ތުރުކީއަށް އައި ބާރުގަދަ ބިންހެލުމަށް މިހާރު 10 ދުވަސް (248 ގަޑިއިރު) ވެފައި ވަނިކޮށް ދިރި ތިބި 3 މީހަކު ސަލާމަތް ކޮށްފިއެވެ.
މިރަކަލް ގާލް ގެ ނަމުން އެންމެން ގޮވަމުން ދިޔަ އުމުރުން 17 އަހަރުގެ އެލޭނާ އޮލްމޭޒް ސަލާމަތް ކޮށްގެން ނެގުމާއެކު އޭނާ ބުނީ، އަދި ވެސް އަޑީގައި މީހުން އެބަތިބި ކަމަށެވެ. އެއާއެކު ރެސްކިއު ވޯކަރުން އާ ހިއްވަރަކާއެކު ކުރި މަސައްކަތުން އިތުރު 2 މީހަކު ހޯދާ ވަނީ ސަލާމަތް ކޮށްފައެވެ.
އެލޭނާގެ އިތުރުން ދެން ސަލާމަތް ކުރީ 30 އަހަރުގެ މީހަކާއި 12 އަހަރުގެ ފިރިހެން ކުއްޖެކެވެ.
ތުރުކީއާއި ސީރިއާ ގުޅުނު ބޯޑަރަށް ރިކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 43،885 އަށް އަރާފައެވެ.
މޫސުމީ ގަދަ ފިނީގައި ސަލާމަތް ވުމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުން ދާ އިރު، ހާލުގައި ޖެހުނު ގިނަ ބަޔަކު ތިބީ ވަގުތީ ޓެންޓް ތަކުގައެވެ. ހޫނު ކުރެވޭނެ ނިޒާމުތައް ނެތި ބޯ ރަޖަލާއި ފިނިހެދުމުގައި މީހުން ކެތް ކުރަމުންދާ އިރު، މިވަގުތު އެމީހުންނަށް ބޭނުންވަނީ އިންސާނީ އެހީއެވެ. އޭގެ ތެރޭގައި ފައިސާގެ އެހީއާއި ކާބޯތަކެއްޗާއި އަންނައުނާއި އެނޫންވެސް ޒަރޫރީ ތަކެތި މިވަގުތުން މިވަގުތަށްވެސް ބޭނުންވެއެވެ.
އދގެ އިންސާނީ އެހީހާ ބެހޭ ޖަމާއަތުން ބުނެފައި ވާ ގޮތުގައި ތުރުކީއާއި ސީރިއާއަށް އެހީގެ ގޮތުގައި 1 ބިލިއަން ޑޮލަރު ބޭނުން ވެއެވެ. އަދި ކުއްލި އެހީގެ ގޮތުގައި 397 މިލިއަން ޑޮލަރު ބޭނުންވާ ކަމަށްވެސް ބުނެފައި ވެއެވެ.
މިދިޔަ ހަފްތާގެ ހޯމަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި 10 ޕްރޮވިންސެއް ފުނޑުފުނޑު ވެފައި ވާއިރު ޒައިތޫނި ވާދީތަކުގެ ތެރޭގައިވެސް ވަނީ ބޮޑު ދިގު ވަޅުގަނޑެއް ހެދިފައެވެ. އިމާރާތްތައް ވަނީ ވެއްޓި ފުނޑުފުނޑު ވެފައެވެ. ކަރަންޓެއް ނެތެވެ. ހާލުގައި ޖެހިފައި ތިބި މީހުންގެ އަދަދު މިލިއަނުން މިލިއަނުން ވަނީ އަރައިގެން ގޮސްފައެވެ.
މި ބިންހެލުމާއެކު، އައި ކުދިކުދި ލޮޅުންތަކުގެ އަދަދު 2364 އަށް އަރާ އިރު، ފުރަތަމަ ބިންހެލުން އައިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެ ސަރަހައްދަށް ދެވަނަ ބިންހެލުމެއްވެސް އައެވެ. އެއާއެކު އިމާރާތްތައް ނުވެއްޓުނު ނަމަވެސް އަރިއަޅާލައިފައި ހުރި އިމާރާތްތަކާއި ރެނދުލައި ދެންމެ ދެންމެ ވެއްޓިދާނެ ފަދަ ހާލަތެއްގައ ހުރި އިމާތްތައް ގިނައެވެ.
ތުރުކީއާއި ސީރިއާއަށް އެހީވުމަށް ދުނިޔޭގެ 100 އެތައް ގައުމަކުން މަސައްކަތް ކުރަމުން ދާ އިރު ރާއްޖޭގައި ވެސް މިއަދު ވަނީ ފުޅާ ދާއިރާއެއްގައި ފަންޑްރެއިޒް ކުރުމުގެ ކެމްޕެއިނެއް ފަށާފައެވެ. ހުކުރުން ފޭބި ވަގުތު މިސްކިތްތަކުގައި ބަހައްޓާފައި ހުރި ފަންޑު ފޮށިތަކަށް ގިނަ ބަޔަކު ވަނީ ފައިސާ ލާފައެވެ.