ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބުން ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާ ބައްދަލު ކުރައްވައިފިއެވެ.
މި ހާއްސަ ބައްދަލުވުމުގައި ނަޝީދުގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގެންނެވީ ގދ. ގެ ކުރީގެ މެންބަރު މުހައްމަދު ރަޝާދު ހުސައިން އާއި މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޒިމްއެވެ. މިކަން ހާމަކޮށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވަނީ ޓްވީޓް ކުރައްވާފައެވެ. ޓްވީޓްގައި ހިއްސާ ކުރެއްވި ފޮޓޯ އިން ފެންނަ ގޮތުގައި އެއީ ސަން އައިލޭންޑްގައި ރޭގަނޑުގެ ފަރިއްކޮޅަކަށް އިންސާފު ކުރުމުގެ ކުރިން ނަގާފައިވާ ފޮޓޯ އެކެވެ.
ރައީސް ނަޝީދުގެ މަންދޫބުން ގާސިމްއާ ބައްދަލު ކުރައްވާފައި ވާއިރު ރައީސް ސޯލިހުގެ ފަރާތްޕުޅުންވެސް ދެ ބޭފުޅަކު ވަނީ މީގެ ކުރިން ގާސިމް އާ ބައްދަލުކުރައްވާފައެވެ. ރައީސް ސޯލިހްގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގެންނެވީ ހުޅުމާލޭ ދާއިރާގެ މެންބަރު، އަދި ރައީސް ގެ ކޮއްކޯފުޅު އަލީ ނިޔާޒުގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީން ވެސް އަދި އެމްޑީޕީ އިން ވެސް ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ރައީސް ސޯލިހް ނުކުމެވަޑައިގަންނަވާ އިރު ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރުމާ މެދު އެ ޕާޓީން ގޮތެއް ނިންމާނީ މި މަހު 23 އިން 26 އަށް ބާއްވަން ހަމަޖެހިފައިވާ އެ ޕާޓީގެ ކޮންފަރެސްއިންނެވެ. އެ ކޮންފަރެސްގައި މަގާމުތަކަށް މީހުން އައްޔަންކޮށް ޕާޓީގެ ކައުންސިލު އެކުލަވައިލުމުގެ އިތުރަށް ޕާޓީގެ އަސާސީ ގަވާއިދަށް ބައެއް އިސްލާހުތައް ގެނައުމަށް ވަނީ ތާވަލު ކޮށްފަ އިވެއެވެ. ޖޭޕީ އަކީ މިހާރުވެސް ހިނގަމުންދާ ސަރުކާރުގެ މުހިންމު ބައިވެރިއަކަށް ވާއިރު، ނައިބު ރައީސްގެ ސްލޮޓުގައި މިހާރު ހުންނެވީވެސް ޖޭޕީގެ މެންބަރެއް ކަމަށް ވާ ފައިސަލް ނަސީމެވެ.
ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށްޓަކައި ކެނޑިނޭޅި ޕާޓީތަކުން މަސައްކަތް ކުރަމުން އަންނައިރު އިދިކޮޅު ޕީޕީއެމްގެ ކޯލިޝަން އިން ނެރުމަށް ހަމަޖެހިފައިވާ ކެންޑިޑޭޓް ރައީސް ޔާމީން މިވަގުތު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގައެވެ. އެއީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. ނަމަވެސް، ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރި ހޯއްދަވާނެ ކަމަށް ތަކުރާރުކޮށް އިދިކޮޅުން ދަނީ ބުނަމުންދެއެވެ.