ސޮނީ ޓީވީ އިން ގެނެސްދިން އިންޑިއަން އައިޑަލް ސީޒަން 12 ގެ އެއްވަނަ އަދި ދެވަނަ ޕަވަންދީޕް ރާޖަން އާއި އަރުނިތާ ކާންޖިލާލް އަންނަ މަހު ހުޅުމާލޭގައި ޝޯ ދޭ ގޮތަށް ހަމަޖެހިއްޖެއެވެ.

"ޓުއާނިވަލް" އިން ހިންގާ "މިއުޒިކަލް އައިޑަލް" ގެ ނަމުގައި ބާއްވާ މި ޝޯ ގައި މިދެތަރިން ޕާފޯމް ކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ. މި ޝޯ ބަލަން ވަންނަން ޓިކެޓް ނަގަން ޖެހެއެވެ. "ޓުއާނިވަލް" ގެ ފޭސްބުކް ޕޭޖުންނާއި އެމީހުން ވަޓްސްއެޕް ނަންބަރަށް މެސެޖުކުރުމުން އެ ރޭ ބާއްވާ ޝޯގެ ޓިކެޓް ބުކްކުރެވޭނެއެވެ.

އިންޑިއަން އައިޑަލް 12 އިން އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ޕަވަންދީޕް އާއި އަރުނިތާ އަކީ ގިނަ ދިވެހިން ވެސް ސަޕޯޓްކުރާ ދެތަރިންނެވެ. އައިޑަލް ދުވަސްވަރު ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުފެތުރިފައިވީ ނަމަވެސް މިދެތަރިން އެކަމާއި ގުޅިގެން ވާހަކަ ދައްކާފައެއް ނުވެއެވެ. އެމީހުން ބުނީ އެމީހުންނަނީ ހަމައެކަނި ގާތް ދެރަހުމަތްތެރިން ކަމަށެވެ. އަންނަ މަހު ބާއްވާ މި ޝޯގައި މިދެތަރިންގެ އިތުރުން ރާއްޖޭގެ މިއުޒިކީ ބައެއް ފަންނާނުންގެ ވެސް ގިނަ ހުށައެޅުންތަކެއް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި މޯލްޑިވިއަން އައިޑަލުން ވިދާލި ބައެއް ފަންނާނުން ހިމެނެެއެވެ.

ޓުއާނިވަލްއަކީ ބެންގަލޫރަށް ނިސްބަތްވާ ޓީމަކުން އޭޝިޔާގެ ގައުމުތަކުގައި ބާއްވާ ސެލިބްރީޓިންގެ ކާނިވަލެކެވެ. ދާދިފަހުން ވެސް ރާއްޖޭގައި ވަނީ ޓުއާނިވަލްގެ ހަރަކާތްތެއް ބާއްވާފައެވެ. އެއީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އިންޑިއާގެ ސެލެބްރިޓީންނާއި ދިވެހި ބައެއް ފަންނާނުންތަކަކާ އެކު ވަނީ ރަހުމަތްތެރިކަމުގެ ފުޓުބޯޅަ މެޗެއް ކުޅެފަ އެވެ.