ނޮޅިވަރަމް ދަނޑުގައި އަޅަން ގެންދިޔަ ޓާފްތަކުގައި އަނެއްކާވެސް ރޯކޮށްލައިފިއެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ދެމުން ނޮޅިވަރަމް ކައުންސިލްގެ ރައީސް ޔޫސުފް މޫސާ ވިދާޅުވީ ރޯކޮށްލާފައި ވަނީ ކުރިން ވެސް ގެންގޮސްފައި ހުރި ޓާފްތަކުގައި ކަމަށާއި އެ ޓާފް ތަކަކީ މިދިޔަ މަހު 31 ވަނަ ދުވަހު ރޯކޮށްލި އިރު އެއްކައިރި ކުރެވުނު ޓާފްތައް ކަމުގައެވެ.

ޔޫސުފް މޫސާ ވިދާޅުވީ ޓާފްތަކުގައި ރޯކޮށްލި ހަބަރު ލިބިފައި ވަނީ 3:33 ގައި ކަމަށެވެ.އަދި ފުލުހުންނާއި ކައުންސިލް މެންބަރުން ޕަންޕު ބޭނުން ކޮށްގެން އަލިފާން ގަނޑު ނިއްވުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އަދި އަލިފާންގަނޑު އެއްކޮށް ނިއްވައި ނުލެވޭ ކަމަށެވެ.

ޓާފް ދަނޑު އަޅަމުންދާ ސަރަހައްދަކީ މޫދާ 200 ފޫޓު ދުރު ހިސާބެއް ކަމަށާއި ޕަންޕް އޮޕަރޭޓް ކުރުމަށް 4 ނުވަތަ 5 މީހުން ބޭނުންވާ ކަމަށް ވެސް ޔޫސުފް މޫސާ ވިދާޅުވިއެވެ.

2 ވަނަ ފަހަރަށް ޓާފްތަކުގައި ރޯކޮށްލާފައިވާއިރު ޓާފްތަކުގައި ފަރާތެއް އަދި ރޯކޮށްލި ސަބަބެއް ވެސް އެނގިފައެއް ނުވެއެވެ.

މިދިޔަ މަހު 31 ވަނަ ދުވަހު ޓާފްތަކުގައި ރޯކޮށްލާފައި ވަނީ ޓާފް އަޅަން 3 ދުވަހަށް ވެފައި ވަނިކޮށް ކަމަށް ވެސް މިނިސްޓަރު މަހުލޫފް ވަނީ ވިދާޅުވެފައެވެ. އަދި މިނިސްޓަރު މަހުލޫފް ވިދާޅުވީ އެތައް މިލިއަން ރުފިޔާގެ ގެއްލުން ދީ ގަސްތުގައި ރަށުގެ ތަރައްގީއަށް ހުރަސް އެޅުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއް ކަމުގައެވެ.

ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅަނީ 5 މިލިއަން ރުފިޔާއާ ގާތް ކުރާ އަދަދަކަށް ހޭދަ ކޮށްގެންނެވެ.