ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި ރަޝީއާގެ 5000 އަށްވުރެ ގިނަ މާބަނޑު އަންހެނުން އާޖެންޓީނާއަށް އެތެރެވެފަ އިވާކަމަށް އާޖެންޓީނާގެ ނޭޝަނަލް މައިގްރޭޝަން އެޖެންސީން ބުނެފިއެވެ.

ރަޝިއާގެ ގިނަ އަންހެނުން އާޖެންޓީނާއަށް 'ހިޖުރަކުރަމުން' އަންނަނީ އެމީހުން ވިހާ ދަރިންނަށް އެ ގައުމުގެ ސިޓިޒަންޝިޕް ހޯދުމުގެ ބޭނުމުގައެވެ. މީގެ އިތުރުން ޔުކްރައިން އާއި ރިޝިއާގެ ހަނގުރާމަ އާ ގުޅިގެން ވެސް ގިނަ ބަޔަކު އަންނަނީ އެމީހުންގެ ދަރިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް އާޖެންޓީނާއަށް އެތެރެވަމުންނެވެ.

ބޭރުގެ މީޑިއާތަކުން ބުނެފައިވާ ގޮތުން ފަހަކަށް އައިސް އާޖެންޓީނާއަށް އެތެރެވާ މާބަނޑު މީހުންގެ އަދަދު އިތުރުވެފައި ވާއިރު މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެކަނިވެސް ރަޝިއާގެ 33 މާބަނޑު މީހުން ވަނީ އާޖެންޓީނާއަށް ދަތުރު ކޮށްފައެވެ. މި ގޮތަށް އާޖެންޓީނާއަށް ދަތުރުކުރާ ފަރާތްތަކާ ހެދި ގިނަ މައްސަލަތަކެއް ދިމާވަމުން އަންނައިރު މައިގްރޭޝަން އެޖެންސީގެ ހެޑް ފްލޮރެންޝިޔާ ވަނީ މިފަދަ ހާދިސާއެއް މީޑިއާގައި ހިއްސާކޮށްފައެވެ.

މި ގޮތުން ފްލޮރެންޝިޔާ ބުނީ މިދިޔަ ބުރާސްފަތި ދުވަހު ޓޫރިސްޓް ވިސާގައި އާޖެންޓީނާއަށް އެތެރެވުމަށް މަސައްކަތް ކުރި ތިން އަންހެނެއްގެ ލިޔެކިޔުންތަކުގައި މައްސަލަ ޖެހިފައިވާ ކަމަށެވެ. "އެމީހުން އާޖެންޓީނާއަށް އެތެރެވީ ޓޫރިސްޓުންގެ ގޮތުގައި. އެކަމަކު އެމީހުންނަކީ ޓޫރިސްޓުންނެއް ނޫން. އެމީހުންގެ ޑޮކިއުމެންޓްތަކުގައި ވަރަށް ބޮޑަށް މައްސަލަޖެހުނު" ފްލޮރެންޝިޔާ ބުންޏެވެ.

ރަޝިއާގެ ގިނަ ބަޔަކު އެމީހުންގެ ދަރިންނަށް އާޖެންޓީނާގެ ރަށްވެހިކަން ހޯދައިދިނުމަށް މަސައްކަތް ކުރާ ސަބަބުތަކުގެ ތެރޭގައި ރަޝިއާގެ ޕާސްޕޯޓަށް ވުރެ އާޖެންޓީނާ ޕާސްޕޯޓުން ގިނަ ގައުމުތަކުގައި ލުއި ފަސޭހަތަކެއް ލިބިގެން ދިޔުން ހިމެނެއެވެ. މި ގޮތުން އާޖެންޓީނާގެ ޕާސްޕޯޓުން ވިސާ އާ ނުލައި 171 ގައުމަކަށް ދަތުރުކުރެވޭ އިރު ރަޝިއާ ޕާސްޕޯޓުން ދަތުރު ކުރެވެނީ 87 ގައުމަށެވެ.