައި ވާ ފައިސާވެސް ބޭނުން ކުރެވޭނެ ކަމަށާއި މެއިލްއަށް ވަން ނަމަވެސް ބީއެމްއެލް އެޕްގެ ޔޫސާ އަންނާނީ ފޯނަށް ކަމަށެވެ.

ނަސީރުބެ ފިހާރަ، ތިންނިރު ސްޓޯރު/ ފޮޓޯ: ސަމާހާ
"ފުލުހުން ބުނަނީ މެއިލްއަށް ވަދެގެންނޭ އެކަމެއް ވެފައިވަނީ އެކަމަކު އެއްވެސް ފޯނަކުން އަހަރެން މެއިލްއަކަށް މީހަކު ވަދެފައެއްނެތް. އެކަމަކު މެއިލްއަކަށް ނާންނާނެއެއްނު ޔޫސާ ނޭމެއް އެ އަންނާނީ ފޯނަކަށްނު. އެކަހަލަ ގޮތަކުންނޯ އެ މީހުންނަށް މައުލޫމާތު ލިބިފައި އެ ހުރީ ފުލުހުން ބުނަނީ. ބޭންކަށް އިނގިލި ދިއްކުރެވޭނެ އެއްވެސް ޖާގައެއް ނެތޯ ބުނީ. އެހެން ބުނީމަ ބުނިން ކީއްވެހޭ މެއިލްއަށް ވަތްއިރު އަހަރެންގެ އެކައުންޓުގަ ހުރި ރުފިޔާ ނުކެއީ"
ސަމާހާ

އާންމުގޮތެއްގައި ތަނަކަށް ޓްރާންސްފާ ކުރުމަށް ފަހު އެކައުންޓުގައި ފައިސާ ހުންނަ ވަރު ނަސީރުބެ ބަލާ ކަން ފާހަގަ ކުރައްވާ ސަމާހާ ވިދާޅުވީ އެ ދެތިން ދުވަހު ނުބެލި ހުރި ކަމަށެވެ.

ވިޔަފާރިކޮށްފައި ހުރި ފިހާރަތައް ބަލައިގެން ނަސީރުބެގެ ކާފަ ދަރިން ވަނީ އެ ދުވަހުގެ 5:30 ހާއިރު ސީސީޓީވީ ފޫޓޭޖުން ފޮޓޯވެސް ހޯދާފައެވެ. އަދި އެ މީހުންގެ ފޯނު ނަންބަރު ހޯދާ، އެ މީހުންނާ ގުޅާފައި ވާއިރު އެތަނުން ނަވާލު ނަމަކަށް ކިޔާ މީހާ ވަނީ އާއިލާއާ ވާހަކަވެސް ދައްކާފައެވެ. އެ ވާހަކަތަކުގެ ރިކޯޑިން "ދަ ޕްްރެސް" އަށް ލިބިފައި ވާއިރު ނަވާލު ބުނެފައި ވަނީ ފުލުހުންގެ އިސްވެރިއެއް ކަމަށްވާ، ސުޖާއުއާ އެކު އޭނާ އާ ބައްދަލުކޮށްފިނަމަ އެކަމުގެ ހަގީގަތް ވަރަށް ރަނގަޅަށް ކިޔައިދޭނެ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކުރި ނަވާލް މި މަހުގެ 7 ވަނަ ދުވަހު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ "އަޅުގަނޑުގެ ރައްޓެހިންނަށް އަދި ފެމިލީއަށް ރަނގަޅު ނަސޭހަތެއް. އެެއްވެސް މީހަކު ބީއެމްއެލް ޔޫސް ނުކުރުން އެދެން. މި ބުނީ ވަރަށް ވާހަކަ" ކަމަށެވެ.

އެ ފައިސާއިން އެމީހުން ގަތް ބައެއް ތަކެތި ހުރި ތަންތަން މިހާރު ކިޔައިދީފައި ވާކަމަށް ފުލުހުން އާއިލާއަށް މައުލޫމާތު ދީފައި ވާއިރު އެ މައުލޫމާތު ދިނީ ވެސް އާއިލާއަށް ގުޅައިގެން ވާހަކަދެއްކި ނަވާލް ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

ކުރިއަށް އޮތީ ރޯދަ މަސް ކަމަށް ވާއިރު ރަށު އެޖެންޓެއްގެ ހައިސިއްޔަތުން ނަސީރުބެ އަކީ އެ ރަށަށް ކާޑުގެ ބާވަތްތައް ގެންދާ ވިޔަފާރިވެރިޔާއެވެ. އަދި ކޮންމެ ރޯދަމަހަކަށް އެ ރަށުގެ ހުރިހާ ގެތަކަށް ކާޑުގެ ބާވަތްތައް ހަދިޔާ ކުރާއިރު މި ސްކޭމްއާއެކު ވަނީ ގޮތް ހުސްވެފައެވެ.

"އެއްފަހަރާ ދެ ލައްކަ، މި ކިޔަނީ ދެ ލައްކަ. އަނެއްކާ ރޯދަމަސް ކުރިއަށް އޮތީ. މިރަށުގެ ކޮންމެ ރޯދަމަހަކު ކޮންމެ ގެއަކަށް ހަނޑޫ ހަކުރު ފުށް ބަހާ މީހެއް. ރޯދަ މަހު އަނެއްކާ ވަރަށް މުދާ ގެންނާނެ."
ސަމާހާ

ނަސީރުބެ ބުނީ މިކަމަކީ ބީއެމްއެލްގެ ތެރެއިން ހިންގާފައި ހުރި ޖަރީމާއެއް ކަމަށާއި މަރުވަންދެން ވެސް އެފަދައިން ބުނާނެ ކަމަށާއި ރޯދަ ކައިރިވެފައި ވާއިރު އެއްވެސް އެެއްޗެއް ލިބޭނެ ގޮތެއް ނެތިފައިވާ ކަމަށެވެ. އަދި ނަސީރުބެ ވަނީ އެ ގެއްލުމަކީ ނަސީރުބެއާއި މުޅި ރަށަށްވެސް ލިބޭނެ ވަރަށް ބޮޑު ދެރައެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މީގެ އަހަރުތަކެއް ކުރިން ނަސީރުބެ ފިހާރަ، އެ ރަށުގައި އުޅުނު ބިދޭސީ މީހަކު ފަޅާލައި ފައިސާއާއި ފޯނުކާޑާއި ސިނގިރޭޓު ވަގަށް ނަގާފައި ވެއެވެ. ނަސީރުބެ ބުނާ ގޮތުގައި 17،000 އަށް ވުރެ ގިނަ ރުފިޔާއާއި ފޯނު ކާޑާއި 4500 ރުފިޔާ ގެ ސިނގިރޭޓުގެ އިތުރުން އެ ދުވަހު ވިޔަފާރި ކުރި ހުރިހާ ފައިސާއެއް ވަގަށް ނެގިއެވެ. އެ ރޭ އެ ރަށުގެ ދެ ފިހާރައެއް ފަޅާލިއިރު އެ ފައިސާ ފަހުން ވަނީ ހޯދާފައެވެ. އެހެންނަމަވެސް ސީދާ ނަސީރުބެ އަތުން ގެއްލުނު ފައިސާގެ އަދަދު ނޭނގޭތީ އެ ފައިސާ ލިބޭ ގޮތް ނުވީ ކަމަށް ބުނެއެވެ. އެ ފައިސާ ހޯދާ ކައުންސިލުން ފުލުހަށް ހަވާލުކުރި ނަމަވެސް އެ އަށް ވީ ނުވީވެސް ނޭނގޭ ކަމަށް ނަސީރުބެ ވަނީ ބުނެފައެވެ.

ސްކޭމްގެ މައްސަލާގައި މިދިޔަ ހޮނިހިރު ދުވަހު 2 މީހަކު ހައްޔަރު ކޮށްފައި ވާއިރު އެއީ އުމުރުން 25 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެކެވެ. އެ ދެ މީހުންގެ ބަންދަަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަަމަށް ފުލުހުން ބުނެއެވެ.