މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވާނީ އިންޑިއާގައި ކަމަށް ސައުތް އޭޝިއަން ފުޓުބޯލް ފެޑެރޭޝަނުން ނިންމައިފިއެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވަމުން އަންނަ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް މި އަހަރު ކުރިއަށް ދާނީ ޖޫން 20 އިން ފެށިގެން ޖުލައި މަހުގެ 3 ވަނަ ދުވަހަށެވެ. މިއަހަރުގެ މުބާރާތް ބޭއްވުމުގެ ފުރުސަތު އިންޑިއާއަށް ލިބިފައިވާއިރު އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ މި މުބާރާތް ބާއްވާނެ ސިޓީއެއް އަންނަ މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށެވެ.

މިއަހަރުގެ މުބާރާތް ސްރީލަންކާގައި ބޭއްވުމަށް މީގެ ކުރިން އެ ގައުމުންވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެހެންނަމަވެސް އެ ގައުމުގެ ފުޓުބޯޅަ ފެޑަރޭޝަން މިވަގުތު އޮތީ ފީފާ ސަސްޕެންޝަނެއްގައެވެ. އެހެންކަމުން ސްރީލަންކާއަށް މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެން ދާނީ ސަސްޕެންޝަން އުވާލުމުންނެވެ.

މިއަހަރުގެ މުބާރާތް އިންޑިއާގައި ބޭއްވުމަށް ނިންމާފައިވާއިރު މި މުބާރާތުގައި ޕާކިސްތާން ބައިވެރި ވެދާނެ ކަމާ މެދު ސުވާލުވަނީ އުފެދިފައެވެ. އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި އުފެދިފައިވާ ޒަމާންވީ ހަމަނުޖެހުންތަކާ ގުޅިގެން މި ދެގައުމުގެ ކުޅިވަރަށްވެސް އެކަމުގެ އަސަރުވަނި ވަަރަށް ބޮޑަށްކޮށްފައެވެ. މި ގޮތުން އިންޑިއާގައި ބައްވާ މުބާރާތްތަކުގައި ޕާކިސްތާނުން ބައިވެރިނުވުމާއި އަދި ޕާކިސްތާނުގައި ބާއްވާ މުބާރާތްތަކުގައި އިންޑިއާ ބައިވެރިނުވާ މައްސަލަ މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ.

ސާފް ޗެމްޕިއަންޝިޕް އެންމެ ފަހުން ބޭއްވީ 2021 ވަނަ އަހަރު ދިވެހިރާއްޖޭގައެވެ. ރާއްޖޭގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދީ ފައިނަލުގައި ނޭޕާލް ބަލި ކުރުމަށް ފަހުއެވެ.